ކުޅުދުއްފުށީ ޕޯޓް ލިމިޑެޓް އަލުން ވުޖޫދުކޮށްދެއްވުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ސަރުކާރަށް ގޮވާލައްވައިފި އެވެ.
ކޮޗިން-ކުޅުދުއްފުށީ ފެރީގެ ހިދުމަތް ފެށުމަށް ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަމްޝީދު ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށީ ޕޯޓް ލިމިޑެޓް އުފެއްދުންވެގެންގޮސްފައިވަނީ ވަރަށް ކާމިޔާބު ކަމަށެވެ. އަދި އޭރު ބަނދަރު ހިންގަމުންގޮސްފައިވަނީ ފައިދާ ކަމަށްވެސް ޖަމްޝީދު ފާހަގަކުރެއްވި އެވެ.
"ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު އަމިއްލައަށް ހިންގިއިރު، ކުންފުންޏެއްގެ ގޮތުގައި ހިންގިއިރު ނުވަތަ ކުޅުދުއްފުށީ ޕޯޓް ލިމިޑެޓްގެ ގޮތުގައި ހިންގިއިރު އޭރު އެއީ އަރަނީގައި ހިންގި ކުންފުންޏެއް. އަޅުގަނޑު މިއަދު ފަހުރުވެރިކަމާއެކު އެކަން ފާހަގަކުރަން." ކުރީގެ ކައުންސިލްގެ ރައީސްކަން ކުރެއްވި ޖަމްޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އުފެއްދި އެ ކުންފުނި އުވާލީ އެ މަނިކުފާނުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވުމާ ގުޅިގެން ރައީސް ވަހީދުގެ ވެރިކަމުގައި އެވެ. އެ ލިބުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުޅުދުއްފުށި ޕޯޓް ލިމިޑެޓް ވަރަށް ކާމިޔާބުކަމާއެކު ހިންގި ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.
އޭރު އެ ކުންފުނިން ސާބިތުކޮށްދިނީ ފުރުސަތު ލިބިއްޖެނަމަ އެ ބޭފުޅުންނަށްވެސް އެކަން ކުރެވޭނެކަންކަމަށް ޖަމްޝީދު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު މިފުރުސަތުގައި ގޮވާލަން ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް އަލުން ވުޖޫދުކޮށްދެއްވަން އަދު ސަރުކާރަށް ގޮވާލަން. އަލުން އެ ކުންފުނި ހިނގާނެ ގޮތް ހަދައިދިނުމަށް އެއީ މިވަގުތު އެކަން (ސަރަހައްދީ ބަނދަރު ހިންގުމަށް ކުރެވެން އޮތް އެންމެ ރަނގަޅު ގޮތް." ޖަމްޝީދު ވިދާޅުވި އެވެ.
ޖަމްޝީދު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކޮޗިންއާ ކުޅުދުއްފުށި ކާގޯފެރީގެ ނިޒާމުން ގުޅާލުމަށް ވަރަށް މަސައްކަތް ކުރިކަމަށާ މިއަދު ކާގޯފެރީގެ ހިދުމަތް މި ފެށިގެން މިދިޔައީ އޭރު ކުރި މަސައްކަތުން، އެމްޑީޕީގެ މިސަރުކާރުގައި ކަމަށެވެ.
11 އަހަރުގެ އިންތިޒާރަކަށްފަހު އެމްޑީޕީގެ މި ވެރިކަމުގެ މި ފެރީގެ ހިދުމަތް ފެށިގެން ދިޔުމަކީ ރައްޔިތުން ޒަމާނުންސުރެ ދެކެމުންދިޔަ ހުވަފެނެކަމަށެވެ. އަދި މީގެ އަހަރުތަކެއް ކުރިން ކުޅުދުއްފުށީ ރައްޔިތުން އިންޑިޔާ އާއި ލަންކާއަށް ދަތުރުކުރި ވާހަކަތަކަށް އަލިއަޅުވާލައްވާ އޭނާ ވާހަކަފުޅު ދައްކަވާފައިވެ އެވެ.