twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދައުލަތުގެ އާމްދަނީ 46 ޕަސެންޓް ދަށަށް

ޚަދީޖާ އާދަމް
Jul 25, 2020

މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 46 ޕަސެންޓަށް ވެއްޓި، ހަރަދުތައް ތިން ޕަސެންޓް ކުޑަ ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރިން ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން 13.1 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. މީގެ ތެރެއިން 70 ޕަސެންޓަކީ ބަޖެޓުން ކޮށްފައިވާ ރިޔަކަންޓް ހަރަދެވެ. ކެޕިޓަލް ހަރަދުތަކުގެ ހިއްސާއަކީ 30 ޕަސެންޓެވެ.

ދައުލަތުގެ ބަޖެޓުން މި އަހަރުގެ މިހާތަނަށް މުސާރަ ދޭން ފަސް ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. މިދިޔަ އަހަރު ވެސް ހޭދަވެފައި ވަނީ ގާތްގަނޑަކަށް އެ މިންވަރެވެ. މި އަހަރުގެ ބަޖެޓުގައި މުސާރަ ދޭން 10.1 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.

ނަމަވެސް މި އަހަރުގެ ކުރި ހޭދަވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން 13.5 ބިލިއަން ރުފިޔާ ހޭދަ ކުރި އެވެ. އެހެން ކަމުން މިއީ ގާތްގަނޑަކަށް ތިން ޕަސެންޓުގެ ދަށްވުމެކެވެ.

ބަޖެޓުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރީ ކެޕިޓަލް އެކްސްޕެންޑިޗާގެ ތެރޭގައި ހިމެނޭ ބިން ތަކާއި އިމާރާތް ތަކަށެވެ. މި ބަޔަށް 1.19 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ހޭދަ އުޅެނީ 365.8 މިލިއަން ރުފިޔާގަ އެވެ.

މި އަހަރުގެ މިހާތަނަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބުނީ ހަތް ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ގެ މި މުއްދަތާ ހަމައަށް ބަލާނަމަ 13 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މީގެތޭގައި ޓެކުހުގެ އާމްދަނީ ހިމެނެނީ ގޮތުގައި ލިބިފައިވަބީ 5.3 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ޓެކުހުގެ އާމްދަނީގެ ގޮތުގައި 9.2 ބިލިއަން ރުފިޔާ ލިބުނެވެ.

އަދި ޓެކްސް ނޫން ގޮތްގޮތުން މިދިޔަ އަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ތިން ބިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރު ލިބުނީ 1.4 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރު 483.4 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު ލިބިފައިވަނީ 25 މިލިއަން ރުފިޔާ އެވެ.

މިހާތަނަށް އެންމެ ބޮޑަށް އަސަރު ކޮށްފައި ވަނީ ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އަށެވެ. ޓެކުހުގެ އާމްދަނީ ލިބުނު ދާއިރާތަކުގެ ތެރެއިން މި އަހަރު ނަގަން ފެށި ވަކި ފަރުދުންގެ އާމްދަނީގެ ޓެކްސް ނުވަތަ އިންކަމް ޓެކުހުގެ ގޮތުގައި 433.4 މިލިއަން ރުފިޔާ މިހާތަނަށް ލިބިފައިވެ އެވެ.

މި އަހަރަށް ސަރުކާރުން 37.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި އެވެ. މި ބަޖެޓުގައި 30 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދަން ހިމެނި އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ޓޫރިޒަމް ހުއްޓުމުގެ ސަބަބުން މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ޓޫރިޒަމް ހީނަރުވުމުން އާމްދަނީގެ ގޮތުގައި މި އަހަރު ލިބޭނީ 15 ބިލިއަން ރުފިޔާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355