twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ހިއްކި ބިންތަކުން ހިލޭ ބިން ދޫކުރުމަކީ ރަނގަޅު ގޮތެއް ނޫން: އަސްލަމް

ނަބީލާ އިސްމާޢީލް
Oct 13, 2020
1

ރާއްޖޭގައި ބިން ހިއްކުމަށްފަހު އެ ބިން އާންމު ބޭނުންތަކަށާއި ހިލޭ ދޫކޮށްލުމަކީ އެންމެ އިންސާފުވެރި އަދި އެންމެ ރަނގަޅުގޮތް ނޫން ކަމަށް މިނިސްޓަރު އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މިނިސްޓަރު އަސްލަމް ވަނީ މަޖިލީހަށް ހުށަހެޅި މެމްބަރުން ބަހުސް ކުރައްވަމުން ގެންދަވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި ގުޅިގެން މަޖިލީހަށް މައުލޫމާތު ދެއްވާފައެވެ. އެގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެ ބިންތަކުގެ ކޮންމެވެސް މިންވަރެއް ކޮމާޝަލް ބޭނުމަށް ދޫކޮށްލަންޖެހޭ ކަމަށާއި އެއީ ދިރިއުޅޭ ބިންކަމުގައި ވިޔަސް ދިރިއުޅުމަށްޓަކައި ކަމަށްވިޔަސް އަދި ކޮމާޝަލް ބޭނުންކަމަށްވިޔަސް އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށެވެ.

އެގޮތަށް ބިންހިއްކަން ޖެހެނީ ރަށުގެ ބިމުގައި ދަތިކަމެއް އައިސްގެން ކަމަށްވުމުން ކަމަށެވެ. އެެހެންކަމުން ބިމަށް ޑިމާންޑެއް އަންނަ ކަމަށާއި އެފަދަ ރަށެއްގައި %99 އިންސައްތަ އަކީ ދިރިއުޅޭ ގޯތި ހޯދުމުގެ މައްސަލަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ހިއްކި ބިންތަކުގައި ގެދޮރު އަޅައިގެން ދިމާވާ އެންމެ ބޮޑު މައްސަލައަކީ މީހުންގެ އާމްދަނީ އާއި ހުންނަ ތަނަވަސްކަމާއި އަދި ގެދޮރު ބިނާ ކުރުމަށްދާ ހަރަދާއެކީގައި ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ނުކުރެވިގެން ދިޔުން ކަމަށެވެ. އެހެންކަމުން ބައެއްފަހަރު ތަންތަން އަޅާފައި އެތަންތަން އެޅި އަގަށްވުރެ ހެޔޮ އަގުގައި މީހުންނަށް ދޭންޖެހިފައި ވެސް އެބަހުރި ކަަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ފަދަ ބިމުގެ ލޭންޑް ޑިމާންޑް ހުރި ރަށްރަށުގައި ބިން ހިއްކާފައި އޭގެތެރެއިން އެއް ބައި ކޮމާޝަލްގެ ގޮތުގައި ވިއްކޭ ކަމަށްވަންޏާ އެއީ ލިމިޓްކަމަށެވެ. އަދި އެއީ މުޅި ދިވެހި ރައްޔިތުންގެ އެންމެންނަށް އެވެއިލަބަލްކޮށް ދޫކޮށްލަންޖެހޭ ތަނެކަމަށެވެ. އެގޮތަށް ދޫކުރާނަމަ އެ ރަށެއްގެ ލޭންޑް ވެލިޔު ހުރި މިންވަރަކުން އެރަށަށް ރެވިނިއު ޖެނެރޭޓްކުރެވޭނެކަމަށެވެ.

އަސްލަމް ވިދާޅުވީ މިބިލާ ގުޅޭގޮތުން މެމްބަރުން މަޝްވަރާ ކުރަމުން ގެންދަވާއިރު ބިނާވެށީގެ ޕްލޭންގެ ތެރޭގައި ކޮންމެ ރަށެއްގައި ވެސް އެ ރަށުން ކޮމާޝަލީ ވިއްކާލެވޭނެ ބިންތައް ކަނޑައެޅިފައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި އެތަނުގައި ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ކުރުން އެއީ މުހިންމު ކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355