އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ. ވާޗުއަލްކޮށް ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އިންޑިއާގެ މިނިސްޓަރ އޮފް ޝިޕިން ޝްރީ މަންސުހް އެލް މަންޑަވިޔާ އެވެ.
🇮🇳 🇲🇻 Direct Cargo Ferry Service was jointly launched today by Minister of Transport and Civil Aviation @aishath_nahula & Minister of Shipping @mansukhmandviya. A key instrument to upgrade our trade partnership,the Ferry Service will also support eco. dvpt. of northern Maldives. pic.twitter.com/gsNBgOD1xX
— India in Maldives (@HCIMaldives) September 21, 2020
ކަނޑު ހުރަސްކޮށް ކޮޗިންނަށް ފަށާ މި ފެރީގެ ހިދުމަތަކީ މި ގޮތަށް ބޭރުގައުމަކަށް ފަށާ ފުރަތަމަ ފަހަރެވެ. ސަރުކާރުން މި ހިދުމަތް ކުރިއަށްގެންދަން ނިންމާފައިވަނީ ކޮޗިން – ކުޅުދުއްފުށި – މާލެ އާއި ދެމެދު އެވެ.
މާދަމާ އެ ބޯޓް ޓުޓިކޯރިން އިން ފުރައިގެން ކޮޗިން ބަނދަރަށް ކައިރި ކުރުމަށްފަހު ރާއްޖެއަށް ދަތުރު ފަށާނެ އެވެ. ފުރަތަމަ ކާގޯ ދަތުރު ކުޅުދުއްފުއްޓަށް ކައިރި ކުރާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަދި މާލެ ވަނުމަށް ފަހު ރާއްޖެއިން ފުރަން ހަމަޖެހިފައިވަނީ 10 ދުވަސް ފަހުންނެވެ.
ފުރަތަމަ އަންނަ ކޮންޓެއިނަރު ބޯޓުގައި މެޝިނަރީ އާއި، ފަރުނީޗަރާއި ކާބޯތަކެތީގެ އިތުރުން ބޭހުގެ ސަމާނު ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އުތުރުގެ ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލަށް ވުމާއެކު، އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރެން ފަސޭހަ ވެގެންދާނެ ކަމަށް ވެސް މި ސަރުކާރުގެ ބުނެފައި ވެއެވެ.
މި ހިދުމަތުގެ ސަބަބުން އިންޑިއާ އިން ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި ލުއި ފަސޭހަ ކަމެއް ލިބޭނެ ކަމަށައި ކޮލޮމްބޯ އާއި ދުބާއީ މަގުން ރާއްޖެއަށް އެތެރެކުރާ އަގަށް ވުރެ ކުޑަ އަގެއްގައި މުދާ އެތެރެ ކުރެވޭނެ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ވަނީ ވިދާޅުވެފައިވެ އެވެ.