twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބޯކިބަލެއް ކަހަލަ ހޮސްޕިޓަލެއް ބޭނުމެއް ނޫން، ބޭނުމީ ދަރުމަވަންތަ ކަހަލަ އުސް އިމާރާތެއް: ޖިހާދޭ

އަބްދުލް ވާހިދު ޙަސަން
Aug 28, 2020
7

ބިން ފަތުރާލައި "ބޯކިބަލެއް" ކަހަލަ ހޮސްޕިޓަލެއް ބޭނުންނޫން ކަމަށާ ބޭނުންވަނީ ދަރުމަވަންތަ ހޮސްޕިޓަލް ކަހަލަ ކުޑަ ބިންކޮޅެއްގައި އުސްކޮށް އެޅޭނެފަދަ ހޮސްޕިޓަލް އިމާރާތެއްކަމަށް، އަންނަ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ އިރުދެކުނު ދާއިރާއަށް ވާދަކުރައްވައި ޕީޕީއެމް ކެންޑިޑޭޓް މުހައްމަދު އަހުމަދު (ޖިހާދޭ) ވިދާޅުވެއްޖެ އެވެ.

ޖިހާދޭ މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިމިވަނީ، ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއްކަމަށްވާ، ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ބިމެއް ކައުންސިލުން ސަރުކާރަށް ދޫކޮށްފައިވަނިކޮށްނެވެ. އެ ހޮސްޕިޓާ އެޅުމަށް ސަރުކާރުން އެދުނީ 360000 އަކަފޫޓް ހޯދުމަށެވެ. ނަމަވެސް ކުޅުދުއްފުއްޓަކީ ބިމު ޖާގަ ދަތި ރަށަށް ވާތީ ކައުންސިލުން ސަރުކާރުން އެދުނު އަދަދަށް ބިން ދިނުމަށް ދެކޮޅު ހެދި އެވެ. ފަހުން މަޝްވަރާކުރުމަށްފަހު ކައުންސިލުން ނިންމީ 130493 އަކަފޫޓްގެ ބިމެއް ހޮސްޕިޓާ ތަރައްގީކުރުމަށް ދިނުމަށެވެ. އެ ބިން ހަމަޖައްސައިދީފައިވަނީ ހިއްކި ބިމުންނެވެ.

އިދިކޮޅު ފަރާތްތަކުން ކުޅުދުއްފުށީގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ ހިނގާލުމުގައި ވާހަކަދައްކަވަމުން ޖިހާދޭ ވިދާޅުވީ، މުޅި ސަރަހައްދަށް ބިން ފަތުރާލާއި އިމާރާތް އެޅުމުގެ ބަދަލުގައި ބޭނުންވަނީ ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ކުޑަބިންކޮޅެއްގައި އެޅޭނެ އުސް އިމާރާތެއްކަމަށެވެ. އެހެންވުމުން ބިންތައް ސަލާމަތްކުރެވޭތީ އެވެ.

"އަޅުގަނޑުމެންނެއް ބޭނުމެއް ނޫން ބޯކިބަލެއް ކަހަލަ ހޮސްޕިޓަލެއް، އަޅުގަނޑުމެން ބޭނުންވަނީ ދަރުމަވަންތަ ކަހަލަ އުސް އިމާރާތެއް. އެއީ ކުޑަ ބިމެއްގައި އެޅޭނެ ތަނެއް." ކުޅުދުއްފުށި އިރުދެކުނަށް ވާދަކުރައްވައި ޕީޕީއެމް ކެންޑިޑޭޓް ވިދާޅުވި އެވެ.

ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޖިހާދޭ ވިދާޅުވީ ކުނިކޮށިން ނަގާނަމޭ ކިޔައިގެން މިސަރުކާރު އައިއިރު އަދިވެސް އެކަން ނުވާ ކަމާއި ކުނިކޮނޑުގެ ހާލަތު މިހާރު ބޮއްސުންލާފައިވާކަމަށެވެ.

"ވެމްކޯ ގެންނާނަމޭ ކިޔައިގެން އަޅުގަނޑުމެންނަށް ފޮނި ހުވަފެން ދެއްކި އެއްކަމެއްވެސް ނުކުރެވުން. މިސަރުކާރު އައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދޭނަމޭ ކިޔަމުން. އެންމެ ކުޑަމިނުން މަގު އޮމާންވެސް ކޮށްނުލެވުނު." ޖިހާދޭ ވިދާޅުވި އެވެ.

ރައީސް ޔާމީން ސަރުކާރުން ކުޅުދުއްފުށީގައި ހެދި އެއާޕޯޓްގައި މިސަރުކާރުން މިހާތަނަށް އައިއިރު ރަންވޭގައި ލައިޓްވެސް ޖަހާނުލެވުނު ކަމަށާއި ސަރުކަރާއި މަޖިލިސް އަދި ކައުންސިލްގެ ހުރިހާ ގޮނޑިއެއްވެސް ސަރުކާރަށް ދީފައިވާއިރު އެއްކަމެއްވެސް ސަރުކާރަށް ނުކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ.

ޖިހާދޭ ވިދާޅުވީ، ޑޮލަރުގެ އަގުމަތިވެ ތަކެތި އަގުބޮޑުވަމުންދާ ކަމަށާއި މިއަށްވުރެވެސް ޑޮލަރުގެ އަގު މަތިވާތިވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވާދެއްވިއިރު މިހާރު އެތަންތަނުން ބޭސް ގުޅައެއްވެސް ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބޭނީ ނިކަމެތި ރައްޔިތުންނަށް ކަމަށް ވިދާޅުވެ، ޖިހާދޭ ވިދާޅުވީ މިސަރުކާރު ރަނގަޅަށްވެސް ފެއިލްވެއްޖެކަމަށާއި ހުރިހާ ރައްޔިތުންވެސް މިކަމުގައި އަޑުއުފުލަން ޖެހޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355