މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލާ ގެޒެޓް ކޮށްފި އެވެ.
މި ގަވާއިދު ބުނާގޮތުން ދައުލަތަށް ނެގޭ ފައިސާއާއި ދައުލަތަށް ނެގޭ މުދަލުން ލިބޭ އާމްދަނީ ޖަމާކުރުމަށް ކަމާބެހޭ އިދާރާއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އެކައުންޓެއް ހުޅުވަންވާނެ އެވެ.
މީގެ އިތުރުން ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރުގައިވާ ފައިސާ ހުރީ ބޭންކް އެކައުންޓެއްގައި ކަމަށް ވާނަމަ ކަމާބެހޭ އިދާރާއިން ކޯޓު އަމުރު ނެރެ، އެ އެކައުންޓެއް އޮތް ބޭންކަކަށް ހުށަހެޅުމުން ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދު އެ އެކައުންޓުން އުނިކޮށް އެ ބޭންކަކުން އެފައިސާ ޖަމާކުރަންވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އަދި ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރުގައިވާ ފައިސާ ހުރީ ދައުލަތުގެ އިދާރާއެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ ބެލުމުގެ ދަށުގައި ކަމަށް ވާނަމަ ކަމާބެހޭ އިދާރާއިން ކޯޓު އަމުރު އެ ފަރާތަކަށް ހުށަހެޅުމުން ކޯޓް އަމުރުގައިވާ ފައިސާ އެމްއެމްއޭގައިވާ އެކައުންޓަށް ޖަމާކުރަން ޖެހެއެވެ.
އަދި މި އެކައުންޓުން ފައިސާ ނެގޭނީ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުުރުން ދައުލަތަށް ނެގޭ ފައިސާއާމެދު އަމަލު ކުރާނެ ގޮތާއި މުދަލެއް ނައްތާލަން ޖެހިއްޖެނަމަ އަމަލުކުރާނެ ގޮތްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ނައްތާލަންޖެހޭ މުދަލުގެ ތެރޭގައި ޖިނާއީ އިތުރު ކުށެއް ކުރުމަށް ނުވަތަ ގާނޫނާ ހިލާފު އަމަލެއް ހިންގުމަށް ބޭނުންކޮށްފާނެ ކަމަށް ބެލެވޭ މުދަލާއި އެ މުދަލެއް އަތުގައި ބެހެއްޓުމަކީ ނުވަތަ އެ މުދަލެއްގެ މިލްކުވެރިކަން އޮތުމަކީ ނުވަތަ އެ މުދަލެއް ބޭނުންކުރުމަކީ ކުށެއް ކަމުގައިވާ ކޮންމެ މުދަލެއްވެސް ނައްތާލަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
މި ގަވާއިދުގައި ދައުލަތަށްނެގޭ މުދާ ވިއްކާލުމާއި ކުއްޔަށްދިނުމުގައި އަމަލު ކުރާނެ ގޮތްވެސް ބުނެފައިވެއެވެ. އެގޮތުން ދައުލަތަށް ނެގޭ މުދާ ވިއްކާލަންވާނީ އެ މުދަލަކަށް ކޮމްޕެޓިޓިވް ރަނގަޅު އަގެއް ލިބޭނެ ގޮތަށް ކަމަށް ބުނެފައިވެއެވެ.
އަދި ދައުލަތަށް ނެގޭ މުދަލަކީ ހިއްސާ ހިމެނޭ ގޮތުން ސެކިއުރިޓީސް ކަމަށްވާނަމަ، އެކަށީގެންވާ އަގެއްގައި ވީއެންމެ އަވަހަކަށް އެ ސެކިއުރިޓީސް ވިއްކާލަންވެސް ޖެހެއެވެ. ދައުލަތަށް ނެގޭ ސެކިއުރިޓީސް ފިޔަވައި، 100,000 ރުފިޔާއަށްވުރެ އަގު ބޮޑު މުދާ ވިއްކާލަންވާނީ އާންމުކޮށް ހުޅުވައިލެވިފައިވާ ބީލަމެއްގައި ކަމަށާ ދައުލަތަށް ނެގޭ މުދާ ވިއްކާލައިގެން ނުވަތަ ކުއްޔަށް ދީގެން ލިބޭ ފައިސާ އެމްއެމްއޭގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރަންވާނެ ކަމަށްވެސް މި ގަވާއިދުގައި ބުނެއެވެ.
މީގެ އިތުރުން އަދި ކައުންޓާފީޓް މުދަލާއި އެ މުދަލެއް ބެހެއްޓުމުން އާންމުންގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ބެލެވޭ މުދަލާއި އެ މުއްދަލެއް ބެހެއްޓުމުގެ ސަބަބުން ތިމާވެށްޓަށް ގެއްލުން ލިބޭނެކަމަށް ބެލެވޭ މުދާވެސް ނައްތާލަން މި ގަވާއިދު އަންގައެވެ.
ގެޒެޓް ކުރުމާއެކު މި ގަވައިދަށް އަމަލުކުރަން ޖެހެއެވެ.