މިސަރުކާރުން ކުޅުދުއްފުށިން ދުލެއްނުކޮށްލާނެ ކަމަށާ ސަރުކާރުން ކުޅުދުއްފުށި ތަރައްގީކުރާނެކަމުގެ ޔަގީންކަން އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފް ދެއްވައިފި އެވެ.
ފެނަކަ އިން މިހާތަނަށް އަތޮޅުތެރޭގައި އަޅައި އެންމެ ބޮޑު އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ، މިދައުރު ފުރިހަމަކުރާނީ އިބުރާހިމް މުހައްމަދު ސޯލިހްގެ ވައުދަތައް ފުއްދައިގެން ކަމަށެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލްތައް ގާއިމުކުރަން ނިންމި ނިންމުމަކީ ސީދާ ރައީސުލް ޖުމްހޫރިއްޔާގެ އިސްނެއްގެވުމެއްކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ، އެ މަސައްކަތުގެ ދަށުން ކުޅުދުއްފުށީގައި ގާއިމުކުރާ ޓާޝިއަރީ ހޮސްޕިޓަލްގެ މަސައްކަތްވެސް މިހާރު ފެށިފައިވާ ކަމަށެވެ.
އާ ހޮސްޕިޓަލް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް މިހާރު އިއުލާންކޮށްފައިވާއިރު މިމަހުގެ 22 ވަނަ ދުވަހު ބިޑްގެ މުއްދަތު ހަމަވާނެ އެވެ. ޔާސިރު ވިދާޅުވީ، ކޭއާރުއެޗުގެ ހިދުމަތްތައް ރަނގަޅުކުރަމުން އެތަކެއް ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށާއި އެގޮތުން ޑޮކްޓަރުންނާއި އިތުރު ވަސީލަތްތައްވެސް ހޯދަމުންދާ ކަމަށެވެ. އަދި އެ މަސައްކަތްތައް އުފަލާއެކު ބަލައިގަންނަކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޮޗިން ފެރީއާ ބެހޭގޮތުން ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ، ސަރުކާރުން އެވަނީ މުދާ އެތެރެކުރެވޭނެ ފަހި ނިޒާމެއް ގާއިމު ކޮށްދީފަކަމަށާ އޭގެ ބޭނުން ރައްޔިތުން ހިފައި، ކުރިއަށްދެވޭނެ އެންމެ އުހަށް ކުރިއަށްދިޔުމަށް ގޮވާލެއްވި އެވެ.
ޔާސިރު ވިދާޅުވީ، ސަރުކާރުން 22 ރަށެއްގައި ފެނާ ނަރުދަމާގެ މަސައްކަތް މިހާރުވެސް އެބަކުރިއަށްގެންދާ ކަމަށެވެ. 2020 ވަނަ އަހަރާ ހަމައަށް އައިރުވެސް އަސާސީ ހިދުމަތްތައް ރަށްރަށުގައި ގާއިމުނުވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެހެންވެ މިސަރުކާރު އައިސް ފުރަތަމަ މިކުރަނީ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ.
ކުޅުދުއްފުށީގައި މި ހުރި އިންޖީނުގެ އަކީ ފެނަކައިގެން އިންޖީނުގެތަކުގެ ތެރެއިން އެންމެ ރަނގަޅު ފައިދާއެއް ނެރެވޭ އެއް އިންޖީނުގެ ކަމަށާ އެހެންނަމަވެސް އެ އިންޖީނުގޭގެ ހާލަތު ހުރިހާ ފަރާތްތަކަށްވެސް އެނގޭނެކަން ފާހަގަކުރެއްވި އެވެ.
މިއަދު އެޅިގެން މިދިޔަ ބިންގަލާއެކު އުންމީދެއް ލިބިއްޖެ ކަމަށާ ކުރާ މަސައްކަތުގައި ކުލަ އެބަޖެހޭކަން އެނގިގެންދާ ކަމަށެވެ. އަދި ހަމަ ހަގީގަތުގައި މިހާ ހިސާބަށް އައިރުގައި ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަށުގެ ކެޕޭސިޓީއާ އެއްވަރަށް އަޕްގުރޭޑް ނުކުރެވި ހުރުމުގެ ސަބަބުން އެތަކެއް ގެއްލުންތަކެއް މާޒީގައި ރައްޔިތުންނަށް ފޯރާފައިވާކަމަށް ޔާސިރު ފާހަގަކުރެއްވި އެވެ.
"ވޯލްޓޭޖް ދަށްވުމާއި މިހުރިހާކަމެއްގެ ސަބަބުން އަޅުގަނޑުމެން ހިފާގެންގުޅޭ ސާމާނު ހަލާކުވުމާއި ކަރަންޓް ބިލް ބޮޑުވުމާއި މިއީ އަޅުގަނޑުމެންނަށް އެތަކެއް ޒަމާންތަކެއް ވަންދެން އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ކަންތައްތައް. މިއަދު ފެށިގެން މިދަނީ މިކަން ހައްލުކުރުމުގެ މަސައްކަތްތައް." ޔާސިރު ވިދާޅުވި އެވެ.
އެމްޑީޕީގެ ފިލޯސަފީއަކީ ދިވެހިރާއްޖެ ހިންގަން ޖެހޭނީ ލާމަރުކަޒީކޮށްގެންކަން ޔާސިރު ވިދާޅުވި އެވެ.
އަސާސީ ހިދުމަތުގެ ވާހަކަތައް ދައްކާއިރުގައި މަޖިލީހުން އެންމެ ފަހުން ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ ފެނާއި ނަރުދަމާގެ ނަމުގައި ބިލެއް ތައާރަފުކުރުން ކަމަށާ މީގެ ކުރިން ފެނާއި ނަރުދަނާގެ ހިދުމަތް ހޯދުމަށް ކަނެކްޝަން ފީ ގެ ގޮތުގައި ދައްކަން ޖެހޭ ފީ މިހާރަކު ދައްކާކަށް ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިކިޔަނީ ރައްޔިތުން މީހާ މީގެ ކުރިން ދައްކަމުން އައި އެތަކެއް ރުފިޔާއެއް މިއަދު އަޅުގަނޑުމެންގެ އެމްޑީޕީގެ ސަރުކާރުން ކަނޑާލާފައި އޮތްކަން، ގާނޫނަކުން. މިއީ އަޅުގަނޑުމެންގެ ޖީބަށް ލިބޭ އިތުރު ބޮޑު ލުޔެއް." ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ވިދާޅުވި އެވެ.