twitterviber whatsapp telegramfacebookyoutube instagram
16th April 2024

އިހަވަންދޫއިން 3 މީހަކު ޕޮޒިޓިވްވެ ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެއްޖެ

ޚަދީޖާ އާދަމް
Aug 3, 2020

ހއ. އިހަވަންދޫއިން 3 މީހަކު ޕޮޒިޓިވްވެ ބަލި އިތުރަށް ފެތުރުމުގެ ނުރައްކާ ބޮޑު ވެއްޖެ އެެވެ.

އެރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ އެރަށުގެ "242" ބޯޓުގެ ކޭޝިޔަރެވެ. އެއަށްފަހު ރޭ އެބޯޓުގެ އިތުރު ފަޅުވެރިއަކާއި އެރަށު "ތަޚްތު" ބޯޓުގެ ފަޅުވެރިއަކު ޕޮޒިޓިވްވިކަން އަންގާފަ އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ކޭއޯ އަށް މައުލޫމާތު ދެމުން ވިދާޅުވީ މިވަގުތު މޮނީޓަރިންގެ ހާލަތު ރަށް ނަގާފައިވީ ނަމަވެސް ފަހުން ޕޮޒިޓިވްވި ކޭސްއާއި ގުޅިގެން އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނައުމަކީ އެކަށީގެން ވާ ކަމެއް ކަމަށެވެ.

ޕޮޒިޓިވްވި ފަރާތްތަކުން މިވަގުތު ތިބީ ކަރަންޓީނުގައި ކަމަށްވެސް އަހުމަދު ވިދާޅުވި އެވެ.

ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތައް އެރަށް މޮނީޓަރިންނަށް ލުމަށްފަހު މޮނީޓަރިންގެ ހާލަތުން ނަގާފައިވަނީ އިއްޔެ ހަވީރުއެވެ.

މި ދެ ބޯޓަކީވެސް މުދާ އުފުލާ ދެ ބޯޓަށް ވާއިރު ހއ، އަދި ހދ ގެ ގިނަ ރަށްތަަކަށް ބޯޓުދަތުރު ކުރެއެވެ. އެގޮތުން "242" ބޯޓުވަނީ އިހަވަންދޫގެ އިތުރުން ހދ ވައިރަދޫއަށް ދަތުރުކޮށްފަ އެވެ. އެހެންކަމުން މި ދެ އަތޮޅުގައިވެސް ބަލި ފެތުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.

ރަށް މޮނީޓަރިންގެ ހާލަތުން ނެގިކަމުގައި ވިއަސް މިހާލަތުގައި ކައުންސިލުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މިވަގުތު މާލެ ސަރަހައްދުގެ އިތުރުން އިތުުރު ރަށް ތަކުގައި އެކްޓިވް ކޭސްތައް ވަނީ ފާހަގަވެފައެވެ. އެ ރަށްތަކަކީ، ހއ. ކެލާ، ހއ. އިހަވަންދޫ، ބ. އޭދަފުށި، ބ. ތުޅާދޫ، ބ.ހިތާދޫ، ޅ. ކުރެންދޫ، ޅ. ހިންނަވަރު، ކ. މާފުށި، ވ. ފުލިދޫއެވެ. މީގެ އިތުރުން ސޮނޭވާ ޖާނީ ރިސޯޓުން ވެސް އެކްޓިވް ކޭސް އެއް ވަނީ ފާހަގަވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355