ކުޅުދުއްފުއްޓާއި އައްޑޫގައި ގާއިމްކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ މުދަލުން 50 ޕަސެންޓް ޑިއުޓީ މާފުކުރަން ބޭނުންވާނަމަ އެ މުދަލެއް އެ ޕޯޓް ހުންނަ ރަށުގައި ގުދަން ކުރަން ގާނޫނުން ލާޒިމް ކުރަން ހުށައެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހަޅާފައިވާ އިސްލާހުތަށް ދިރާސާ ކުރުމަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީއިން ނިންމާފައިވަނީ އައްޑޫ އަދި ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް އެތެރެ ކުރާ ބައެއް މުދަލުގެ 50 ޕަސެންޓް ޑިއުޓީ ކަނޑާލާށެވެ. މިއަދު މަޖިލީހުން ފާސްކުރީ ސިނގިރެޓާއި އޫރުމަސް ފިޔަވައި އެހެން ހުރިހާ މުދަލެއް އެ ދެ ޕޯޓަށް އެތެރެކުރާ ނަމަ 50 ޕަސެންޓް ޑިއުޓީ ކަނޑާލާށެވެ.
" މި ގާނޫނުގެ ދަށުން މާލެ ފިޔަަވައި އެހެން ސަރަހައްދުތަކަށް އެތެރެކުރެވޭ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީ މައާފުކޮށްދެވޭނީ އެ ދަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގައި ގުދަން ކުރެވޭ ނުވަތަ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގެ ލޯކަލް ބަނދަރުން ބޭރުކުރެވޭ މުދަލަށެވެ" ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލްލަތީފް ހުށަހަޅައި މައދު ފާސްކުރި އިސްލާހުގައި ބުނެފައިވެ އެވެ.
ނަމަވެސް އެގޮތަށް އެތެރެކުރެވޭ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީ މައާފުކޮށްދެނީ އެ ސަރަހައްދީ ބަނދަރެއް ނިސްބަތްވާ ރަށުގައި ގުދަންކުރެވޭ ނުވަތަ އެ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގެ ލޯކަލް ބަނދަރުން ބޭރުކުރެވޭ ތަކެއްޗަށެވެ.
އަދި މި އިސްލާހުގައިވާ ގޮތުން އިމްޕޯޓް ޑިއުޓީ މައާފުކޮށްދެވެނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅުމުންނެވެ. އަދި އެ ތަކެޗައް އިމްޕޯޓް ޑިއުޓީ މައާފްކުރުމުގައި އަމަލުކުރާނެ އުސޫލު މި ގާނޫނުގެ ދަށުން ކަސްޓަމްސްއިން ހަދާ ގަވައިދުގައި ބަޔާންކުރަން ވާނެ ކަމުގަ އެވެ.
މި އިސްލާހު ފާސްކުރަން ޖަލްސާގައި ބައިވެރިވި 58 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.