މީހުން އުޅޭ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާ ގުޅޭ ގައުމީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިއަދު ތައާރަފުކޮށްފި އެވެ.
އެމި ޕްލޭން އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ މަޤްސަދަކީ ފެނާއި ނަރުދަމާގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، މިދާއިރާ ތަރައްޤީކޮށް ކުރިއަރުވައި އަދި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ. މިއީ 5 އަހަރުގެ މުއްދަތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.
އެ ޕްލޭން އެކުލަވާލުމުގައި ބަލާފައިވަނީ މައިގަނޑު ހަ ސިޔާސަތެއްގެ މައްޗަށެވެ. އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުނެފައިވާގޮތުގައި އެ ހަ ސިޔާސަތުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ ހުރިހާ އެންމެނަކަށްވެސް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން ހިމެނެ އެވެ.
އޭގެއިތުރުން ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ އެންމެނަކީ އެކަމުގެ ލައިސެންސް ތިބި ބަޔަކަށް ހެދުމާއި ފެނާއި ނަރުދަމާ އާ ގުޅޭގޮތުން އާންމުން އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔުމަކީ ސިޔާސަތުގައި ހިމެނޭ ކަންތަކެވެ. އަދި ހިދުމަތް އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރުންވެސް އެ ސިޔާސަތުގައިވެ އެވެ.
މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ ސުނާމީގެ ހާދިސާއަށްފަހު ރާއްޖެއަށް ފެނުގެ މައްސަލަ ދިމާވާން ފަށާފައިވާ ކަމަށާއި އެކަމާ ގުޅިގެން ފެނާއި ނަރުދަމާ ނިޒާމަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.
ޤާނޫނު ނަންބަރު 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) ގެ ދަށުން ތައްޔާރުކުރަންޖެހޭ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން މިއަދު އިފްތިތާޙްކޮށްފި. pic.twitter.com/GUDjhvHSuY
— Ministry of Environment (@MoEnvmv) November 4, 2020