މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އުމްރާގެ އަޅުކަމަށް ދެ ހަރަމަށް ޒިޔާރަތްކުރުން މެދުކަނޑާލާފައި އޮތުމަށް ފަހު އަންނަ މަހު 4 ގައި އެ ފުރުސަތު އަލުން ހުޅުވާލަން ސައުދީ އަރަބިއްޔާ އިން ނިންމައިފި އެވެ.
ސައުދީން މި ފުރުސަތު ހުޅުވާލި ނަމަވެސް އެންމެ ފުރަތަމަ ހުއްދަ ދޭނީ ސައޫދީގައި ދިރިއުޅޭ މީހުންނަށް އެކަންޏެެވެ. ނަމަވެސް ނޮވެމްބަރުން ފެށިގެން އެހެން ގައުމުތަކުގެ މީހުން ސައޫދީ އަށް ގޮސް އުމްރާގެ އަޅުކަން ކުރެވޭނެ ކަމަށެވެ.
އެގޮތުން ފުރަތަަމަ ފޭސްގައި އުމްރާގެ އަޅު ކަމަށް ދުވާލަކު 6،000 މީހުންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. ސައުދީ ސަރުކާރުން ބުނީ ހަރަމްފުޅުގެ 30 އިންސައްތަ ކަމަށެވެ. ސައުދީން ބުނީ ފުރަތަމަ ފޭސްގައި ހަރަމްފުޅަށް ވަދެވޭނީވެސް ހުއްދަ ދެވޭ އުމްރާވެރިންނަށް އެކަނި ކަމަށެވެ.
ދެވަނަ ފޭސްގައި އުމްރާގެ އަޅު ކަމަށް ދުވާލަކު 15،000 މީހުންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. ސައުދީ ސަރުކާރުން ބުނީ ހަރަމްފުޅުގެ 75 އިންސައްތަ ކަމަށެވެ. ދެވަނަ ފޭސްގައި ކަނޑައަޅާފައިވާ ވަކި އަދަދަކަށް ކޮންމެ ނަމާދު ވަގުތަކަށްވެސް ހަރަމްފުޅަށް މީހުން ވައްދާނެއެވެ. އެ ގޮތުން ކޮންމެ ނަމާދު ވަގުތަކަށް 40،000 މީހުންނަށް ފުރުސަތު ދޭނެ އެވެ.
ތިންވަނަ ފޭސްގައި އުމްރާގެ އަޅު ކަމަށް ދުވާލަކު 20،000 މީހުންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. މިއީ އާންމު ހާލަތުގައިވެސް ހުއްދަދޭ އަދަދެވެ. މީގެ އިތުރުން ނަމާދު ވަގުތުތަކުގައި 60،000 މީހުންނަށް ހަރަމްފުޅަށް ވަނުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.
ކުރިން ހުއްދަ ދޭ މިންވަރަށް 100 ޕަސެންޓް ކެޕޭސިޓީގައި އުމްރާގެ އަޅުކަން ފަށާނީ ކޮވިޑް-19 ނުރައްކަލެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ކަނޑައެޅުމުންނެވެ.
ސައުދީގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި ނަމަވެސް މިހާރު ވަނީ ބަލި ކޮންޓްރޯލް ކުރެވި ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ދަތުރުތައް ވެސް އަލުން ފަށައިފަ އެވެ.