އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ދެންމެ ރާއްޖެ ވަޑައިގެންފި އެވެ. މި ދަތުރުގައި، އެމެރިކާ އިން ރާއްޖެ އަށް އަސްކަރީ އަދި މާލީ އެހީތެރިކަމުގެ ޔަގީންކަން ދިނުމާއެކު ގުޅުން ބަދަހިކުރުމުގެ ރަސްމީ މަޝްވަރާތައް އޮންނާނެ އެވެ.
ޕޮމްޕެއޯ ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފޮމްޕެއޯއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ޕޮމްޕެއޯގެ އަރިހުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާވެސް މި ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ.
މި ދަތުރުފުޅުގައި ޕޮމްޕޭއޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރެއްވުމަށްފަހު، ދެން މައިކް ޕޮމްޕެއޯ ވަޑައިގަންނަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއިއެކު ކުރިއަށްގެންދަވާ ރަސްމީ ބައްދަލުކުރެއްވުމަށެވެ. މި ބައްދަލކުރެއްވުން އޮންނާނީ ޝެރެޓަން ފުލްމޫން ރިޒޯޓުގައެވެ.
އެމެރިކާގެ ރައީސަށް ޚާރިޖީ ލަފާ އަރުވާ އެންމެ އިސް ފަރާތް އަދި ސީއައިއޭގެ ކުރީގެ ވެރިޔާ ޕޮމްޕެއޯގެ މި ދަތުރަކީ 16 އަހަރު ތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އެމެރިކާގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް އެންމެ ފަހުން ދަތުރެއް ކުރެއްވީ ޖުލައި 2004 ގަ އެވެ. އޭރުގެ އެމެރިކާގެ ޚާރިޖީ ވަޒީރަކީ ކޮލިން ޕަވަލް އެވެ.
ޕޮމްޕެއޯގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު ފުރާވަޑައިގަންނަވާނެއެވެ.