ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ ރޭ އަމީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީގައި ރައީސް ސޯލިހާއެކު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށްވާތީ އެކަން އެ ގޮތަށް ކުރައްވާ ކަަމަށް ވިދާޅުވެފައިވެއެވެ.
އަމީން މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް 24 މެމްބަރުންގެ ސޮޔާ އެކު ވައްދާފައި ވަނިކޮށެވެ.
އެ މައްސަލަ މަޖިލީހަށް ވެއްދީ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ޕާލިމަންޓްރީ ގުރޫޕްގައި ވޯޓު ނެގި ނަމަވެސް، އެގޮތަށް ފާސްނުވުމާ ގުޅިގެންނެވެ.
އަމީންގެ މައްޗަށް އޭސީސީން ތުހުމަތު ކުރަނީ ޑަބްލިއުއެޗްއޯއިން ލަފާ ހޯދައިގެން ކަމަށް ބުނެ އޮޅުވާލުމާއި ހީލަތުގެ ތެރެއިން 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒިކިއުޓާޒް ޓްރޭޑިންއަށް ދިނުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުތައް ނުލިބެނީސް އެތަކެތީގެ އަގުގެ 90 ޕަސެންޓަށްވާ ފައިސާ ކަމަށްވާ 30 މިލިއަނެއްހާ ރުފިޔާ ގެރެންޓީއެއް ނެގުމަކާ ނުލާ އެ ކުންފުންޏަށް ދީ ދައުލަތަށް ގެއްލުމެއް ވެދާނެ ގޮތަށް ވަނީ އަމަލުކޮށްފައި ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުންނާއި އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ. ނަމަވެސް، އަދި ލިބިފައި ވަނީ 10 ވެންޓިލޭޓަރެވެ. އަދި ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނޭ ތާރީހެއް ވެސް އެ ކުންފުނިން ދީފައެއް ނުވެ އެވެ.
އެ މައްސަލައިގައި އަމީންގެ އިތުރުން ހެލްތުގެ ބިޑް ކޮމިޓީގެ މެންބަރުން ހިމެނޭ ގޮތުން ހެލްތުގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރަން އޭސީސީއިން ޕީޖީއަށް މައްސަލަ ފޮނުވި އެވެ. އެހެން ނަމަވެސް، ކޯޓެއްގައި ޖިނާއީ ދައުވާއެއް ސާބިތު ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ އެ މައްސަލައިގައި ދައުވާނުކޮށް ޕީޖީން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.
އަދި ދައުވާ ނުކުރަން ނިންމީ، އެކަމުގައި އޭސީސީން ފޮނުވާފައިވާ ރިޕޯޓާއި ލިޔެކިއުންތަކުގެ އަލީގައި، އެ ދައުވާތައް ކޯޓުގައި ސާބިތުކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާތީކަމަށްވެސް ޝަމީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.