ކުޅުދުއްފުށީ ޒަބަރުދުޖުދުގޭ ހަނާ އުމަރަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއްކަމަށްވާ ހެރެޑިޓަރީ ހެމަރެޖިކް ޓެލެޖެކްޓޭސިއާ ގެ ވޭން ތަހައްމަލް ކުރަމުން ދާ އުމުރުން 18 އަހަރުގެ ކުއްޖެކެވެ.
ހެރެޑިޓަރީ ހެމަރެޖިކް ޓެލެޖެކްޓޭސިއާ ނުވަތަ އެޗްއެޗްޓީއަކީ ވާރުތަ ކުރާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކުން ހުއްޓުމެއް ނެތި ލޭއައިސް ހަށިގަނޑުގެ ތަންތަން ނޫފައިގަތުން ފަދަމައްސަލަ ދިމާވެފައެވެ.
މިހާ ޅަ އުމުރުގައި ހަނާ މިދަނީ މިފަދަ އެތަށް ވޭނަކަށް ކެތްކުރަމުންނެވެ. ކޭއޯއަށް މައުލޫމާތު ދެމުން ހަނާގެ މަންމަ ހުސްނާ މުހައްމަދު ބުނީ ފުރަތަމަ މި މައްސަލަ ދިމާވީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަސްތެރޭގައި ކަމަށާއި ފުރަތަމަ ލޭ އަންނަން ފެށީ ނޭފަތުން ކަމަށެވެ. ނަމަވެސް ފަހުން ކުޑަކަމު ދިއުމަށް ދަތިވެ ކުޑަކަމުދާއިރު ވެސް ލޭ އަންނަ ފެށިކަމަށް ހުސްނާ ބުންޏެވެ.
މީގެ އިތުރުން ފަރުވާ ހޯދުމަށް މާލެއަށްވެސް 4 ފަަހަރު ދެވިއްޖެ ކަމަށާއި އަދި މިއަހަރު މާރޗު މަސް ތެރޭ ރާއްޖޭން ބޭރަށް ވެސް ގޮސް ގިނަ ޓެސްޓުތަކެއް ހެދިން ހުސްނާ ބުންޏެވެ.
"އިންޑިޔާއިން ހަދަން ހެދީ ޖެނެޓިކްސް ޓެސްޓެއް. ދެން މަހެއް ފަހުންނޭ ބުނީ އެ ޓެސްޓުގެ ނަތީޖާ ލިބޭނީ، ދެން ޓެސްޓުން ނަތީޖާ ނެގެޓިވް އެކަމަކު ޑޮކްޓަރުން ބުނި ޖެނެޓިކްސް ގެ މައްސަލައެކޭ އުޅެނީ" ހުސްނާ ބުންޏެވެ.
އާއިލާގެ އިތުރު މީހަކަށް މި މައްސަލަ ދިމާވެފައިވާ ނުވާކަން ފާހަގަކޮށް ހުސްނާ ބުނީ މިއީ ކޮން ބައްޔެއްކަންވެސް އެނގުނީ އެންމެ ފަހުން މާލެގޮސް ހެދި ޓެސްޓުތަކުން ކަމަށެވެ. އަދި އެފަހަރު މާލެއަށް ދެއްކުމުން ބޭސްފަރުވާ އަވަސް ކުރުމަށް ބުނެފައިވާ ކަމަށާއި ރާއްޖޭން ބޭރަށް ގެންދިއުމަށް ހަނާއަށް އާސަންދަ ލިބިފައިވީ ނަމަވެސް އެހީތެރިއާއަށް އާސަންދަ ހަމަނުޖެހޭތީ އެކަމަށް އެއާއިލާއަށް ވަނީ އެހީތެރިކަން ބޭނުން ވެފައެވެ.
އަދި މިހަފަހަރު ބޭރަށް ގޮސް ކުދި ނާރުތައް އަންދައިގެން ބައްޔަށް ފަރުވާއެއް ލިބޭނެ ކަމުގެ އުންމީދު ޑޮކްޓަރުން ދީފައިވާކަމަށް ހުސްނާ ބުނެފައިވެއެވެ.
ހުސްނާ ބުނީ ބޭރަށް ގޮސް އެތަނުގައި ފަރުވާއަށް މަޑުކުަރަން ޖެހޭނީ ކިހާ މުައްދަތެއް ކަމެއް ނޭނގޭކަމަށާއި އަދި އެކަމަށް ދާނެ ހަރަދުވެސް ސީދާ ބުނަން ނޭނގޭކަމަށެވެ. މި ވަގުތު ވެސް ހަނާ އޮތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.
ވީމާ ހަނާއަށް ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީ ނުހަނު ބޭނުންވެއެވެ. އަޅުގަނޑުމެންގެ ދުޢާއަކީ ހަނާއަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ.