twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކޮޗިން ފެރީ، އެކްސްޕޯޓަށް ހުޅުވުނު އާ ދޮރެއް: ރާއީ

ނަބީލާ އިސްމާޢީލް
Sep 22, 2020
3

އިންޑިއާގެ ކޮޗިންއާއި ރާއްޖެއާ ދެމެދު ފެށި ފެރީ ދަތުރަކީ އެކްސްޕޯޓަށް ހުޅުވުނު އާ ދޮރެއް ކަމަށް މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ވާޗުއަލްކޮށް ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އިއްޔެ އެ ހިދުމަތް ފައްޓަވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އިންޑިއާގެ މިނިސްޓަރ އޮފް ޝިޕިން ޝްރީ މަންސުހް އެލް މަންޑަވިޔާ އެވެ.

އެ ހިދުމަތް ފައްޓަވައިދެއްވީތީ ޝުކުރު އަދާކުރައްވަމުން މެމްބަރު ރާއީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކޮޗިން ފެރީ އެކްސްޕޯޓަށް ހުޅުވުނު އާ ދޮރު ކާށި، ރޯނު، ފަން، ބޮލި، ލޮނުމަސް، ހިކިމަސް، ރަށުގައި އުފައްދާ ކާތަކެތި (ކާޖާ) ޕެެޓް ކޮށްފައި، އަދި ބާދަގަނޑު، މުޅި ރާއްޖޭގެ ރައްޔިތުންނަށް ފަހިވެގެން ދާނެ ފުރުޝަތެެއް ކަމަށެވެ.

މީގެ އިތުރުން ރާއީ ވިދާޅުވީ ބޮޑުތިލަދުންމަތީގެ މަސްވެރިންނަށް ފިނިކުރި މަސް ބޭރުކުރެވޭނެ ގޮތް ހަމަޖައްސައިދީ އެކަން ކުރުމަށް ފެރީގެ ކޯލްޑް ސްޓޯރޭޖުން ވަކިވަރަކަށް ޖާގަ ކަށަވަރު ވާންޖެހޭނެ ކަމަށެވެ.

ކަނޑު ހުރަސްކޮށް ކޮޗިންނަށް ފަށާ މި ފެރީގެ ހިދުމަތަކީ މި ގޮތަށް ބޭރުގައުމަކަށް ފަށާ ފުރަތަމަ ފަހަރެވެ. ސަރުކާރުން މި ހިދުމަތް ކުރިއަށްގެންދަން ނިންމާފައިވަނީ ކޮޗިން – ކުޅުދުއްފުށި – މާލެ އާއި ދެމެދު އެވެ.

ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އުތުރުގެ ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލަށް ވުމާއެކު، އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރެން ފަސޭހަ ވެގެންދާނެ ކަމަށް ވެސް މި ސަރުކާރުގެ ބުނެފައި ވެއެވެ.

މި ހިދުމަތުގެ ސަބަބުން އިންޑިއާ އިން ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި ލުއި ފަސޭހަ ކަމެއް ލިބޭނެ ކަމަށައި ކޮލޮމްބޯ އާއި ދުބާއީ މަގުން ރާއްޖެއަށް އެތެރެކުރާ އަގަށް ވުރެ ކުޑަ އަގެއްގައި މުދާ އެތެރެ ކުރެވޭނެ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ވަނީ ވިދާޅުވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355