twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގާނޫނީ ކޮލަމް: ކުށުގެ ތުޙުމަތުގައިވާ ކުޑަކުއްޖެއް!؟

Nov 5, 2020

18 އަހަރު ނުފުރޭ ކޮންމެ ކުއްޖަކީ ކުޑަކުއްޖެއްކަމުގައި ވީނަމަވެސް، އުމުރުން 15 އަހަރުވުމަށްފަހު ކުރާ ޖިނާޢީ ކުށްތަކުގެ މަސްޢޫލިއްޔަތު އެކުދިން އުފުލަންޖެހިދެއެވެ. ނަމަވެސް ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުޑަކުދިންނަށާއި، ކުށެއް ކޮށްފައިވާ ނުވަތަ ކުރަމުންދާ ކުޑަކުދިންނަށް ބޭނުންވާ ޙާއްޞަ ރީހެބިލިޓޭޓިވް ފަރުވާ ދިނުމުގެ އިންތިޒާމްތައްކުރެވި، ފަރުވާ ހޯދުމުގެ ފުރުޞަތުތައް މިހާރު ވަނީ ހުޅުވިފައެވެ. އަދި އެކުދިން ހެޔޮގޮތުގައި މުޖުތަމަޢުއަށް އަނބުރާ އައިސް މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން އެކުދިންނަށްވަނީ މަގުފަހިކޮށްދީފައެވެ. ވުމާއިއެކު ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ބަލާލަމާތޯއެވެ؟

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު މިހާރު އޮންނަ ގޮތުން، ކުށެށް ކުރާ ކޮންމެ ކުއްޖެއްގެ ޙާލަތަށާއި، ޢަމަލުގެ ބާވަތަށާއި، ކުޑަބޮޑުމިނަށް ވަކިން ރިޢާޔަތްކުރުމަށްފަހު މެނުވީ އެ ކުއްޖަކާއިމެދު ފިޔަވަޅެއް ނޭޅެނެއެވެ. މިއާއިއެކު މި ފަދަ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމަކާއި ނުލައި ކުއްޖާގެ ޢާއިލާއާއި މުޖުތަމަޢުގެ ބައިވެރިވުމާއެކު، ކުއްޖާ އިޞްލާޙުކޮށް ހެޔޮގޮތުގައި މުޖުތަމަޢުއަށް އަނބުރާ ގެނައުމަށްޓަކައި އެޅެންހުރި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅިގެންދެއެވެ. ނަތީޖާއަކީ މިފަދަ ކުދިންނާއި މެދު ޢަމަލުކުރެވެނީ އެކުއްޖެއްގެ މަސްލަޙަތަށް އެންމެ ރައްކާތެރި އަދި ފައިދާ ހުރި ގޮތުގެމަތިންކަން ކަށަވަރުކުރެވޭނެ ގޮތަށް ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރެވިގެން ދިޔުމެވެ.

ކުޑަކުއްޖާއަށް ލިބިގެންވާ ޙައްޤުތައް

ކުށެއްގެ ތުޙުމަތު ކުޑަކުއްޖަކަށް ކުރެވިއްޖެނަމަ، ކުށުގެ ތުޙުމަތުގައިވާ ކުއްޖަކަށް ލިބިދޭންޖެހޭ ޙައްޤުތަކެއް ހުރެއެވެ. މިގޮތުން ކުށުގެ ތުޙުމަތުގައިވާ ކުއްޖާ ހައްޔަރުކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ، އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އެއީ އެކުއްޖަކާއި މެދު އެނޫން އެހެން ފިޔަވަޅުތައް އަޅައި އެ ފިޔަވަޅުތައް ނާކާމިޔާބުވުމަށްފަހު، އެ ޙާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށެވެ.

ހަމައެހެންމެ، ކުއްޖަކު ހައްޔަރު ކުރެވުމާއިއެކު ލަސްނުކޮށް ގާޒީއެއްގެ ކުރިމައްޗަށް ހާޒިރުކުރެވުމާއި، އެފަދަ މައްސަލަތައް އަވަސް މައްސަލައެއްގެ ގޮތުގައި ކޯޓުން ބަލައި އެކުދިންގެ މައްޗަށް އެޅޭ ފިޔަވަޅެއް އެޅުމާއި، އަދި އެޅޭ ފިޔަވަޅަކީ އެކުއްޖާގެ މަސްލަޙަތަށް އިސްކުރުމާއެކު، ކުށުގެ ކުޑަބޮޑުމިނާ ބައްދަލު ފިޔަވަޅެއްކަން ޔަޤީންކުރުމަކީވެސް މިފަދަ ޙާލަތެއްގައި ހުންނަ ކުއްޖަކަށް ލިބިގެންވާ ޙައްޤުތަކެކެވެ. އަދި އެންމެ މުހިންމު ކަމަކަށް ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދަންޖެހޭނީ ޢާންމުކޮށް ހުޅުވާނުލައެވެ.

މީގެއިތުރުން، ކުއްޖާ ބަންދުކުރަންޖޭހޭ ޙާލަތެއްގައި ގެންގުޅެންވާނީ އަދި ބަހައްޓަންވާނީ، ކުށުގެ ތުޙުމަތުގައިވާ ނުވަތަ ޙުކުމް ތަންފީޒުކުރަމުންދާ ބޮޑެތި މީހުންނާ ހުރިހާ ވަގުތެއްގައިވެސް މުޅިން ވަކިންނެވެ. އެގޮތުން އެފަދަ ކުދިން ބައިތިއްބަންވާނީ، އެއް އުމުރުފުރާގެ އެއް ބާވަތެއްގެ ޢަމަލުތަކެއް ކޮށްފައިވާ، އެއް ޖިންސުގެ ކުދިން އެއްކޮށެވެ.

ހަމައެހެންމެ، ކުއްޖާއާއިމެދު ކުށެއްގެ ތުޙުމަތުކުރެވޭ ހިސާބުން ފެށިގެން ހުރިހާ މަރުޙަލާއެއްގައިވެސް ކުއްޖާއާއިމެދު ޢަމަލުކުރަންވާނީ، އެކުއްޖާއަށް އެއްވެސް ޖިސްމާނީ ނުވަތަ ނަފްސާނީ ހާނިއްކައެއް ނުވަތަ އިޙުމާލުގެ ޢަމަލެއް ނުހިނގާނެ ގޮތުގެމަތިން، ކުއްޖާގެ ޒާތީ މަޢުލޫމާތު ސިއްރުކުރެވިގެންނެވެ. އަދި ފިޔަވަޅު އެޅުމުގެ ކޮންމެ މަރުޙަލާއެއްގައިވެސް، ކުއްޖާގެ މަސްލަޙަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ އެހީތެރިކަން އަދި ޤާނޫނީ ވަކީލުންގެ އެހީތެރިކަން ލިބުމުގެ ފުރުޞަތު ފޯރުކޮށްދިނުމާއި، ތުޙުމަތުގައި ޙައްޔަރުކުރެވޭ އެހެން މީހުންނަށް ލިބޭ ޙައްޤުތައް ލިބޭނެ ގޮތުގެމަތިން، ޢާއިލީ ބައްދަލުވުންތަކުގެ ފުރުޞަތުވެސް މިފަދަ ކުދިންނަށް ފޯރުދޭންވާނެއެވެ.

ނިންމުން

ޤައުމެއް ބިނާކުރެވޭނީ އަދުގެ ކުޑަ ކުދިންނަކީ ކުށްކުރުމާއި ދުރު ކުދިންނަށް ހަދައިގެންނެވެ. އަދި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށާއި، ކުށަށް އަރައިގަންނަ ކުޑަކުދިން އަނބުރާ މުޖުތަމަޢުއަށް ގެނެވިގެންނެވެ. މިގޮތުގެމަތިން އެކުދިން އަނބުރާ މުޖުތަމަޢުއަށް ގެނައުމުގެ މަސައްކަތުގައި، އެކުދިންނަށް ޤާނޫނުން ލިބިދީފައިވާ ޙައްޤުތައް ރައްކާތެރިކުރެވި ކަށަވަރު ކުރެވެންވާނެއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިނަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355