ކޮޗިން އިން ކުޅުދުއްފުށި - މާލެ، ދަތުރު ފަށަން ތައްޔާރުވަމުންދާ ކާގޯ ފެރީގެ ސަބަބުން އުތުރުގެ އިގްތިސޯދަށް ކުރިއެރުން އަންނާނެ ކަމަށާއި އެހެންވުމުން އުތުރުގެ ވިޔަފާރި ކުރިއަރުވައި މާކެޓް ކުރުމަށް ކޯޕަރޭޝަނެއް އުފައްދަން ޖެހޭކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުއްޓާއި އިންޑީޔާގެ ކޮޗިންނާ ދެމެދު ކާގޯ ފެރީގެ ހިދުމަތް މިމަހު ފަހުކޮޅު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ސަރުކާރުގެ ވައުދުގެ ތެރޭގައި ހިމެނޭ މި ފެރީ ދަތުރުގެ ސަބަބުން އުތުރުގެ ވިޔަފާރިއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުންވެސް ދެކެ އެވެ.
މިއަށް އިޝާރާތްކުރައްވައި ޔާސިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކާގޯ ފެރީގެ ސަބަބުން އުތުރުގެ އިގްތިސޯދަށް ކުރިއެރުން އަންނާނެ ކަމަށާ އިގްތިސޯދީ ނަފާ އިތުރުކުރުމަށާއި އުތުރުގެ ވިޔަފާރި ކުރިއަރުވައި މާކެޓް ކުރުމަށް ހާއްސަ ކޯޕަރޭޝަން އުފައްދަން ޖެހޭ ކަމަށެވެ.
A scheduled cargo ferry to North will uplift the economic growth. To enhance the benefits of this, a northern trade facilitation corporation needs to be formed to reduce associated costs & 2 maximize efficiency. Also 2 simplify, harmonize international legitimate trade objectives
— Yasir Abdul Latheef (@YasirLathyf) September 16, 2020
އަދި އެ ކޯޕަރޭޝަނުގެ ސަބަބުން ވިޔަފާރި މާކެޓުކުރުމަށާއި އެފަދަ ކަންކަމަށް ވަކިވަކި ފަރާތްތަކުން ކުރަންޖެހޭ ހަރަދުތައް އެތައް ތަނަކުން ކުޑަކުރެވި ނަތީޖާ ނެރުމަށް ބޮޑު ބާރަކަށް ވާނެކަމަށްވެސް ޔާސިރު ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ކޮޗިންއިން އަންނަ ބޯޓު ފުރަތަމަ ކައިރި ކުރާނީ ކުޅުދުއްފުއްޓަށެވެ. ނަމަވެސް ކާގޯ ފެރީގެ ގޮތުގައި ބޭނުންކުރަނީ ބޮޑެތި ފެރީތައްކަމަށްވުމުން ކުޅުދުއްފުށީ ބަނދަރަށް އެފެރީތައް ނުވެއްދޭނެ ކަމަށާއި އެހެންކަމުން މުދާ އަރުވާ ބޭލުމުގައި ބޭނުންކުރާނީ ޓަގުބޯޓާއި ބާޖްކަމަށެވެ.
ކުޅުދުއްފުއްޓަށް ފަހު މި ފެރީތައް މާލެ ބަނދަރަށްވެސް ކައިރިކުރުމަށް ހަމަޖެހިފައިވާއިރު ކާގޯ ފެރީގެ ހިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުއޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެކަމަށާއި ހާއްސަކޮށް ރާއްޖޭގެ އުތުރުގައި ފަށާ މިހިދުމަތާއެކު ވިޔަފާރީގެ ގޮތުން އުތުރުގެ ރަށްތަކަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށް ސަރުކާރުން ދެކެ އެވެ.