ރާއްޖޭގެ ބޯޑަރު މިއަދު ހުޅުވާލުމާއެކު އެމްޕޮލޮއިމްންޓް އެޕްރޫވަލް ގެ ދަށުން ރާއްޖެ އެތެރެވުމަށް ހާއްސަ ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުވިފައިވާ މުއްތަދުގައި ކޮންމެހެން ރާއްޖެ އަންނަން ޖެހޭ ފަރާތްތަށް ރާއްޖެ އައުމުގެ ކުރިން ހާއްސަ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ހަމަޖެހިފައިވާ އުސޫލު މިއަދުން ފެށިގެން ބާތިލް ކޮށްފައިވާ ކަމަށެވެ.
ބިދޭސީން ރާއްޖެ އެތެރެވުމުގެ ކުރިން ހުއްދަ ހޯދުމާ ގުޅޭ އިއުލާން pic.twitter.com/oHWIfmpKus
— Economy & Trade (@MoEDmv) July 15, 2020
އެހެން ކަމުން އެމްޕޮލޮއިމްންޓް އެޕްރޫވަލް ގެ ދަށުން ރާއްޖެ އެތެރެވުމަށް ބޭނުންވާ ހާއްސަ ހުއްދަ މިއަދުން ފެށިގެން ހޯދަން ނުޖެހޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
މިއަހަރުގެ މާޗުމަހުގެ 21 ވަނަ ދުވަހުން ފެށިގެން ޗުއްޓީއަށް ދިއުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކާއި އެމްޕްލޯއިމެންޓް އެޕްރޫވަލް ލިބިގެން އަލަށް ރާއްޖެ އަންނަ ފަރާތްތައް ރާއްޖެ އެތެރެވުމަށް މިނިސްޓްރީން ވަކި ހުއްދައެއް ނަގަންޖެހެއެވެ. އަދި ރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން ހުއްދައަށްއެދި އިކޮނޮމިކް މިނިސްޓްރީއަށް ފޯމަކުން ހުށަހަޅަންޖެހެއެވެ.
މި ހުއްދަ އަކީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މުއްދަތުގައި ކޮންމެހެން ގެންނަންޖެހޭ ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ގެ އިތުރަށް ހޯދަންޖެހުނު ހުއްދަ އެކެވެ.
ނަމަވެސް މިއަދުން ފެށިގެން ރާއްޖެގެ ބޯޑަރުތައް އަލުން ހުޅުވާލުމާއެކު، ކުރިއެކޭ އެއްގޮތަށް ހާއްސަ ހުއްދަ އަކާއި ނުލައި ވޯކް ވިސާ އޮންނަ މީހުންނަށް ރާއްޖެ އެތެރެވެވޭނެ އެވެ.