ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހަތަރު މެމްބަރުން މަގާމުން ވަކިކޮށްދޭން ރައީސުލްޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ހަތަރު މެމްބަރުންނަކީ ކުރީގެ ސަރުކާރުން އެ ކޮމިޝަނަށް އައްޔަންކުރި، އެންއައިސީގެ ރައީސް އަހްމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން ޚަދީޖާ އަބްދުﷲ އެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި ދެން އިންނަވަނީ މިދިޔަ އަހަރު ނޮވެމްބަރުގައި އެ ކޮމިޝަނަށް މި ސަރުކާރުން އައްޔަން ކުރެއްވި، ކާނަލް (ރޓޑ) އަހްމަދު ޖިހާދު އެވެ.
ހަތަރު މެމްބަރުން އެކަށީގެންވާ ގޮތެއްގައި މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ފެންނާތީ އެ މެމްބަރުން މަގާމުން ވަކިކުރުމަށް ނިންމައި، އެގޮތަށް ރައީސަށް ލަފާއަރުވަން ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އެވެ. ވިސާމްގެ ހުށަހެޅުން މިއަދު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
މި މައްސަލަ ދެން ފޮނުވާނީ ރައްޔިތުން މަޖިލީހުގެ ތަޅުމަށެވެ. އެންއައިސީ އަށް މެމްބަރުން އައްޔަންކުރެއްވުމާއި ވަކި ކުރެއްވުމުގެ ބާރު އޮންނަނީ ރައީސަށެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ.