ކޮވިޑް-19 އަށް ފަރުވާދިނުމަށް އަތޮޅުތަކުގެ ތެރޭގައި ގާއިމްކުރާ ފެސިލިޓީތަކުގެ ތެރެއިން ލ. ގަމާއި ގއ. ވިލިނގިލީ މެނޭޖްމަންޓް ފެސިލިޓީ ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
ވާޗުއަލްކޮށް ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ދެ ފެސިލިޓީ އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަމު ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ، ގަމު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ހުންނަނީ 47 އެނދު ކަމަށެވެ. އެއީ އައިސީޔޫގެ 20 އެނދާއި އައިސޮލޭޝަނަށް 15 އެނދުގެ އިތުރުން ކަރަންޓީނު ކުރާ މީހުންނަށް ހާއްސަ 12 އެނދެވެ.
ގއ.ވިލިނގިލީ އަދި ލ.ގަމުގައި ޤާއިމް ކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތު.@LaamuGRH @GaHospital @ameenex @faya_i pic.twitter.com/fSQ2K4ACWp
— Ministry of Health (@MoHmv) July 21, 2020
ވިލިނގިލީ ކޮވިޑް-19 މެނޭޖްމަންޓް ސެންޓަރުގައި 23 އައިސީޔޫ އެނދާއި ވެންޓިލޭޓަރުގައި ފަރުވާ ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
ކޮވިޑަށް ޓެސްޓްކުރަން ގަން ހޮސްޕިޓަލްގައި ވަކި ލެބޯޓްރީއެއް ގާއިމްކޮށް ޖީން އެކްސްޕާޓް މެޝިނެއް ވަނީ ބަހައްޓައިފަ އެެވެ. އެ މެޝިނުން ދުވާލަކު 48 ޓެސްޓް ހެދޭނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވީ ކޮވިޑަށް ޓެސްޓްކުރަން ބޭނުންވާ ޖީން އެކްސްޕާޓް މެޝިން މިމަހު ލިބޭނެކަމަށް ބެލެވޭ ކަމަށެވެ.
ޓްރާންސިޓް ދެ ފެސިލިޓީއާއެކު އަތޮޅު ތެރޭގައި ކޮވިޑަށް ފަރުވާ ދެވޭނެ ހަތް ތަނެއް ވަނީ ހާއްސަކޮށްފައެވެ.
ކޮވިޑް-19 އަށް ހާއްސަކޮށްގެން ފުރަތަމަ ފެސިލިޓީއެއް ގާއިމް ކުރީ ހުޅުމާލޭގަ އެވެ. ގާތްގަނޑަކަށް 300 އެއްހާ މީހުންގެ ޖާގައިގެ އެ ފެސިލީޓީގައި މިހާރު ބާކީ ހުރީ މަދު އެނދެއް ކަމަށް އައިޖީއެމްއެޗްއިން ބުނެފައި ވެ އެވެ.