ދިވެހިރާއްޖޭގެ ކޯސްޓްގާޑަށް 117 މިލިއަން ރުފިޔާގެ އެހީތެރިކަން ޖަޕާނުން ފޯރުކޮށްދީފިއެވެ.
ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖޭގެ ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް 117 މިލިއަން ރުފިޔާގެ (7.6 މިލިއަން ޔޫއެސް ޑޮލަރު/800 މިލިއަން ޖަޕަނީޒް ޔެން) ގެ އެހީތެރިކަން ފޮރުކޮށްދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކޮށްފިއެވެ.
މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްވީ ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
ޖަޕާނު ސަރުކާރުގެ މި އެހީގެ ދަށުން ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިތުރުން ސަބް ރީޖަނަލް ސެންޓަރުތަކާ ކޯސްޓްގާޑު އުޅަނދުފަހަރުގެ ޤާބިލްކަން އިތުރުކުރެވިގެންދާނެއެވެ. އެގޮތުން އެންމެ ފަހުގެ މުވާސަލާތީ އާލާތްތަކާއި، މީހުން ހޯދާ ސަލާމަތްކުރުމުގައި ބޭނުންކުރާނެ އާލަތްތަކުގެ އިތުރުން ކޯސްޓްގާޑަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓް ހޯދޭނެއެވެ.
ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކޯސްޓްގާޑާއި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް 117 މިލިއަން ރުފިޔާގެ (7.6 މިލިއަން ޑޮލަރު) އެހީތެރިކަން ފޯރުކޮށްދިނުމުގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކޮށްފި
— Ministry of Foreign Affairs 🇲🇻 (@MoFAmv) November 22, 2020
📃 | https://t.co/cjoT9gXrgD pic.twitter.com/xpBlPZgvup
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ކަނޑުފޭރުމާ، ހައްދުފަހަނައަޅައި ދިޔުމާ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ދެޤައުމު އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެމްބެސެޑަރ ޔާނާއީ ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، ޖަޕާން ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ހާރިޖީ ވުޒާރާގެ އިސް ބޭފުޅުންގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އަދި ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ އިސް އޮފިޝަލުން މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ޖަޕާނުން ރާއްޖެއަށް 117 މިލިއަން ރުފިޔާގެ އެހީ ދިނުމަށް އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެވިގެން ދިޔުމަކީ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ރަމްޒެއްގެ އިތުރުން ކާރިސާތަކަށް އިޖާބަދިނުމާ މީހުން ސަލާމަތްކުރުމުގެ ދާއިރާއިން ދެޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ ރަމްޒެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ޖަޕާނުން ވަނީ 21 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލާންސް 15 އަތޮޅެއްގެ 21 ރަށަށް ވަނީ ހަދިޔާކޮށްފައެވެ.