twitterviber whatsapp telegramfacebookyoutube instagram
25th April 2024

ތިލަދުންމައްޗަށް ހުޅުވާލައިގެން އިހަވަންދޫގައި ބޮޑު ފުޓްބޯޅަ މުބާރާތެއް، ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ

- މިއީ އަމިއްލަ ޖަމިއްޔާކުން ބާއްވާ މުބާރާތެއް
- ހއ، ހދ އަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ މުބާރާތް
- ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ، ރަނަރަޕް ޓީމަށް 25،000 ހުށަހެޅިފައިވޭ

އަބްދުލް ވާހިދު ޙަސަން
Nov 23, 2020

ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން އިހަވަންދޫގައި ބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވަން އިއުލާންކޮށް ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ގިނަ ހަރަކާތްތަކެއް ހިންގާ އިހަވަންދޫ، ކުލަބު ޕޯލް ސްޓާރ އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތްތަކީ އަމިއްލަ ޖަމިއްޔާއަކުން މިގޮތަށް ހުޅުވާލައިގެން ތިލަދުންމަތީގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ.

ޕޯލް ސްޓާރގެ ރައީސް މުހައްމަދު ސުޖާ ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ހއ، ހދ އަށް ހުޅުވާލައިގެން އެފަރާތުން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތް ކަމަށާ މުބާރާތުގެ ކާމިޔާބީއަށް ބަލާފައި ކުރިއަށް އޮންނަ އަހަރުގައި މުޅި އުތުރުގެ ހުރިހާ ރަށަކަށް ބައިވެރިވެވޭގޮތަށް ފުޓްބޯޅަ މުބާރާތެއް ބާއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މިމުބާރާތުގައި ތިލަދުންމަތީގެ ހުރިހާ ރަށަކަށް ބައިވެރިވެވެވޭނެ ކަމަށެވެ. ރަށަކުން އެއް ޓީމަށްވުރެ ގިނަ ޓީމްތަކަށް ވާދަކުރެވޭނެކަމަށްވެސް ސުޖާ ވިދާޅުވި އެވެ. އަދި އެ ކުލަބުގެ ފޭސްބުކް ޕޭޖުން މުބާރާތުގެ ގަވައިދުތައް މިއަދު އަޕްލޯޑްކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

އިހަވަންދޫއާ ގުޅުވާލައިގެން "އިހަވަން ކަޕް" ގެ ނަމުގައި ބާއްވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާއިރު ރަނައަޕް ޓީމަށް 25،000 ރުފިޔާ ހުށަހެޅިފައިވެ އެވެ. ޑިސެމްބަރު 20 ވަނަ ދުވަހު ފަށަން ތާވަލްކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހެވެ.

މުބާރާތުގެ ގަވައިދާއި ފޯމް އެ ކުލަބުގެ ފޭސްބުކް ޕޭޖުން ލިބެންހުންނާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފީ އަކީ 2000 ރުފިޔާ އެވެ.

ކްލަބް ޕޯލް ސްޓަރ އިން ދާދި ފަހުން ވަނީ ހއ އަތޮޅުގެ އަންހެނުން އަމާޒުކޮށްގެން ވޮލީ މުބާރާތެއް ބާއްވަންވެސް އިއުލާންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355