ހއ. އިހަވަންދޫގައި ގާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި އެވެ. ބިންގާ އަޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ.
އިހަވަންދޫގައި އަލަށް އިމާރާތްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ފިޝަރީޒް ކޮމްޕްލެކްސްއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފިޝަރީޒް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް އަންނަ މެއިމަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އަމާޒަކީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު ނިންމުންކަމަށެވެ
"ކޮމްޕްލެކްސް އެޅުމަށް ހިނގާ ހަރަދަކީ 416 މިލިޔަން ރުފިޔާ. ބަނދަރުގެ އަގަކީ 58 މިލިޔަން ރުފިޔާ. މި މަޝްރޫއު މި ކުރިއަށްގެންދެވެނީ އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކުގެ އެހީގައި." ރައީސް ވިދާޅުވި އެވެ.
އިހަވަންދޫގައި ފިޝަރީޒް ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކު، އައިޑީބީގެ މާލީ އެހީތެރިކަމާއެކުއެވެ. މި މަޝްރޫއުގެ ދަށުން 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮފީސް އިމާރަތަކާއި އިންޖީނުގެއާއި ވެހިކަލް ވަރކްޝޮޕުގެ އިތުރުން ގުދަނެއް އެޅުމަށްވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން 130 މީޓަރުގެ ދިގު އެއްގަމަށް މަގަތުފާލަމަކާއި 3 ޕޮއިންޓުން މަސްކިރޭ ގޮތަށް 3.5 މީޓަރުގެ ފުންމިނުގެ ބަނދަރެއްވެސް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ.