ށ. ފޯކައިދޫ ތާރީހުގައި ބޭއްވި އެންމެ ބޮޑު ފުޓްޝަލް މުބާރާތް "ބަޑީޒް ފުޓްޝަލް ޗެލެންޖް 2020" ފަށައިގެން ކުރިއަށް އެބަދެ އެވެ.
ޖުމްލަ 10 ޓީމް ބައިވެރިވެގެން ކުރިއަށްދާ މި މުބާރާތުގެ މަގުޝަދަކީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުން ކަމުގައި މި މުބާރާތް ކުރިއަށް ގެންދާ ފަރާތުން މައުލޫމާތު ދެއެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ގެންދާ މި މުބާރާތުގައި ގުރޫޕު ސްޓޭޖްގައި މިހާތަނަށް ޖުމްލަ 20 މެޗް ވަނީ ކުޅެވިފަ އެވެ. އަދި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗް މިރޭ 20:30 ވަނީ ކުޅުމަށް ހަމަޖެހިފަ އެވެ.
އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ޕާކް އާއި އެފްސީ އުނދޯލި އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ބްލަޑް ބުރަދާސް އާއި އަލަސްކާ ސްޕޯޓްސް އެވެ.
މި މުބާރާތަކީ ފޯކައިދޫގައި ކުޅިވަރަށް ލޯބިކުރާ ގުރޫޕެއް ކަމަށްވާ ބަޑީޒް ގުރޫޕުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.
ބަޑީޒްގެ ކޯޑިނޭޓަރ އަލީ ޤުރައިޝް ވިދާޅުވިގޮތުގައި މި މުބާރާތަކީ ސިލްސިލާ މުބާރާތެއް ގޮތުގައި ކުރިއަށްދާ މުބާރާތެއް ކަމަށެވެ. އަދި ކުރިއަށް އޮތް މުބާރާތްތަށް މިއަށްވުރެން ކުލަގަދަވާނެ ކަމަށެވެ.
މުބަރާތުގެ ފައިންލް މެޗް އަންނަ ހުކުރު ދުވަހު ހަވީރު 4:15 ގައި ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ މެޗްތައް ބަޑީޒް ފޭސްބުކް ޕޭޖުން ލައިވް ކުރެ އެވެ.