މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައި ވެސް ކޮވިޑް-19ގެ ވެކްސިން ރައްކާކުރުމުގެ ނިޒާމް ގާއިމް ކުރާނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ބުނެފިއެވެ.
ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވީ އަތޮޅުތެރޭގައި ވެކްސިން ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ނުވަތަ ވެކްސިންގެ ސޭފްޓީ އެޝިއުއަރ ކުރާނެ ގޮތްތައް މިހާރު ޕްލޭން ކުރަމުންދާ ކަމަށެވެ.
ކޮވިޑާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ބައެއް ވެކްސިންތަކަކީ ވަރަށް ފިނީގައި ބަހައްޓަން ޖެހޭ ވެކްސިން ތަކެކެވެ. އަދި އެ ފިނިކަންމަތީގައި ބެހެއްޓޭނެ ވަސީލަތްތައް އަދި މުޅިދުނިޔޭގައިވެސް ވަރަށް މަދެވެ.
ނަޒްލާ ވިދާޅުވީ މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައި ވެސް ވެކްސިން ރައްކާކުރުމުގެ ނިޒާމް ގާއިމްކުރާނެ ކަމަށާއި މިހާރު ވެސް އާންމުކޮށް ބޭނުން ކުރާ ރޫޓިން ވެކްސިނޭޝަން ޕްރޮގްރާމް ބޭނުން ކުރާ ވެކްސިންތައް އަތޮޅުތެރޭގައި ރައްކާކުރާ ކަމަށެވެ. އަދި އެފިނިހޫނުމިން ބެލެހެއްޓިގެންދާނެ ކަމުގެ ޔަގީންކަން ޑރ.ނަޒްލާ ވަނީ ދެއްވާފައެވެ.
އޭނާ އިތުރަށް ވިދާޅުވީ ވެކްސިން ދޭއިރު ވެކްސިނުން ލިބިދާނެ ސައިޑް އިފެކްޓްސްއާއި އެ ސައިޑް އިފެކްޓްސް ދެނެގަންނާނެ ގޮތާ ރައްކާތެރިކަމާއެކު ވެކްސިން ޖަހާނެ ގޮތުގެ މައުލޫމާތު މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގެ ޑޮކްޓަރުންނާއި ނަރުހުންނަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ވެކްސިންއާ ގުޅިގެން ހާއްސަ ޑޭޓާބޭސް އެއްވެސް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.