twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފަތުރުވެރިން ތިބި ރިސޯޓުތަކުން ރަށަށްގޮސް 14 ދުވަހު ކަރަންޓީނުވާން ޖެހޭ

ނަބީލާ އިސްމާޢީލް
Aug 2, 2020

ބޯޑަރު ހުޅުވާލި ފަަހުން ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކުން ރަށްރަށަށް ދާ މީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ)ން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކުގެ ތެރެއިން ބޯޑަރު ހުޅުވާލި ފަހުން ފަތުރުވެރިން އައިސްފައިވާ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު އެއްވެސް ސަބަބަކާހުރެ މީހުން ދިރިއުޅޭ ރަށަކަށް ދާނަމަ އެ ރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން ރިސޯޓުތަކަށް އަރާފޭބުން ވަގުތީ ގޮތުން މަނާކުރުމަށް ފަހު ރިސޯޓުތަކުން މީހުން ފޭބުމުގައި ޢަމަލުކުރާނެ އުސޫލެއް އެކުލަވާލާފައިވަނީ މާޗް މަހުގެ 30 ވަނަ ދުވަހުގައެވެ. އޭރު ނިންމާފައިވަނީ ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ރިސޯޓުން ފޭބޭނީ އެރަށެއްގައި ތިބި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަވުމަށްފަހު އެޗްޕީއޭގެ ލިޔުމާއެކުގައިކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވާލީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެކަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު އެހެން އެއްވެސް ފަތުރުވެރިޔެއްގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް އެޗްއީއޯސީ އިން ބުންޏެވެ.

ރިސޯޓްތަކުގެ މުވައްޒަފުން ރިސޯޓުން އެހެން ރަށަކަށް ދާނަމަ ކަރަންޓީންގައި 14 ދުވަހު މަޑުކުރަންޖެހޭގޮތަށް ހަމަޖައްސާފައިވަނީ ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުންނެވެ. ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ ކޮވިޑް-19 ފެތުރުނަ ކޮންޓުރޯލްކުރުމަށްޓަކައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާއެކުގައެވެ.

މާލެއިން ރަށްރަށަށް ދާ މީހުންވެސް 14 ދުވަހުގެެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭއިރު ކަރަންޓީނު މުއްދަތު ފުރިހަމަވުމުން ހަދާ ޕީސީއާރު ޓެސްޓުން ބައެއް މީހުން ދަނީ ޕޮޒިޓިވް ވަމުންނެވެ.

ހަލުވިކަމާއިއެކު ކޮވިޑް ފެތުރެމުން އަންނަ މާލެ ސަރަހައްދު ފިޔަވައި މިވަގުތު ބަލިފެނިފައިވާ ރަށްތަކުގެ ތެރޭގައި ހއ. ކެލާ، ހއ. އިހަވަންދޫ، ބ. އޭދަފުށި، ޅ. ހިންނަވަރު، ޅ. ކުރެންދޫ، ކ.މާފުށި، ވ. ފުލިދޫ، ބ. ކަމަދޫ، ބ. ހިތާދޫ އަދި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ބ. ސީސައިޑްފިނޮޅު ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355