ކުޅުދުއްފުށި ސިޓީގެ ކަރަންޓް ހިދުމަތް އަޕްގުރާޑްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާދަމާ އެރަށުން ކަރަންޓް ކަނޑާލަން ހަމަޖެހިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފި އެވެ.
ކުޅުދުއްފުށީ ފެނަކަ ބުރާންޗުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ހައިވޯލްޓޭޖް މަސައްކަތެއް ކުރުމަށްޓަކާ މާދަމާ، 20 އޯގަސްޓް ވާ ބުރާސްފަތި ދުވަހު ހެނދުނު 9 އަކުން ފެށިގެން މަސައްކަތް ނިންމެންދެން މުޅި ކުޅުދުއްފުށިން ކަރަންޓްގެ ހިދުމަތް މެދުކެނޑޭނެކަމަށެވެ.
ފެނަކަ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، ކަރަންޓް ކަނޑާލަނީ އަލަށް ޒިގްޒެގް ސަރަހައްދުގައި ބެހެއްޓި ޓްރާންސްފޯމަރު ހައިވޯލްޓޭޖްގެ ކޭބަލް ނެޓްވޯކާ ގުޅާލުމަށް ކަމަށެވެ. އެ ސަރަހައްދަކީ ވަރަށް އާންމުކޮށް ކަރަންޓް ޑްރޮޕްވާ ސަރަހައްދެއްކަމުން އެ މައްސަލަ ހައްލުކުރުމަށް ދާދިފަހުން އެ ކުންފުނިން ވަނީ ޓްރާންސްފޯމަރެއް ބަހައްޓައި ބޮޑެތި މަސައްކަތެއްކުރަމުންނެވެ.
މީގެ އިތުރުން ވެލިގަނޑު ސަރަހައްދުގައިވެސް ޓްރާންސްފޯމަރެއް ބަހައްޓައި މައި ނެޓްވޯކާ ގުޅާލުމުގެ މަސައްކަތްވެސް ފެނަކައިން ދަނީ ކުރަމުންނެވެ. އަލަށް އިތުރުކުރެވުނު ދެ ޓްރާންސްފޯމަރާއެކު މިހާރު ޖުމްލަ 8 ޓްރާންސްފޯމަރު ވަނީ ކުޅުދުއްފުށީގައި ބަހައްޓާފަ އެވެ.
ކުޅުދުއްފުށީގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކުރުމަށް ފެނަކައިން ގިނަ މަސައްކަތެއް ދަނީ ކުރަމުންދާއިރު ކުޅުދުއްފުށި ސިޓީގައި ކަރަންޓް ފޯރުކޮށްދިނުމަށް މިހާރުވެސް 6 ޖަނަރޭޓަރު ބޭނުންކުރެ އެވެ.
ފެނަކަ އިން ބުނީ ކަރަންޓް ކަނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރައްވައި އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ހުރިހާ ތަކެއްޗެއްގެ ސްވިޗް އޮފް ކޮށްފައިވާ ބެހެއްޓުމަށް އެފަރާތުން އިލްތިމާސްކުރެ އެވެ.