twitterviber whatsapp telegramfacebookyoutube instagram
10th September 2026

އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

Dec 21, 2024

ހއ. އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލާއި އެ ރަށު ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމެއްގައި ސޮއި ކުރެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމާއި އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސޮބާހު ވިދާޅުވީ، އެ ޑޮކްޔާޑު އަޅަން ދޫކުރަނީ އެއްލައްކަ އަކަފޫޓުގެ ބިމެއް 50 އަހަރަށް ކަމަށާއި އެ ބިމަށް ކުލީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޑޮކްޔާޑު އެޅުމުން އިހަވަންދޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވާނެކަމަށާއި މި އިންވެސަޓްމެންޓުން ރައްޔިތުންނަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ސޮބާހު ވިދާޅުވީ ޑޮކްޔާޑު އެޅުމުގެ އަމަލީ މަސައްކަތަތައް ފެށުމާއެކު އެމްޕީއެލުން ކުރިއަށްގެންދާ އެކިއެކި ކޯސްތަކުން އިހަވަންދޫގެ ރައްވެހިންނަށް ފުރުސަތުތައް ލިބޭނެ ކަމަށެވެ.

އެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ތެރޭގައި ފެށޭނެ ކަމަށް ވެސް، އެމްޕީއެލާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.

އިހަވަންދޫގައި ޑޮކްޔާޑެއް އެޅުމަކީ، ބޯޓުފަހަރަށް ތެޔޮ އަޅައިދޭ ބަންކަރިން ޚިދުމަތުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް، އޮފްޝޯ ޚިދުމަތެއްގެ ގޮތުގައި މިހާރު ދަނީ ދެމުންނެވެ. އެ ޚިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293