ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ޕްލޭޓް ލައްވައިގެން މީހެއްގެ ފައިގެ ކުޑަހުޅު ކަށިގަނޑެއް ގުޅުވަން އޮޕަރޭޝަނެއް ކޮށްފި އެވެ.
ކުޅުދުއްފުށީގައި ކުރިއަށްގެންދާ ކުއަންޓަމް ވެޓަރަންސް ކަޕްގައި އަނިޔާވި 36 އަހަރުގެ މި މީހަކީ އެމްޑީޕީ ޓިކެޓްގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރައްވައި މުހައްމަދު ދާއޫދެވެ. އަދި އޭނާއަކީ ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދުގެ ބޭބެވެސްމެ އެވެ.
މުބާރާތުގައި ކުޅެނި މުހައްމަދުގެ ފަޔަށް އަނިޔާވީ މިމަހު ފަސްވަނަ ދުވަހު އެވެ. ހޮސްޕިޓަލަށް ގެނައިއިރު ފައިގެ ކުޑަ ހުޅުން ނެއްޓި ފައިގެ ކަށިގަނޑެއްވެސް ވަނީ ބިންދައިގެންގޮސްފަ އެވެ.
އެރޭ ހުޅަށް އަރުވައި ފަރުވާ ދެވެން ފެށުނު ނަމަވެސް އޮޕަރޭޝަން ކުރެވުނީ އައިޖީއެމްއެޗުން އެކަމަށް ހާއްސަ ތަކެތި ގެނެސް މިމަހު 7 ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް ދެ ގަޑިއިރަށް ކުރިއަށްދިޔަ މި އޮޕަރޭޝަންގައި އިސްކޮށް އުޅުއްވީ އެ ހޮސްޕިޓަލްގެ ކަށީގެ ދެ ޑޮކްޓަރުންނެވެ. ކާމިޔާބު އޮޕަރޭޝަނަށްފަހު އޭނާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، މީގެ ކުރިންވެސް މިފަދަ އޮޕަރޭޝަންކުރަން ތިން ފަރާތްތަކަށް ފުރުސަތު ދީފައިވާ ކަމަށެވެ.
"މީގެ ކުރިން ވެސް އަޅުގަނޑުމެން ވާނެ މި ފުރުސަތު ތިން ފަރާތަކަށް ދީފަ. މިކަމަށް ބޭނުންވާ އާލާތްތައް އައިޖީއެމްއެޗުން ގެނެސްގެން ކުރަން މި ޖެހެނީ. އަޅުގަނޑުމެން މައުލޫމާތު ދެން ބައެއް ފަހަރު އެކަމަށް 4-5 ދުވަހެއް ތަކެތި ގެންނަން ނަގާފާނެ ކަމަށް. އެހެންވެ ގިނަ ޕޭޝަންޓުން އެ ހާލަތުގައި މަޑު ކުރަން ޖެހިލުން ވަނީ." އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގިނަ މީހުން މަޑުކުރަން ބޭނުންނުވަނީ އެކަމަށް މާލޭން ގެންނަން ބޭނުންވާ ސާމާލު ގެނައުމުގައި ލަސްތަކެއް ދިމާވާތީ ކަމަށާ އެކަމަކު މާލެ ދިޔަސް ގިނަ ފަހަރު އޮޕަރޭޝަންކުރާނީ ދުޅަ މަޑުވުމުން ކަމަށެވެ.
"އެހެންކަމުން މި ހޮސްޕިޓަލުގައި ވެސް ކުރެވިދާނެ ކަމެއްކަން މިހާރު އެނގޭ. އަޅުގަނޑުމެންގެ މި ވަގުތު އެބަ ހުރި މިފަދަ އޮޕަރޭޝަންތައް ކުރެވޭ ފެންވަރުގެ ވަރަށް ރަގަޅު ކަށީގެ ޑޮކްޓަރެއް. މިއީ ފެށުމެއް ކަމަށް ބަލައިގެން ކުރިއަށް އޮތްތަނުގައި ދާއިމީ ގޮތެއްގައި މިކޮޅުގައި މިފަދަ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ ސާމާނު ހުންނާނޭ ގޮތެއް ހެދުމުގެ މަަސައްކަތް ކުރަމުން މި ދަނީ. މިއާއެކު އަޅުގަނޑުމެންނަށް މިފަދަ އޮޕަރޭޝަންތައް ކުރުމަށް އޮންނަ އިތުބާރު އުފެއްދޭނެ." އަހުމަދު ވިދާޅުވި އެވެ.
A case of open reduction & internal fixation of the fibula by plate & screws with fixation of the syndesmosis by 2 long partially serrated screws was performed by our team.
— Kulhudhuffushi Regional Hospital (@KRHmv) November 10, 2020
This is the first time an internal fixation surgery is carried out at KRH & it was a success.Alhamdulillah pic.twitter.com/QWwMuhlXet
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަން ކުރަން ގެނެވުނު ސެޓަކީ އައިޖީއެމްއެޗުގައި ވެސް މިފަދަ އޮޕަރޭޝަންތައް ކުރުމަށް ބޭނުން ކުރާ ހަމައެކަނި ސެޓް ކަމުން އަލުން އަނބުރާ އެ ސެޓް މިހާރު ވަނީ މާލެ ފޮނުވާލެވިފަ އެވެ.
މިއީ ޕްލެޓް ލައްވައިގެން އެ ހޮސްޕިޓަލްގައި ކުރެވުނު މިފަދަ ފުރަތަމަ އޮޕަރޭޝަނެއްކަމަށްވިޔަސް މީގެ ކުރިން އެ ހޮސްޕިޓަލުގައި ވަނީ ކަކުލު ހުޅު ބަދަލުކުރާ އޮޕަރޭޝަން ކޮށްފަ އެވެ.