- މިރަށުގެ ކުނިގޮނޑަކީ ރަށެއްގައި އޮތް އެންމެ ބޮޑު ގޮނޑު
- ގޮނޑު ހުސްކުރުމުގެ ކަންތައްތައް މިނިސްޓްރީން ކުރާގޮތަށް ވަނީ ނިންމާފައި
- ކުނިތައް ފުރަތަމަ ގެންދަން ހަމަޖެހިފައިވަނީ ކުނބުރުދޫއަށް
ކުޅުދުއްފުށީ ކުނިކޮށީގައި ހުރި ކުނިތައް ނަގައި ސާފުކުރުމަށް ނިންމާފައިވާކަމަށް އެންވަރަޔަމަންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމާ ބެހޭގޮތުން ކައުންސިލުން އިސްނަގައިގެން މިއަދު ވަނީ އެންވަރަޔަމަންޓް މިނިސްޓަރާއި ކުޅުދުއްފުށި މަޖިލިސް ދެ މެމްބަރުން ހިމަނައިގެން ވީޑީއޯ ބައްދަލުވުމެއް ބާއްވާފައި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ، މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ ކުނިގޮނޑު ނެގުމާއި ކުޅުދުއްފުއްޓަށް ގެންނަ ނިންމާފައިވާ އިންސިނަރޭޓަރު ނުގެނެވި ލަސްވާ ސަބަބު ހޯދުމަށާއި ކައުންސިލުން މިނިސްޓްރީއަށް ފޮނުވި ސިޓީތަކުގެ ޖަވާބު ނުލިބޭތީ އެވެ.
މިނިސްޓްރީން މީގެ ކުރިން ސިޓީއަކުން ކައުންސިލްގައި އެދިފައިވަނީ ބިޑްކޮށްގެން ކުނިގޮނޑުގައި ހުރި ކުނިތައް ނަގައި ސާފުކުރުމަށެވެ. ނަމަވެސް މަޝްރޫއު މިހާތަނަށް ނުހިންގިފައި އޮތީ އެއީ ފަސް މިލިއަނަށްވުރެ ބޮޑު ހަރަދެއް އެކަމަށް ހިނގާނެތީ އެވެ. ގާނޫނުގައިވާގޮތުން ކައުންސިލްތަކަށް ހިންގޭނީ އެންމެ ބޮޑުވެގެން ފަސް މިލިއަން ރުފިޔާގެ މަޝްރޫއުތަކެވެ.
އަދި ހަމަ އެންވަރަޔަމަންޓް މިނިސްޓަރު މިދިޔަ އަހަރު ފެބުރުއަރީމަހު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުގެ ކުނިކޮށްޓަށް ވަޑައިގެން އެތަނުގެ ހާލަތު ފެނިވަޑައިގަތް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ކައުންސިލާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވެފައިވަނީ ވަރަށް އަވަހަށް ކުނީގެ މައްސަލަ ހައްލުކުރުމަށް ކުޅުދުއްފުއްޓަށް އެންމެ ޒަމާނީ ފެންވަރުގެ އިންސިނޭޓަރެއް ފޮނުވާނެ ކަމަށެވެ.
ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަތާރަވަނަ ދުވަހު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަތޭކަ ނަވާރަ ދުވަސްތެރޭގައި ކުޅުދުއްފުށީގައި އިންސިނަރޭޓަރު ބެހެއްޓުމަށްޓަކައި 2.2 މިލިއަން ރުފިޔާއަށް މެކްސްޓާ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު މިހާ ދުވަސްވެގެންދިޔައިރު އިންސިނަރޭޓަރު ކުޅުދުއްފުއްޓަށް ގެނެސްފައެއް ނުވެ އެވެ.
މި ދެ މައްސަލާގައި މަޝްވަރާކޮށް އަވަސް ހައްލެއް ހޯދުމަށް މިއަދު ބޭއްވި މި ބައްދަލުވުންތަކުގައި ކައުންސިލުން މިނިސްޓްރީގައި އެދިފައިވަނީ ދެ ޕްރޮޖެކްޓްވެސް މިނިސްޓްރީން ކުރިއަށްގެންގޮސް ދިނުމަށެވެ. ސަބަބެއް ގޮތުން ކައުންސިލްގެ ރައީސް އަބުދުއލަތީފްް ފާހަގަކުރެއްވީ ކުނިގޮނޑު ނެގުމަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެތީ އެއީ ނެޝެނަލް ޓެންޑަރއެއް ކޮށްގެން ކުރިއަށް ގެންދެވޭނެ ޕްރޮޖެކްޓަކަށްވާތީއެވެ.
މިކަމާ ގުޅިގެން އެންވަރަޔަމަންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން ކޭއޯއަށް މިއަދު ވިދާޅުވީ، ކައުންސިލުން އެދުނުގޮތަށް ސީދާ މިނިސްޓްރީން ކުނިގޮނޑު ނަގަން ނިންމާފައިވާ ކަމަށާ އަދި އިންސިނަރޭޓަރު ގެނެސް ބެހެއްޓުމުގެ މަސައްކަތްވެސް ކުރިން ރާވާފައިވާ ގޮތަށް ސީދާ ކުރަން މިނިސްޓްރީން ކުރަން ނިންމާފައިވާ ކަމަށެވެ.
ޑރ ހުސެއިން ވިދާޅުވީ އިންސިނަރޭޓަރު ގެނައުން ލަސްވީ ލާމަރުކަޒީ ގާނޫނަށް އައި ބަދަލާ ގުޅިގެން ޕްރޮޖެކްޓްތައް ހިންގަން ޖެހެނީ ކައުންސިލްތަކުން ކަމަށް ފިނޭންސުން އެންގުމުން ކަމަށެވެ. އެކަމަކު ކައުންސިލްގައި އިންތިހާއަށް މުވައްޒަފުން މަދުވުމާއި ޕްރޮޖެކްޓް އަދި ޕްރޮކިއުމަންޓް ހިންގާނެ މުވައްޒަފުން ނެގުމުގެ ހުއްދަ މިއަދާހަމައަށް ވެސް ލިބިފައިނުވާތީ އެކަން ކޮށްދިނުމަށް މިނިސްްޓްރީގައި އެދިފައިވާކަމަށާއި އެހެންވެ ކަމާ ގުޅުން ހުރި މުވައްސަސާތަކާ ގުޅިގެން އެ މަސައްކަތްކުރާނީ ސީދާ މިނިސްޓްރީން ކަމަށް މިނިސްްޓަރު ހުސެއިން ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން ކުރާ ކަމެއްގެ ގޮތުގައި އެކަން ކުރާނަމޭ ކުޅުދުއްފުށީ ކައުންސިލުން ބޭނުންވާ އެއްބާރުލުން ހޯދައިގެން. އެ އެއްބާރުލުން ދެއްވާނެކަމަށް ކައުންސިލުން ވިދާޅުވި." އެންވަރަޔަމެންޓް މިނިސްޓަރު ޑރ ހުސެއިން ވިދާޅުވި އެވެ.
ގޮނޑު ހުސްކުރަން ނިންމާފައިވާ ގޮތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފުރަތަމަ ކުނިތައް ފުރާނާ ގަލާއި ވެހި ވަކިކުރުމަށްފަހު ކުނީގެ ގޮތުގައި ހުންނަ ތަކެތި ހދ ކުނބުރުދޫއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. ޑރ ހުސެއިން ފާހަގަކުރައްވާގޮތުގައި ކުނިކޮށީގައި 60 ނުވަތަ 70 އިންސަތައަކީ ވެލި ނުވަތަ ގައު ކަމަށެވެ. އެހެންވުމުން ކުނިތައް ވަކިކުރުމަށްފަހު ވެލިގަނޑު ލެވެލްކޮށް ސާފުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގޮނޑު ސާފުކުރުމަށް ކުނި މެނޭޖްކުރުމުގެ ކަންތައްތައް ލާމަރުކަޒީ ގާނޫނޫގައި ވާގޮތުގެ މަތިން ކުރާނީ ކައުންސިލުން ކަމަށާ އެކަމަކު އެކަން ކުރުމަށް ފަންނީ އެހީތެރިކަމާއި އަދި އެހެނިހެން އެހީތެރިކަން މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށެވެ.
ކުޅުދުއްފުއްޓަކީ މާލެ ފިޔަވާ އެންމެ ގިނަ އަދަދެއްގެ ކުނި އުފެދޭ ރަށެވެ. ކައުންސިލުން އަންދާޒާކުރާގޮތުގައި ދުވާލެއްގެ މައްޗަށް 20-30 ޓަނާ ދެމެދު ނުވަތަ އެއަށްވުރެ ގިނަ ކުނި ކޮންމެ ދުވަހަކު ވެސް ކުޅުދުއްފުށީގައި އުފެދި ކުނިކޮށްޓަށް ޖަމާވާ ކަމެވެ.