ރާއްޖޭގެ މަސްވެރިން ބާނާ މަސް ލަންކާގެ ބާޒާރަށް އެކްސްޕޯޓު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ ފޮރިން މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރާ ކުރެއްވި މަޝްވަރާތަކުގައި، ރާއްޖޭގެ މަސް އެ ގައުމަށް އެތެރެ ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި އެކަމަށް މިނިސްޓަރު ޓްވިޓާގައި ޝުކުރު އަދާކުރެއްވި އެވެ.
Following discussions with my good friend, Hon. FM of Sri Lanka @DCRGunawardena, Min. of Fisheries Hon. Douglas Devananda MP & Hon. State Minister of Finance @an_cabraal assures Maldives that there are no restrictions for #Maldives fish imports to Sri Lanka.
— Abdulla Shahid (@abdulla_shahid) October 16, 2020
Thank you #SriLanka!
ފޮރިން މިނިސްޓަރ ޝާހިދު އާއި އެކު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ސްރީލަންކާގެ ފޮރިން މިނިސްޓަރ ދިނޭޝް ގުނަވަރްދޭނާ އަދި އެ ގައުމުގެ ފިނޭންސް މިނިސްޓަރ ޑަގްލަސް ދެވަނަންދާ އަދި އެގައުމުގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޖިތު ކަބްރާލްއެވެ.
ލަންކާގެ ވިޔަފާރި އާއި އިގްތިސޯދު ހިމާޔަތް ކުރުމަށް އެ ގައުމުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އެހެން ގައުމުތަކުން ލަންކާއަށް މަސް އެތެރެކުރުން ހުއްޓާލަން ޖެހިދާނެ ކަމަށް، އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
ލަންކާއަށް އެހެން ގައުމުތަކުން މަސް އެތެރެ ކުރުން ހުއްޓާލަން ޖެހިދާނެ ކަމަށް އެ ގައުމުން ބުނުމުން، އޭގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ގެއްލުމަކާ ގުޅޭގޮތުން، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ، ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ހޯމަ ދުވަހު ސުވާލުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ ލަންކާއަށް މަސް އެތެރެ ނުކުރެވުނަސް އެކަމާ ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށާއި ވިސްނުމަކީ، އެއަށް ވުރެ އަގުބޮޑު މާކެެޓްތަކަށް މަސް އެކްސްޕޯޓް ކުރުން ކަމަށެވެ. އެގޮތުން ޗައިނާ އާއި ރަޝިއާ އަށް ވެސް ރާއްޖޭން މަސް އެކްސްޕޯޓްކުރަން މަސައްކަތް ކުުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްރީ ލަންކާއަކީ ރާއްޖޭގެ މަސްވެރިކަމުގައި މުހިއްމު ދައުރެއް އަދާ ކުރާ ގައުމެއް ކަމަށާއި ރާއްޖޭގެ މަސް ލަންކާއަށް ވިއްކޭ ގޮތަށް، އެ ގައުމުގެ މަސްވެރިންނަށް ރާއްޖޭގެ މާކެޓުން ފުރުސަތު ދިނުމަށް ބޭނުންވެ ވަޑައިގަންނަވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.
މިހާރުވެސް ލަންކާގައި ވަނީ އެ ގައުމަށް އެތެރެކުރާ މުދާ ކޮންޓްރޯލްކޮށް، ދަނޑުވެރިންގެ ވިޔަފާރިތައް ހިމާޔަތްކު ރުމަށް ފިޔަވަޅުތައް އަޅާފައެވެ. އަދި އެ ގައުމަށް އެތެރެ ކުރާ މުދާ ބޭރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.