twitterviber whatsapp telegramfacebookyoutube instagram
8th September 2024

ރެސިޑެންޓް ވިސާގެ ހަގީގަތް ހޯދުމަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ނަބީލާ އިސްމާޢީލް
Jul 20, 2020

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޫކުރާ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހުގެ ސަބަބު ހޯދަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި އެ ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފެންނަ ކަމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ. ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން އެ މައްސަލައަށް ބަހުސް ކުރަން ފާހެއް ނުވި އެވެ.

މެނަބަރު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނަނީ އިމިގްރޭޝަންގެ ގާނޫނަށް އެ އިސްލާހު ރައީސް ނަޝީދު ގެންނަން ބޭނުންފުޅުވާ ހަގީގަތް ހޯދަން ޖެހޭނެ ކަމަށެވެ. އެކަމުގެ އެއް ސަބަބަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރޭގައި ހިމެނޭ ބާރުގަދަ ގައުމެއްގެ 25،000 އެއްހާ މީހުނަށް ދާއިމީކޮށް ރާއްޖޭގައި ތިބެވޭ ގޮތް ހެދުމަށް ފަހު، ރަށްވެހިކަން ދިނުން ކަމަށް މައުލޫމާތު ލިބޭ ކަމަށް އެ ކުއްލި މައްސަލަ ތަޅުމަށް ތައާރަފު ކޮށްދެއްވަމުން މެމްބަރު ވިދާޅުވި އެވެ.

އަދި އެކަން ތަރުތީބު ކުރެވިގެން ދަނީ ވަކި ހިސާބަކުން އެމީހުން ދިވެހިރާއްޖޭގެ ރައްޔިތުކަން ދިނުން ކަމަށާއި އޭގެ ކުރިން ދާއިިމަށް ތިބެން ފެށުމާއެކު ރާއްޖޭގެ އެއްބައިވަންތަކަން ގެއްލޭނެ ފަދަ ކަންކަން ކުރުމަށް ރާވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައަށް އޮތް ހައްލަކީ އެމީހުންނަށް ދިވެހި ރައްޔިތުކަން ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވިދާޅުވެފައި ވުމަކީ މިކަމަށް ބާރުލިބިދޭ އިތުރު ހެއްކެއް ކަމަށެވެ.

މި ފަދަ ކަންކަމަކީ ދިވެހިރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލާއި ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކަމަކަށް ވާތީ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށާއި ހުރިހާ ދިވެހި ރައްޔިތުންގެ ސަމާލު ކަމަށާއި މުޅި ގައުމުގެ ސަމާލު ކަމަށް ގެނައުމަށް ހުށަހެޅުއްވި ކުއްލި މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

ކުއްލި މައްސަލައިގައި ބުނެފައި ވަނީ 25،000 މީހުންނަށް ރާއްޖޭގައި ދާއިމަށް ތިބެވޭނެ ގޮތް ހަދާ، ވަކި ހިސާބަކުން ރައްޔިތުކަން ދީފި ނަމަ ރާއްޖޭގައި ކުރިއަށް ބާއްވާ އިންތިހާބުތަކަށް ވަރަށް ބޮޑަށް އެހެން ގައުމުތަކަށް ނުފޫޒު ފޯރުވޭނެ ކަމަށެވެ. އަދި އެ އަދަދު ބޭނުންކޮށްގެން ރާއްޖޭގެ މަދު ބައެއްގެ ވޯޓު ކޮޅަކާއެކު އިންތިހާބެއް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ސަރުކާރުން ފޮނުވާފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލް ދިރާސާކޮށް ނިންމައި ތަޅުމަށް ފޮނުވުމުން، އަނބުރާ ކޮމިޓީއަށް އެ ބިލް ފޮނުވި އެވެ. ކޮމިޓީއަށް ބިލް ފޮނުވައި، ނަޝީދު އެދިވަޑައިގަތީ އެމަނިކުފާނު ހުށަހެޅުއްވި އިސްލާހު ދިރާސާކޮށް ކޮމިޓީން ގޮތެއް ނިންމުމަށެވެ.

ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ކޮމިޓީ މަރުހަލާގައި ބިލް ދިރާސާ ކުރަމުން ދަނިކޮށް އަދި ބިލް ދިރާސާކޮށް ނިންމުމަށް ފަހު ތަޅުމަށް ފޮނުވުމުން އެމަނިކުފާނަށް އިސްލާހެއް ހުށަނޭޅޭނެ ކަމަށާއި އެ ގޮތަށް އަމަލު ކޮށްފައި ވެސް ނުވާނެ ކަމަށެވެ. އެމަނިކުފާނު ކޮމިޓީއަށް ފޮނުއްވީ މަޖިލީހަށް ލިބުނު ހިޔާލުތަކުގެ ނޯޓުތައް ކަމަށެވެ.

އެ އިސްލާހުތަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން މަޖިލިސް ރައީސް އަށް ވަނީ އަމާޒުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355