twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޭއާރުއެޗުގެ ޓީމުތައް ރަށްރަށަށް ގޮސް 400 އަށްވުރެގިނަ ބަލި މީހުން ބަލައިފި

- މި ފްރޮގުރާމްގައި 202 މާބަނޑު މީހުން ބަލާފައިވޭ
- ސްކޭންކުރެވޭ އިންތިޒާމްތަކާއެކު ކުރިއަށްދިޔަ މިއީ ފުރަތަމަ ޕްރޮގުރާމް
- އެ ހޮސްޕިޓަލުގެ ޑޮކްޓަރުން އެކި ސަރަހައްދުތަކުގައި ހިދުމަތްދޭ

Jul 6, 2020
2

ކޮވިޑްއާ ގުޅިގެން ދަތުރުފަތުރުގައި ދަތިކަން ހުރުމާއި ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމުގެ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިންގުނު އައުޓްރީޗު ފްރޮގުރާމަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ހދ އަތޮޅުގެ ހުރިހާ ގޮސް ހިންގުނު މި ކާމިޔާބު ޕްރޮގުރާމަށް ރައްޔިތުންނާ ހެލްތް ސެންޓަރުތަކުން ބޮޑު އެއްބާރުލުމާއި ތަރުހީބެއް ލިބުނުކަމަށް ކޭއާރުއެޗުން ހާމަކުރެ އެވެ. މި ޕްރޮގުރާމުގައި އަތޮޅުގެ ހުރިހާ ރަށަކަށް ވަނީ އަންހެނުންގެ ހާއްސަ ޑޮކްޓަރާއި ސްކޭން ޑޮކްޓަރު ޒިޔާރަތްކޮށް މާބަނޑު މީހުން ސްކޭންކޮށްފައި އެވެ.

18 ދުވަހުގެ ތެރޭގައި ހިންގުނު މި ޕްރޮގުރާމުގައި މުޅި ޖުމްލަ 429 މީހުން ބެލިފައިވާއިރު އަންހެނުންގެ ޑޮކްޓަރަށް 202 މީހަކު ބަލާފައިވެ އެވެ. އަދި އެތެރެހަށީގެ ޑޮކްޓަރު 166 މީހުން، ކުޑަކުދިންގެ ޑޮކްޓަރު 41 ކުދިން، ހަމުގެ ޑޮކްޓަރު 14 މީހުން އަދި ނަފްސާނީ ޑޮކްޓަރު 6 މީހުން ބަލާފައިވާކަމަށް ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ކޭއާރުއެޗުގެ މެނޭޖަރު ހެލްތް ސާވިސަސް އަހުމަދު ދާއޫދު ވިދާޅުވީ އެ ހޮސްޕިޓަލުގައި ގިނަ ސްޕެޝަލިސްޓުން ތިބުމާއެކު ވަރަށް ގިނައިން އައުޓްރީޗު ޕްރޮގުރާމްތައް ކުރިއަށް ގެންދާ ކަމަށާ ކޮވިޑްގެ ހާލަތާ ގުޅިގެން ދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް އައުމާއި ޑޮކްޓަރަށް ދެއްކުމުގައި ހުރި ދަތިކަމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ވަރަށް ގިނަ ރަށްރަށަށް އައުޓްރީޗު ޕްރޮގުރާމުގެ ދަތުރުތައް އެޅުނުކަމަށެވެ.

"އެންމެ ފާހަގަ މި ކޮށްލެވެނީ މާބަނޑު މީހުންނަށް އަމާޒު ކޮށްގެން ހިންގުނު ސްކޭން އަދި ގައިނީ އައުޓްރީޗު ޕްރޮގުރާމްތައް. ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު." އަހުމަދު ދާއޫދު ވިދާޅުވި އެވެ.

ހދ އަތޮޅުގެ 12 ރަށަށް ވެސް އަންހެނުންގެ ޑޮކްޓަރު ދަތުރު ކުރިއިރު، އިތުރު ސްޕެޝަލިސްޓަކު ކޮންމެ ރަށަކަށް ވެސް ދަތުރު ކޮށްފައިވެ އެވެ. އެގޮތުން އިތުރު ސްޕެޝަލިސްޓް ފޮނުވުމުގައި ބަލާފައި ވާނީ އެ ރަށަކުން އެންމެ ދެން އެންމެ ބޮޑަށް ރައްޔިތުންގެ ރިކުއެސްޓް އައި އޭރިޔާ އަށްކަމަށް ކޭއާރުއެޗުން ބުނެ އެވެ. މި ފްރޮގުރާމް ކުރިއަށްދިޔައިރު އެޕޮއިންޓްމަންޓް ދޫކުރުމުގައި އެ ރަށެއްގައި މާބަނޑު މީހުން ރެޖިސްޓަރ ވެފައި ތިބި ނިސްބަތަށް ބަލާފައިވެ އެވެ.

ކޭއާރުއެޗުން ބުނީ މީގެ އިތުރުން ޖޫން މަހުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖިސްޓް ޑރ. ޔޫސުފް 10 ދުވަހުގެ އައުޓްރީޗް ޕްރޮގުރާމެއްގައި ކ، އ.އ އަދި އ.ދ ގެ ރަށްތަކުގައި ހިދުމަތް ދީފައިވާނެކަމަށެެވެ.

އަދި މީގެ އިތުރުން ކޮންމެ މަހަކު އެއް ފަހަރު 3 ދުވަހުގެ އަައުޓްރީޗު ޕްރޮގުރާމުގައި ކޭއާރުއެޗުގެ ސްކޭން ޑޮކްޓަރު ހއ އަތޮޅު ހޮސްޕިޓަލުގައި އަދި ށ އަތޮޅު ހޮސްޕިޓަލުގައި ހިދުމަތް ދެ އެވެ. މިފަހަރު އެ ޕްރޮގުރާމުގައި ކޮންމެ ރަށެއްގައި ވެސް 6 ދުވަހު ރޭޑިއޮލޮޖިސްޓް ހިދުމަތްވެސް ދީފައިވާނެކަމަށް ކޭއާރުއެޗުން ބުނެ އެވެ.

މި ވަގުތު ކޭއާރުއެޗުގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު ނަޒީފު ވެސް ދަނީ ށ އަތޮޅު ހޮސްޕިޓަލުގައި ހިދުމަތް ދެމުންނެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355