twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކާމިޔާބު އޮޕަރޭޝަނަކަށްފަހު އާއިލާގެ ޝުކުރު ކޭއާރުއެޗުގެ ދިވެހި ދެ ޑޮކްޓަރުންނަށް

- ފަރުވާ ހޯދުމަށް އިންޑިޔާ އަދި މާލެއަށްވެސް ދިޔަ
- ކޭއާރުއެޗުގައި ކުރި މި އޮޕަރޭޝަންގައި އުޅުއްވީ ދިވެހި ދެ ޑޮކްޓަރުން
- ޑޮކްޓަރުންނަށާއި ނަރުހުންގެ އޯގާތެރިކަމަށް އާއިލާއިން ޝުކުރުއަދާކުރި

އަބްދުލް ވާހިދު ޙަސަން
Sep 17, 2020

ހަކުރު ބަލީގެ މީހަކު އޮޕަރޭޝަނެއް ކުރަން ޖެހުމަކީ ހަމަ ހަގީޤަތުގައިވެސް ވަރަށް ބޮޑު ކަމެކެވެ. ހަކުރު ކޮންޓްރޯލްނުކުރެއްވިއްޖެނަމަ އޮޕަރޭޝަން ކުރިއަށްނުގެންނެވޭނެ އެވެ. އޭރުން މީހާގެ ހާލު ސީރިއަސްވެ އިތުރު ހިތްދަތިކަމާ ކުރިމަތިވެ އެވެ. މިފަދަ ބައެއް ހާލަތުގައި އެތަކެއްގެ ބައެއްގެ ފުރާނާވެސް ދުނިޔެއިން ވަކިވެފައިވެ އެވެ. ހދ ހަނިމާދޫ / ދޯދި، މުހައްމަދު އަބުދުﷲ، ބަނޑުގެ މައްސަލައެއް ހުރެގެން އިންޑިޔާއަށް ދެއްކުމުން އެނގުނީ ހާނިޔާގައި މައްސަލަތަކެއް ހުރިކަމެވެ. އެހެންވެ އެކަން ރަނގަޅުވާން އޮތީ އޮޕަރޭޝަން ކޮށްގެން ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.

ހަކުރު ބަލީގެ އިތުރުން މުހައްމަދަކީ އަބުދުﷲ އަކީ އެހެން ބައްޔަކަށް ލޭދިޔާކުރުމަށް ބޭނުންކުރާ ބޭހެއް ބޭނުންކުރަމުންދާ ފަރާތްތަކެއްކަމުން އޭނާގެ އެ އޮޕަރޭޝަން ކުރުމަށް ހުރަސްތައް ކުރިމަތިވި އެވެ. ޑޮކްޓަރުން ވިދާޅުވަމުންގެންދެވީ އޭނާގެ ހާލަތަށް ބަލާފައި މިއީ ނުރައްކާތެރި އޮޕަރޭޝަނެއް ކަމަށެވެ. ފުރާނައަށް ގެއްލުންވެދާނެކަމަށް ޑޮކްޓަރުން ވިދާޅުވާތީ، އާއިލާއިންވެސް އޮޕަރޭޝަން ކުރަން ޖެހިލުންވި އެވެ. އެހެންވުމުން ބޭސް ނެގުމަށްފަހު އެނބުރި ރާއްޖެ އައީ އެވެ.

އެކަމަކު އާއިލާގެ އެންމެ ބޮޑު ބޭބެގެ އޮޕަރޭޝަންކޮށް ލުޔެއް ހޯދައިދިނުމަށް އާއިލާއިން ދިޔައީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހު މާލެ ގޮސް އައިޖީއެމްއެޗަށް ދެއްކި އެވެ.

އޮޕަރޭޝަން ކުރުމަށްޓަކާ ހަކުރު ކޮންޓްރޯލްކުރަން އުޅެ މަސްދުވަސްވީ އިރުވެސް އެކަމެއް ނުވިކަމަށް އާއިލާގެ ފަރާތުން ކޭއޯއަށް އެ ވާހަކަތައް ހިއްސާކުރި އަހުމަދު ޝަރީފް ބުންޏެވެ. އޭނާ ކިޔައިދިން ގޮތުގައި ހަކުރު ކޮންޓްރޯލްނުކުރެވި ގިނަ ދުވަސްތައްވަމުންދާތީ، އާއި މާލޭގައި އެހާ ގިނަ ދުވަހު ހުރުމުން އަތްމަތި ދަތިވެގެން އަނެއްކާވެސް އޮޕަރޭޝަން ނުކުރެވި އެނބުރި ރަށަށް އަންނަ ޖެހުނެވެ.

ހަނިމާދޫ ހެލްތް ސެންޓަރުގެ އެހީތެރިކަމާއެކު އާސަންދައިގެން ދަށުން އަނެއްކާވެސް ބޭބެއަށް ފަރުވާ ހޯދުމަށް އިންޑިޔާއަށް ދަތުރު ފެށި އެވެ. އެއީ މިދިޔަ ނޮވެމްބަރުމަހެވެ.

އެކަށީގެންވާ ފަރުވާ ނުލިބި މާލޭގައި އެހެން ތިބެން ޖެހުމަކީ ބޮޑު ހަރަދެއް ހިނގާކަމަކަށްވާތީ ފަރުވާއެއް ލިބޭނެކަމުގައި އުންމީދުގައި އަނެއްކާވެސް އިންޑިޔާއަށް ދިޔައީ އެވެ. އޭނާ ކިޔައިދިން ގޮތުގައި އިންޑިޔާގޮސް ދައްކައި އޮޕަރޭޝަންކުރަން ބޭނުންވާ ވާހަކަ ބުނުމުން، އަނެއްކާވެސް ޑޮކްޓަރުން ވިދާޅުވަމުން ގެންދިޔައީ އޮޕަރޭޝަނުގެ ނުރައްކާތެރިކަމުގެ ވާހަކަތަކެވެ. ހޭނައްތައިފިކަމަށްވާނަމަ އަލުން ހޭނާރަދާނެކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.

"ބޭބެއަކީ 65 އަހަރުން މަތިވެފައިހުރި މީހާކަވެފައިވުމުންނާއި ހަކުރު ބައްޔާއި އަދި ދާއިމީ އެހެން ބައްޔަށް ބޭސް ބޭނުންކުރަމުންދާ މީހަކަށްވުމުން ޑޮކްޓަރުންނަކަށް ޔަގީންކަމެއް ނުދެވުނު ހޭރަނެކަމަށް. ދެން އެހެންވެ އަޅުގަނޑުމެން އެހީ މިއީ ކޮންމެންހެން މިވަގުތުކުރަން ޖެހޭ އޮޕަރޭޝަން ތޯ." އަހުމަދު ކިޔައިދިނެވެ.

އޮޕަރޭޝަން ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން ޑޮކްޓަރުންގެ ފަރާތުން މިފަހަރުވެސް ނުލިބުމުން އެނބުރު ރަށަށް، ހަނިމާދޫ އައީ އެވެ. ރަށުގައި އުޅެނިކޮށް މިދިޔަ އޯގަސްޓްމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ބޭބެގެ ހާލު ސީރިއަސްވެސް ހަނިމާދޫ ހެލްތް ސެންޓަރުގައި އެޑްމިޓްކުރުމުން، ލަފާދިނީ ވީހާވެސް އަވަހަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އަށް ގެންދިޔުމަށެވެ. އޭނާ ބުނީ އެ ރެއަކީ މޫސުމް ގޯސް ރެޔެއްކަމުން ހަނިމާދޫން ކުޅުދުއްފުއްޓަށް ދަތުރުކުރާނެ ލާންޗެއް ނުލިބުނުކަމަށެވެ.

"އެކަމަކު އެ ދަންވަރުގައި ސީއެމްބިއުލާންސް ހަމަޖައްސައިދިނީމަ، އަޅުގަނޑުމެން ކޭއާރުއެޗަށް ދެވުނީ ދަންވަރު 3:30 ގައި އެވަގުތުވެސް ދިޔައީ ވާރޭވެހެމުން. ހަމަ ވަގުތުން ބޭބެގެ ޓެސްޓްތައް ހަދައި އެ ދުވަހު ދުވާލު އަޅުގަނޑުމެންނަށް އެނގި އޮޕަރޭޝަނޭ ކުރަން ޖެހޭނީ. ނުކޮށްފިނަމަ ހާނިޔާ ފަޅައިގެންގޮސް ގޮހޮރަށް މައްސަލަ ޖެހިދާނެއޭ. އެ މީހުން(ޑޮކްޓަރުން) އަޅުގަނޑުމެންނާ ވަރަށް ގިނަ ވާހަކަތައް ދެއްކި." އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ.

އަދި ކުޅުުދުއްފުށިން އޮޕަރޭޝަން ނުކުރެވިއްޖެނަމަ މާލޭ ފޮނުވުމުގެ ހުރިހާ ކަންތައްތަކެއްގައި ހޮސްޕިޓަލުގެ ފަރާތުން ކުރާނެ ކަމަށާ އާއިލާއިން އެކަމާ އުޅެން ނުޖެހޭނެކަން އެންގިކަމަށް އޭނާ ބުންޏެވެ. އެއީވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން އަހުމަދު ފާހަގަކުރި އެވެ. އެކަމަކު އެ އޮޕަރޭޝަން ކޭއާރުއެޗުން ކުރެވޭގޮތްވި އެވެ.

އޭނާ ބުނީ އޮޕަރޭޝަން ކުރީ ކޭއާރުއެޗުގެ އޮޕަރޭޝަން ދިވެހި ޑޮކްޓަރު އަލްތާފް އަދުނާން އިސްމާއިލް އެވެ. ދެން އިސްކޮށް އުޅުއްވީ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު ނަޒީފެވެ. އޭނާ ވިދާޅުވިގޮތުގައި އެ ދެ ޑޮކްޓަރުން އޮޕަރޭޝަނަށް ވެއްދުމުގެ ކުރިން ވަރަށް ގިނަ މައުލޫމާތު ދެއްވި ކަމަށެވެ. އޭނާ ބުނީ ގާތްގަނޑަކަށް ތިންގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު، އޮޕަރޭޝަން ކާމިޔާބުކަމަށް ޑޮކްޓަރު އެންގި އެވެ.

"ނޯމަލް ހާނިޔާ އޮޕަރޭޝަނެއްގެ ގޮތަށް ކާމިޔާބުކަމާއެކު ނިންމާލި. ހަކުރު ބަލީގެ މީހަކަށްވާތީ އައިސީޔޫގައި ފަރުވާދިނުމަށްފަހު 9 ވަރަކަށް ދުވަސްފަހުން ދޫކޮށްލީ. ހަނިމާދޫ ހެލްތް ސެންޓަރުން ރޮނދިކޮށީ. މިހާރު ބޭބެ މުޅިން ބަރާބަރު." އަހުމަދު ބުންޏެވެ.

އޭނާ ބުނީ މީގައި އެންމެ ފަހުރުވެރިވެރިވީ މިއޮޕަރޭޝަންގައި އުޅުއްވި ދެ ޑޮކްޓަރުންނަކީ ދިވެހިންނަށް ވުމުން ކަމަށެވެ. އެ ދެ ޑޮކްޓަރުންނާއި ހޮސްޕިޓަލުން ދިމާވި ނަރުހުންގެ އޯގާތެރިކަމާއި އަޅާލުން އާއިލާއިން ފާހަގަކޮށް ޝުކުރުއަދާކުރި އެވެ. މުހައްމަދު އަބުދުﷲ މިއަދު ވަނީ އޭނާގެ އާއިލާގެ މެމްބަރުންނާއެކު ކުޅުދުއްފުއްޓަށް އައިސް ޑޮކްޓަރަށް ދައްކާފައި އެވެ. އޭނާ ބުނީ މިހާރު ﷲ އިރާދަފުޅުން މިހާރު ހުރިހާކަމެއްވެސް ބަރާބަރު ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355