ހދ. ނޭކުރަންދޫ ކައުންސިލުން ތަރައްގީކުރި "ތްރީ އޮން ތްރީ" ފުޓްބޯޅަ ދަނޑު އެ ރަށު ސްކޫލާ ހަވާލުކޮށްފި އެވެ.
ނޭކުރަންދޫ ކައުންސިލްގެ ރައީސް އަލީ އާދަން ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި މަސައްކަތަކީ ގާތްގަނޑަކަށް ދެމަސްދުވަހުން ތަރައްގީކުރެވުނު ދަނޑެއް ކަމަށެވެ.
އަލީ އާދަމް ވިދާޅުވީ 44 ފޫޓް 25 ފޫޓްގެ މި ދަނޑު ތަރައްގީކުރުމުގެ 90 އިންސަތަ އަކީ ކައުންސިލް މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށާއި މި ދަނޑު ތަރައްގީކުރަން ކައުންސިލްގެ މާލިއްޔާއިން 50 ހާހަށް ވުރެން ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.
ސްކޫލްގެ ގޯތިތެރޭގައި ހަދާފައިވާ އެ ދަނޑު ރަސްމީކޮށް މިދިޔަ ބުރާސްފަތި ދުވަހު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދަނޑު ސްކޫލާއި ހަވާލުކޮށް ދެއްވީ ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް އެވެ. ނޭކުރެންދޫ ސްކޫލްގެ ފަރާތުން އެ ދަނޑާއި ހަވާލުވީ އެ ސްކޫލްގެ ޕްރިންސިޕަލެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ މި ދަނޑު ހެދުމުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނާ އެއް ދަނޑަކަށް ސްކޫލު ކުދިން ކުޅެން ދާންޖެހުމުގެ ސަބަބުން އެ ކުދިންގެ އުމުރާއި ނުގުޅޭ ވާހަކަތަށް ބައެއް ފަހަރު އެ ކުދިންނަށް އަޑުއިވި އަހުލާގަށް ނުރަނގަޅު އަސަރު ކޮށްފާނެކަމަށް ފެންނާތީ އެކުދިން ވަކިން ކުޅުމަށް ސްކޫލު ގޯތި ތެރޭގައި ދަނޑެއް ހެދުން ކަމަށެވެ.
ކައުންސިލްގެ ރައީސް އިތުރަށް ފާހަގަ ކުރެއްވީ މި މަސައްކަތް ނިންމުމަށް ނޭކުރަންދޫ ދާއިރާގެ މެމްބަރު ރާއީގެ އިތުރުން ކައުންސިލްގެ މުވައްޒަފުންނާއި ސްކޫލުގެ މުވައްޒަފުން ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ހާއްސަ ޝުކުރެއް އަދާކުރައްވަން ބޭނުން ކަމުގަ އެވެ.
ނޭކުރެންދޫ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަށްވަނީ ރަށުގައި ހުރި މައްސަލަތައް ހައްލުކޮށް، ރަށުގެ ދުޅަހެޔޮކަމާއި، ހަމަޖެހުމަށް ކަމަށެވެ. އަދި ރަށުގެ އެހެން މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދީ ރަށުގައި ހެޔޮލަފާ ޖީލެއް ބިނާ ކުރުމަކީ އެ ކައުންސިލްގެ އަމާޒުކަމަށް ވެސް ޢަލީ ވިދާޅުވިއެވެ.