ރާއްޖޭގެ ދަރަނިތައް އަނބުރާ ދެއްކުން އަންނަ އަހަރު ނިމެންދެން ފަސްކޮށްދޭން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
މިނިސްޓަރު އެކަމަށް ގޮވާލެއްވި އިއްޔެ ބޭއްވުނު "ޖީ77 އެންޑް ޗައިނާ" ގެ ބައްދަލުވުމުގަ އެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ދިމާވީ އިގްތިސާދީ ހީނަރުކަން އަންނަ އަހަރުވެސް މުޅިން ރަނގަޅު ނުވާނެ ކަމަށް ލަފާ ކުރެވޭތީ އަންނަ އަހަރު ނިމެންދެން ދަރަނިތައް އަނބުރާ ދެއްކުން ފަސްކޮށްދޭން ޝާހިދު ގޮވައިލެއްވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި ދަރަނިތައް ދެއްކުމުގައި ލުއި އިންތިޒާމުތަކެއް ހޯދަންޖެހޭ ކަމަށާއި ޖީ20 ގެ ގައުމުތަކުން ދޫކުރި ދަރަނިތައް ދެއްކުން މި އަހަރު ފަސްކޮށް ދީފައި އޮތުމުން އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށް އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ދޭ މާލީ އެހީ އާއި ދަރަނިތަކަށް ދޭ ލުއިތަކަކީ އެއްވެސް ޝަރުތަކާ ނުލައި ދޭންޖެހޭ ލުއިތަކެއްކަމަށެވެ.
ދަރަނިތައް ދެއްކުން ފަސްކުރަން ޝާހިދު ގޮވައިލެއްވިއިރު، ކޮޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ މާލީ ބޮޑެތި އިދާރާތަކާއި ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކުން އޮތީ ދަރަނިތައް ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދީފަ އެވެ. އަދި ދަރަނި ދެއްކުން އިތުރަށް ފަސްކުރުމާ މެދު މަޝްވަރާ ކުރަން ތައްޔާރު ކަމަށް ޗައިނާއިން ކުރިން އޮތީ ބުނެފަ އެވެ.