މި މަހު ފަހުކޮޅު އިންޑިޔާގެ ކޮޗިންއާއި ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާއަށް މައުލޫމާތު ދެމުން ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މިކަމާގުޅޭ އެންމެ ފަހުގެ މަޝްވަރާތަކާއި ތައްޔާރީތަށް މިހާރު ކުރިއަށްދާކަމަށާއި ރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ކާގޯ ފެރީތަކެއްކަމަށެވެ.
ޓްރާންޕޯޓް މިނިސްޓްރީން ވިދަޅުވީ މިމަހުގެ ފަހުކޮޅު، ފުރަތަމަ ކާގޯ ފެރީ ބާއްވާނެކަމަށެވެ. އަދި މިވަގުތަށް އަމާޒުކޮށްފައިވަނީ މަހަކު ދެ ފެރީ ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ބޭއްވުމަށްކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާވަނީ ކުޅުދުއްފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި މިކަމާގުޅޭ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ.
މިނިސްޓަރ އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީގެ ދެ މެމްބަރުންނާ މިއަދު ބައްދަލު ކުރައްވާ ކުޅުދުއްފުށި އެއަރޕޯޓާއި ކޮޗިން އާއި ރާއްޖެ އާއި ދެމެދު ގާއިމު ކުރުމަށް ހަމަޖެހިފައިވާ ފެރީ ނިޒާމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި. pic.twitter.com/QzbvE7aXug
— Ministry of Transport and Civil Aviation (@MoTCAmv) September 8, 2020
ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވީ ކޮޗިންއިން އަންނަ ބޯޓު ފުރަތަމަ ކައިރިކުރާނީ ކުޅުދުއްފުއްޓަށްކަމަށެވެ. ނަމަވެސް ކާގޯ ފެރީގެ ގޮތުގައި ބޭނުންކުރަނީ ބޮޑެތި ފެރީތައްކަމަށްވުމުން ކުޅުދުއްފުށީ ބަނދަރަށް އެފެރީތައް ނުވެއްދޭނެކަމަށާއި އެހެންކަމުން މުދާ އަރުވާ ބޭލުމުގައި ބޭނުންކުރާނީ ޓަގުބޯޓާއި ބާޖުކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.
ކުޅުދުއްފުއްޓަށް ފަހު މި ފެރީތައް މާލެ ބަނދަރަށްވެސް ކައިރިކުރުމަށް ހަމަޖެހިފައިވާއިރު ކާގޯ ފެރީގެ ހިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުއޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެކަމަށާއި ހާއްސަކޮށް ރާއްޖޭގެ އުތުރުގައި ފަށާ މިހިދުމަތާއެކު ވިޔަފާރީގެ ގޮތުން އުތުރުގެ ރައްތަކަށް އިތުރު ކުރިއެރުންތަށް ލިބޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.