twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހދ އަތޮޅުގެ ޑީޖީ ރަށުން ބޭރުގައި ހުންނަވައި ހިދުމަތްނުކޮށް ހިންގުމުގެ އެލެވެންސް ނެންގެވި މައްސަލައެއް ފެންމަތިވެއްޖެ

އަބްދުލް ވާހިދު ޙަސަން
Aug 12, 2020
57

ހދ އަތޮޅު ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް (ޑީޖީ) އައްސަދު އަބުދުﷲ ރަށުން ބޭރުގައި ހުންނެވި ދުވަސްތަކުގައި ހިންގުމުގެ އެލެވެންސް ނެންގެވި މައްސަލަ ފެންމަތިވެއްޖެ އެވެ.

ހަލުވިކަމާއެކު ދުނިޔޭގައި ކޮވިޑް-19 ރޯގާ ފެތުރެން ފެށުމާއި ގުޅިގެން ރާއްޖެއިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ވަކި މުއްދަތަކަށް ސަރުކާރު އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލް ޖުމްހުރިއްޔާ ހަމަޖެއްސެވިއެވެ. އެގޮތުން އެންމެ ފުރަތަމަ އޮފީސްތައް ނުހުޅުވާ ޚިދުމަތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެއްސީ 19 މާރޗުގައި އެވެ.

އެއްވެސް ޝައްކެއް ވެސް ނެތް ގޮތުގައި މި ފިޔަވަޅަކީ މުވައްޒަފުންނަށް ޗުއްޓީއެއް ދިނުމުގެ ބަދަލުގައި ބަލީގެ ނުރައްކާތެރިކަމާއި ބާވަތުން، ބަލި ކޮންޓްރޯލް ކުރަމަށް އެޅުނު ފިޔަވަޅެކެވެ. އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސި ކަމުގައި ވިޔަސް ރައްޔިތުންނާ ކައިރިން މަސައްކަތް ކުރާ މުއައްސަސާތައް އޮފީސް ބަންދުކޮށްފައި ބަހައްޓައިގެން ކޮވިޑް-19 އާ ގުޅިގެން އާންމުން ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ފެށުނެވެ.

އެގޮތުން އެންމެ ގިނަ މަސައްކަތްތަކެއް ހާއްސަކޮށް އަތޮޅުތެރޭގެ ރަށްތަކުގައި ކޮށްފައިވަނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުންނެވެ. ރަށްރަށުގައި އުފެއްދި ޓާސްކް ފޯސްތަކާއި ސޯޝަލް ސަޕޯޓް ޑެސްކުތައް ހިންގުމުގެ ބުރަ ބޮޑު ޒިންމާ ރަށްތަކުގެ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ހަވާލު ކުރެވުނެވެ.

އެ ހަފްތާގައި އަތޮޅު ކައުންސިލްގެ ޑީޖީ އައްސަދު ވަނީ އުފަން ރަށަށް އުތީމަށް ފުރާވަޑައިގެންފައި އެވެ. ކޭއޯއަށް އިތުބާރުހުރި ގޮތަކަށް އެނގިފައިވާގޮތުގައި އޮފީސް ބަންދު ކުރުމާ ގުޅިގެން ޑީޖީ އައްސަދު ވަނީ ލަސްކުރުމަކައި ނުލައި އޮފީހުގެ ހިންގުން އެހެން ބޭފުޅަކާއި ހަވާލުނުކޮށް އޮފީހަށް ނާންގާގައި ރަށުން ފުރައިގެން ގޮސްފައި އެވެ. ޑީޖީ ފުރަތަމަ ވިދާޅުވީ ވަޑައިގެންނެވީ ޑިއުޓީ އަދާ ކުރާ ރަށް ކުޅުދުއްފުށީގައި ރީޖިނަލް ހޮސްޕިޓަލެއް ހުރިކަމުގައި ވިޔަސް އުފަން ރަށް ހއ. އުތީމަށް ބޭސް ފަރުވާއަކަށް ކަމަށެވެ.

އެކަމަކު އަނބުރާ ރަށަށް ވަޑައިގަތުމަށް ކައުންސިލް މެމްބަރުން އެދުނުއިރު ޑީޖީ ހުންނެވީ އައްޑޫ ސިޓީގައި އެވެ. ޑީޖީ އެނބުރި ރަށަށް ވަޑައިގެންނެވީ އާ އާންމު ހާލަތުގައި އޮފީސްތައް ހުޅުވައިގެން ހިދުމަތް ދިނުމަށް އެނގުމުން، 3 މަހަށް ވުރެ ގިނަދުވަހު ޑިއުޓީ ސްޓޭޝަންއާއި ދުުރުގައި އުޅުމަށްފަހު 5 ޖުލައިގައި އެވެ.

ޑީޖީ ރަށުން ބޭރުގައި ހުންނެވި ދުވަސްތަކާއި އެއްކޮށް ޑީޖީ ހިންގުމުގެ އެލަވެންސް ނަގާފައިވާކަން އަތޮޅު ކައުންސިލްގެ މިހާރުގެ ރައީސް މުހައްމަދު ވަސީމްވެސް ވަނީ މި ނޫހަށް ކަށަވަރު ކޮށްދެއްވާފައި އެވެ. މި ކަމާ ގުޅިގެން ކައުންސިލް ގެ މުވައްޒަފުގެ މެދުގައި ޑީޖީ ނުކުރައްވާ މަސައްކަތަށް އެލަވަންސް ނަގާފައިވާތީ ނުތަނަވަސްކަން އުފެދިފައިވާކަމުގެ މައުލޫމާތު މި ނޫހަށް ވަނީ ލިބިފައެވެ.

ޑިޖީ އޮފީހަށް އެންގުމަކާ ނުލައި ޒިންމާތައް އެހެން މުވައްޒަފަކާ ހަވާލު ކުރުމަކާ ނުލައި، ޗުއްޓީ ނުނަންގަވައި ރަށުން ފުރައިގެން ގޮސް ޑިއުޓީ އަދާ ކުރާ ރަށަށް އަނބުރާ ވަޑައިގަތުމުގެ ފުރުސަތު ފަހިވުމުން ވެސް ވަޑައިނުގަތް އެތައް ދުވަހެއް ހޭދަކުރި މައްސަލަ ސިވިލް ސާރވިސްއަށް ހުށައަޅައި އެޅެން ހުރި ފިޔަވަޅުތައް ބައްލަވާނެކަމަށް ކައުންސިލްގެ ރައީސް މި ނޫހަށް މިކަމާއި ގުޅޭގޮތުން ދިން އިންޓަރވިއުގައި ވަނީ ވިދާޅުވެފައިއެވެ.

ޑީޖީ އައްސަދު އައްޑޫގައި ތާށިވި ގޮތާ ބެހޭގޮތުން ވަސީމް ވިދާޅުވީ އެންމެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ އެއް ހަފްތާއަށް ސަރުކާރުގެ އިދާރާތައް ބަންދުކުރުމާ ގުޅިގެން، ޑީޖީ ކުޅުދުއްފުށިން ފުރާވަޑައިގެންނެވީ އުފަން ރަށް އުތީމަށް ކަމަށާއި ދެން އާއިލާގެ ބޭފުޅުން ތިއްބެވުމާއެކު ދެން ދަތުރުކުރެއްވީ އައްޑޫ ސިޓީއަށް ކަމަށެވެ.

"ދެން ކުއްލިއަކަށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކުރެއްވުމާ ގުޅިގެން އެކޮޅުގައި (އައްޑޫ) ގައި މަޑުކުރެއްވީ. އޭރުގައި އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނުގޮތުގައި ތާށިވީ." ވަސީމް ވިދާޅުވި އެވެ.

"ޑީޖީ އަޅުގަނޑުމެންގެ މަސައްކަތަށް ވަޑައިގެންނެވޭތޯ އެކި ފަހަރު ގުޅަމުންވެސް ދިޔައީން. ދެން އައްޑޫން ފްލައިޓް މާލެއަށް ދަތުރުކޮށްފައި މާލެއިން ކުޅުދުއްފުއްޓަށް ނުވަތަ ހަނިމާދޫއާ ދޭތެރޭގައި ފްލައިޓްތައް ދިމާވާ ގޮތަކަށް ނޫން އޮތީއެއް. އެއީ ދެން ނާދެވުނު އެއް ސަބަބު." ވަސީމް ވިދާޅުވި އެވެ.

ވަސީމް ވިދާޅުވީގޮތުގައި ޑީ.ޖީ ރަށުން ބޭރުގައި ހުންނެވިއިރުވެސް އޮފީސް ހިންގުމުގެ ކަންތައްތައް ކުރައްވާފައިވަނީ ޑީޖީ ކަމަށެވެ. އެކަމަކު ކައުންސިލްގެ ފަރާތުން ޓާސްކް ފޯސްގައި އަމަލީގޮތުން މަސައްކަތް ކުރެއްވީ ޑިރެކްޓަރު އަލީ އަބޫބަކުރު ކަމަށް ވަސީމް ވިދާޅުވި އެވެ. ވަސީމް އެހެން ވިދާޅުވި ނަމަވެސް ޑީޖީގެ އެއްވެސް އެހީތެރިކަމެއް ނުލިބޭކަން ހދ. އަތޮޅުގެ އެހެން ރަށްރަށުގެ ވެރިން، ކުޅުދުއްފުށި ޓާސްކް ފޯސްގައި ހިމެނޭ މުއައްސަސާތަކުގެ ވެރިން އަދި އަތޮޅު ކައުންސިލްގެ ބައެއް މުއައްޒަފުން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ނަމަވެސް ވަސީމް ވިދާޅުވިގޮތުގައި އޭރު ލޮކްޑައުންގެ ހާލަތުގައި ހުރިހާ އިދާރާއަކުންވެސް އަމަލުކުރަމުންދިޔައީ ކޮންފަރެސް ކޯލްތައް މެދުވެރި ކޮށްކަމަށާ އަތޮޅުގެ އެހެން އިދާރާތަކަށް ފޯރުކޮށްދޭން ޖެހޭ މެސެޖްތައް ފޯރުކޮށްދިނުމާއި ކޮންފަރެންސް ކޯލްތަކާއި މީޓިންގތައް ހަމަޖެއްސުން ފަދަ ކަންތައްތައް އައްޑޫގައި ހުންނެވިގެންވެސް ކުރިއަށްގެންދެވީ ޑިރެކްޓަރު ޖެނެރަލްގެ ބެލުމުގެ ދަށުން ކަމަށް ވަސީމް ވިދާޅުވި އެވެ.

ކޮވިޑް-19 ރޯގާގެ ނުރައްކާތެރިކަން ދިގު މުއްދަތަކަށް ދެމިގެންދާނެ ކަން އެނގުނު ހިސާބުން މުޅި ރާއްޖޭގައި އިއުލާން ކޮށްފައިވާ ފުރަބަންދަށް ވަނީ ސަރުކާރުން ލުއިތަކެއް ދީފައެވެ. އެގޮތުން ހާއްސަ ހުއްދައެއްގެ ދަށުން އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. ހުއްދަ ދޫކުރާ ބޭނުންތަކުގެ ތެރޭގައި ވަޒީފާ އަދާކުރާ ރަށަށް ދިއުމަށް ނުވަތަ އަނބުރާ އައުން ހިމެނިފައި ވީނަމަވެސް ޑީޖީ ރަށަށް އައުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ވޭތޯ ސުވާލު ކުރުމުން ހދ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ވަސީމްއަށް އެކަން އެނގިފައި ނުވާކަމަށާއި އެކަމަކު ވަޑައިގަންނަވަން މަސައްކަތްކުރެއްވިނަމަ މިއަށްވުރެ އަވަހަށް ރަށަށް ވަޑައިގަނެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި އޮފީހުން ކުރަން ޖެހުނު މަސައްކަތްތައް ގިނަވުމާއި ގުޅިގެން ރަށަށް އަންނަ ތާރީހް އޮޅުން ފިލުވި ކަމަށާއި ރަށަށް އައުމަށް އެދުނު ކަމަށް ވަސީމް ވިދާޅުވި އެވެ. ހާއްސަ ހުއްދައާ އެއްކޮށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތް އޭޕްރިލް މަހު ފަހުކޮޅު ހަމަޖެއްސި ކަމުގައި ވިޔަސް ޑީޖީ އަނބުރާ ރަށަށް ވަޑައިގެންފައިވަނީ ރަސްމީކޮށް އޮފީސްތައް ހުޅުވުމުން އޮފީހަށް ނުކުންނެވުމަށެވެ.

އަތޮޅު ކައުންސިލްގެ އޭރުގެ ރައީސް އާދަމް އަލީ އާއި ޑީޖީ ޒިންމާއިން ރެކި ޗުއްޓީގައި ހުންނެވި މުއްދަތުގައި ހދ. އަތޮޅު އޮފީސް ބަންދުކޮށްފައި ހުންނަ މައްސަލަ ކުޅުދުއްފުށި ޓާސްކް ފޯސް އަދި އަތޮޅުގެ މުއައްސަސާތަކުގެ ގުރޫޕުގައި ހޫނުވެ މީޑީއާގެ ސަމާލުކަމަށް އައުމުން ކައުންސިލްގެ ރައީސް އާދަމް އަލީ ވަނީ މަގާމުން އިސްތިއުފާދެއްވާފައި އެވެ. އަދި ހަމަ އޮފީހުގެ ގިނަ މުވައްޒަފުންތަކެއް ހިދުމަތަށް ނުކުންނާނެ މަގުފަހިކޮށް، ހިދުމަތަށް ނެރުނެވެ. އެގޮތުން ކުޅުދުއްފުށީ ސޯޝަލް ސަޕޯޓް ޑެސްކުގައި އަތޮޅުގެ ގިނަ ކަންތައްތަކެއް ހަމަޖެއްސުމަށް އަތޮޅު ކައުންސިލްގެ ބައެއް މުވައްޒަފުން ވަރަށް ބުރަކޮށް ޑިރެކްޓަރ އަލީ އަބޫބަކުރުގެ އިރުޝާދުގެ ދަށުން ވަނީ މަސައްކަތްކޮށްފައެވެ.

މި ދުވަސްތަކުގައި މުވައްޒަފުންނަށް އިރުޝާދު ދެއްވައި އޮފީސް ހިންގަވައި، ޓާސްކް ފޯސް މީޓީންތަކަށް ވަޑައިގެން ޒިންމާތައް އަދާކުރައްވާފައި ވަނީ އަތޮޅު ކައުންސިލްގެ ޑިރެކްޓަރ އަލީ އަބޫބަކުރެވެ. ހދ. އަތޮޅު ކައުންސިލްގެ މިހާރުގެ ރައީސް މުޙައްމަދު ވަސީމްއާއި މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މިކަން ވަނީ މިނޫހަށް ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އޮފީސް ނުހުޅުވާ ކަމުގެ ޕްރެޝަރު ބޮޑުވެ ކައުންސިލްގެ ރައީސް އިސްތިއުފާ ދެއްވި ހިސާބުން ފެށިގެން އޮންލައިންކޮށް ކައުންސިލް ބައްދަވުންތައް ބޭއްވުމުގެ އިންތިޒާމް ވަކި ހިސާބަކުން ޑީޖީ ކުރިކަމަށާއި އޮފީސް ހުޅުވާ އޮފީސް ހިންގުމުގެ ހުރިހާ ޒިންމާއެއް ނެންގެވީ ކައުންސިލްގެ ޑިރެކްޓަރ އަލީ އަބޫބަކުރު ކަމަށް ވަސީމް މަޢުލޫމާތު ދެއްވިއެވެ.

ޑީޖީ އައްސަދު ހދ. އަތޮޅު ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ މަގާމަށް ސިވިލް ސާރވިސް ކޮމިސަނުން އައްޔަން ކޮށްފައިވަނީ ނޮޅިވަރަމް ކައުންސިލްގެ ޑިރެކްޓަރ ގެ މަގާމުގައި ހުންނަވައި ފަރުވާ ކުޑަކަމުގެ ސަބަބުން ފިޔަވަޅު އެޅުމަށް ހދ. އަތޮޅު ކައުންސިލްއިން ސިވިލް ސާރވިސް ކޮމިޝަނުގައި އެދިލައްވާފައި ވަނިކޮށްކަންވެސް ފާހަގަކޮށްލެވެ.

އަތޮޅު ކައުންސިލް ޒިންމާދާރު ވެރިޔާގެ މަޤާމުގައި ހުންނަވައި ޑީ.ޖީ އައްސަދު އަމަލުކުރެއްވި ގޮތް އަދި އޮފީސް އެހެން ބޭފުޅަކު ހިންގަވަފައި ވަނިކޮށް ހިންގުމުގެ އެލަވެންސް ނެގި މައްސަލާގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިކަން އަދި މި ނޫހަށް އެނގިފައެއް ނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355