އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ބަދަހިގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެގޮތުން މި އަހަރަކީ ދެ ގައުމުގެ ހާރިޖީ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަ ހާރިޖީ ގުޅުމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުންތަކުގެ މައްޗަށް ރައީސް ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ވަމުންދާ އެހީތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އިތުރަށް މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ސަރަހައްދީ ވިޔަފާރި ކުރިއެރުވުމާއި، އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި ކޮވިޑް-19އާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ކުރުމަށް "އެއަރ ބަބްލް" އެއް ޤާއިމުކޮށްދީފައިވާތީ، އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ" ޕްރޮޖެކްޓް ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސް ވަނީ އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދާއި ބޮޑުވަޒީރު ނަރެންދްރެ މޯދީއަށް އެ މަނިކުފާނުގެ ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ. އަދި އެމަނިކުފާނާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ދެ ޤައުމުގެ ގުޅުންތައް ކުރިމަގުގައި ވެސް އިތުރަށް ބަދަހިވެ ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.