twitterviber whatsapp telegramfacebookyoutube instagram
23rd January 2021

ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ކޮވިޑް ވެކްސިން ހިލޭ ލިބޭނެ: ރައީސް

ޚަދީޖާ އާދަމް
Dec 3, 2020
1

ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެސް ކޮވިޑް-19 ގެ ވެކްސިން ހިލޭ ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭތީ އެވެ.

ލ. ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ތައާރަފް ކުރުމާއި މަރުކަޒީ އިންޖީނުގެ އެއް ނެޓްވޯކަކުން ގުޅާލުމާއި ޒޯން ސްޓޭޑިއަމް ފުޓުބޯޅަ ދަނޑު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ވެކްސިން ދިނުމުގައި އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށެވެ.

ކޮވިޑް-19އާ ގުޅޭ ވެކްސިނެއް އުފެއްދުމާއެކު، އެ އެންމެ ބޭނުންވާ ހައިރިސްކުގެ މީހުންނަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރުމަށް، ޑަބްލިޔުއެޗްއޯއިން އުފައްދާފައިވާ ކޯވެކްސް ފެސިލިޓީގައި ރާއްޖޭން ވަނީ ބައިވެރިވެފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު އަންނަނީ، ވެކްސިން ރާއްޖެ އަށް ބޭނުންވާ ވަރު ދެނެގަތުމަށް، އެ ކެޓަގަރީގައި ހިމެނޭ ބަލި މީހުންގެ ބައެއް މައުލޫމާތު އެއްކުރަމުންނެވެ.

ހުރިހާ ދިވެހިންނަށް ވާވަރަށް ވެކްސިން ހޯދާނެ ކަމާއި ބޭރުގެ އެހީގައި އާބާދީގެ 20 ޕަސެންޓަށް ލިބޭ ވެކްސިން ހޯދުމުގެ މަސައްކަތާ އެކުއެކީގައި، ބާކީ ތިބި މީހުންނަށް ވެކްސިން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދާ ކަމަށް ހެލްތު މިނިސްޓްރީން ރޭ ވަނީ ބުނެފަ އެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވެކްސިން ދިނުމުގައި އިސްކަންދޭނެ މީހުން ކަނޑައެޅުމަަށް ފްރޭމްވޯކެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. އެޗްޕީއޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް(ޓެގު)ން ތައްޔާރު ކުރަމުން އަންނަ އެ ފްރޭމްވޯކުގެ ދަށުން ވެކްސިން ޖަހާނެ މީހުން ކަނޑައަޅައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި، އެ ކެޓަގަރީއަށް ފެތޭ މީހުން އަންނަނީ ހޯދަމުންނެވެ.

ކޯވެކްސް ފެސިލިޓީން ފުރަތަމަ ވެކްސިން ލިބޭނީ ތިން ޕަސެންޓަށެވެ. އެ ޑޯޒްތައް ދޭނީ ކޮވިޑްގެ ބަލިމީހުންނާ ސީދާ ބައްދަލުވާން ޖެހޭ ނުވަތަ ވައިރަހަށް ހުށަހެޅޭ ގޮތަށް މަސައްކަތްކުރާ ނަރުހުންނާއި ޑޮކްޓަރުން ފަދަ މީހުންނަށެވެ. ދެން ލިބޭ 17 ޕަސެންޓް ބަހާނީ އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑް ޖެހިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ބިރު އޮތް ނުވަތަ ބޮޑަށް ބަލިވެދާނެ މީހުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355