އިންޑިޔާގެ ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރިވެރިން ގަންނަ މުދާ ކަމަށާއި އެނޫން ކަމެއް އެކާގޯ ފެރީން ނުކުރާނެ ކަމަށް އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އިންޑިޔާއާ އާއި ރާއްޖެ އާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ އިއްޔެ އެވެ. މި ހިދުމަތާއި މެދު ރާއްޖޭގެ ވިޔަފާރިވެރިންނަށް މިކަމުގެ ސަބަބުން ގެއްލުންވަމުންދާނެ ކަމަށް އިދިކޮޅު ފަރާތްތަކާއި ބައެއް ވިޔަފާރިވެރިން އަންނަނީ ބުނަމުންނެވެ.
ވިޔަފާރިވެރިއަކު ދައްކާފައިވާ ވާހަކައެއްގެ އާޓިކަލް އަކަށް ރައްދުދެއްވަމުން މިނިސްޓަރ ވިދާޅުވީ މިފެރީން އިންޑިޔާ އާއި ރާއްޖެ އާ ދެމެދު ވިޔަފާރި ދަތުރުފަތުރު ޔަގީންކޮށްދޭނެ ކަމަށެވެ.
The Cochin ferry brings goods bought by MALDIVIAN IMPORTERS nothing more nothing less. It provides the certainty of shipping between India and Maldives. The only difference from the current cargo vessels are that this is scheduled and allows easier trade. https://t.co/8QvF8kXNQi
— Fayyaz Ismail (@faya_i) September 21, 2020
ރާއްޖެއާއި އިންޑިއާ އާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށައި ރާއްޖެ އައުމަށްޓަކައި އިންޑިއާގެ ސޫތުކުޅިން ފުރަތަމަ ފެރީ ވަނީ ފުރާފައެވެ. މި ކާގޯ ފެރީ ފުރަތަމަ ބަނދަރު ކުރާނީ ކުޅުދުއްފުއްޓަށެވެ.
ރާއްޖެއާއި ކޮޗިންއާއި ދެމެދު ދަތުރުކުރުމަށް ހަމަޖެހިފައިވާ ކާގޯ ފެރީއަކީ ކުޅުދުއްފުށީ ބަނދަރަށް ކައިރިކުރެވޭ ވަރަށްވުރެ ބޮޑު ބޯޓެއްކަމުން ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީ އިން ނިންމާފައިވަނީ މުދާ ބަރުކޮށް، ބޭލުމަށް ބާޖެއް ނޫނީ ޓަގެއް ބޭނުންކުރުމަށެވެ.
ފެރީ އާ ގުޅިގެން ކިޔަމުންދާ ފާޑުކިޔުންތަކާ ގުޅިގެން މީގެކުރިން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްވެސް ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތެއް ފަށައިފި ނަމަ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތެއް ފެށުން ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓްރޭޑަށް ވެސް ނުހަނު ފައިދާ ގެނުވާނެ ކަމެއް ކަމަށެވެ.