twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދުންފަތާއި ރަލުން ޑިއުޓީ ކުޑަނުކުރަން އިސްލާހު ހުށައަޅައިފި

ނަބީލާ އިސްމާޢީލް
Jul 9, 2020

ދުންފަތާއި ރަލުން ޑިއުޓީ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހު އުނިކުރުމަށް އިސްލާހު ހުށަަހަޅައިފި އެވެ.

އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް ގެންނަ ބައެއް ތަކެތިން 50 ޕަސަންޓް ޑިއުޓީ ކަނޑާލުމަށް މަޖިލީހުގެ މުޅި ކޮމިޓީން ފާސް ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. ޑިއުޓީ ކަނޑާލާ ބައެއް ތަކެތީގެ ތެރޭގައި ދުންފަތުގެ ބާވަތްތަކާއި ރަލުގެ ބާވަތްތައްވެސް ހިމެނެއެވެ.

އިމްޕޯޓު އެކްސްޕޯޓް ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރ މުހައްމަދު ވިސާމްއެވެ. މި އިސްލާހުތައް ދިރާސާކުރުމަށް ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ.

އަހުމަދު ރަޝީދު ހުށަހެޅުއްވި އިސްލާހުގައި މި ދެ ޕޯޓަށް ގެންނަ މުދަލުގެ ތެރެއިން 50 އިންސައްތަ ކަނޑާލަން ގިނަ ޗެޕްޓަރުތަކެއް ހުށަހެޅުއްވިއެވެ. މިއިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 54 މެމްބަރުންގެ ވޯޓުންނެވެ.

ޑިއުޓީ ކަނޑާލުމަށް މަޖިލީހުގެ މުޅި ކޮމިޓީން ފާސް ކުރި ރިޕޯޓަށް އިސްލާހު ހުށަހެޅީ، މައްޗަންގޮޅި ދެކުނު ދާއިރާ މެމްބަރު އަހްމަދު ހައިތަމެވެ. އޭނާ ވަނީ އެ ރިޕޯޓަށް ޖުމްލަ ތިން އިސްލާހެއް ހުށަހަޅާފައެވެ. އެއީ ކުރިން ޑިއުޓީ ކަނޑާލުމަށް ހިމެނު ފަސް ޗެޕްޓަރުގެ ބައެއް ބާވަތްތައް، ނުވަތަ މުޅި ޗެޕްޓަރު އުނިކުރުމަށެވެ.

އޭނާ ހުށަހަޅާފައިވާ އިސްލާހުތަކަކީ، ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް ހިމެނޭ ބަވާތްތައްކުން ޑިއުޓީ ކުޑަ ނުކުރުމަށެވެ. އޭގެ އިތުރުން ވޭޕްއާއި އީ- ސިނގިރޭޓާއި އޭގެ ބާވަތްތަކުންވެސް ޑީއުޓީ ކުޑަ ނުކުރުމަށް އިސްލާހުތަކުގައި ވަނީ ބުނެފައެވެ. އަދި ބަނގުރަލާއި ބަނގުރާ އެކުލެވޭ އެހެނިހެން ބާވަތްތަކާއި، ބަނގުރާ އެކުލެވޭ ވިނިގާއާއި 0.5 ޕަސަންޓަށްވުރެ މަދު މިންވަރަކަށް ބަނގުރާ އެކުލެވޭ ބުއިންތަކާއި، ބިއަރާއި، އެނާޖީ ޑްރިންކްސް، ނޮން ސްޕާކްލިންގ ވައިން އިންވެސް ޑިއުޓީ ކަނޑާނުލުމަށް ހައިތަމް އިސްލާހު ހުށަހަޅާފައިވެއެވެ.

ހައިތަމް ބައެއް އޮންލައިން ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިއްހީ ގޮތުން ގެއްލުން ލިބޭ އެފަދަ ތަކެތިން ޑީއުޓީ ކަނޑާޅުމަށް ނިންމުމަކީ، ސަރުކާރުގެވެސް އަދި އެމްޑީޕީ މަޖިލިސް މެމްބަރުންގެވެސް ވިސްނުމެއް ނޫން ކަމަށެވެ.

ކުރިން އެގޮތަށް ފާސްވެގެން ދިޔައީ، މުޅި ޗެޕްޓަރުތަކަށް އިސްލާހު ހުށަހެޅުމުން، މެމްބަރުންގެ ސަމާލުކަމަށް އެކަން ނައުމުން ކަމަށާއި އޭނާ ހުށަހެޅި މި އިސްލާހުތައް ފާސްވާނެ ކަމުގެ ޔަގީންކަންވެސް އެބައޮތް ކަމަށް ހައިތަމް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355