twitterviber whatsapp telegramfacebookyoutube instagram
25th April 2024

"ގާލްސް ޓު ކޯޑް" ދެވަނަ ޕްރޮގްރާމް ތިނަދޫގައި

Dec 24, 2020

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް "ގާލްސް ޓު ކޯޑް" ގެ ދެވަނަ ޕްރޮގްރާމް "ގާލްސް ޓު ކޯޑް- ތިނަދޫ" ގެ ނަމުގައި ވާރޗުއަލްކޮށް ބޭއްވުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވާލައިފިއެވެ.

ގދ. ތިނަދޫއަށް ހާއްސަކޮށްގެން ބޭއްވޭ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 10 ޖެނުއަރީ 2021 ގައެވެ. މި ޕްރޮގްރާމްގައި ބައިވެރި ވެވޭނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެންކުދިންނަށެވެ. އެއްވެސް ފީއަކާއި ނުލައި ކުރިއަށް ގެންދާ މި ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ މީގެ ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ނެތް ކުދިންނަށެވެ.

އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމް ހިންގާނީ މިފަހަރު ދެ މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށެވެ.

އެގޮތުން މި ޕްރޮގްރާމުގެ ތެރެއިން އެޗް.ޓީ.އެމް.އެލް. އާއި ސީ.އެސް.އެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެއެވެ. އަދި ނަގާދޭ ފިލާވަޅުގެ އިތުރުން އަމަލީކޮށް ވެބްސައިޓްތައް ޑިވެލޮޕްވެސް ކުރެވޭނެއެވެ.

ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް މަދުކަމަށާއި، "ގަރލްސް ޓު ކޯޑް" ފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް މި ދާއިރާއަށް އަންހެން ކުދިން ތަޢާރަފު ކުރުން ވަރަށް މުހިންމެވެ.

ދިރާގުން ބުނީ ޓެކްނޮލިޖީ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވާ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިކަން އިތުރު ކުރުމަކީ ދިރާގު ގެ ސީއެސްއާރު ޕްރޮގްރާމްގައި ހާއްސަ އަހައްމިޔަތުކަމެއް ދެމުންދާ ދާއިރާއެކެވެ.

2019 ގައި ހިންގުނު ގަރލްސް ޓު ކޯޑުގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދެވުނީ ފުވައްމުލަކުގައެވެ. މިޕްރޮގްރާމްގެ ނަތީޖާއަށް ބަލައި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގަން ވަނީ ރޭވިފައިވެއެވެ.

ދިރާގައި ވިމެން އިން ޓެކް މޯލްޑިވްސްއިން ވަނީ މި ޕްރޮގްރާމް ރަސްމީކޮށް 16 ޑިސެމްބަރ ގައި އިއުލާން ކޮށްފައެވެ.
ގދ. ތިނަދޫއިން މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން https://bit.ly/girlstocodemv މި ލިންކަށް ޒިޔާރަތްކޮށް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށައަޅުއްވާށެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 25 ޑިސެމްބަރ 2020 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355