twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީ ގޮނޑު ހުސްކުރަން ވެމްކޯ އޮތީ ތައްޔާރަށް: ލަތީފު

ނަބީލާ އިސްމާޢީލް
Dec 28, 2020
2

ކުޅުދުއްފުށީ ކުނިގޮނޑު ހުސްކުރުމަށް ވެމްކޯއާ ހަވާލުކޮށްފިނަމަ އެކަން ކުރަން އެ ކުންފުނިން ތައްޔާރަށް ތިބި ކަމަށް، ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.

ތިލަދުންމަތީގެ ބައެއް ރަށްތަކުގެ ކުނީގެ ހާލަތު ބެލުމަށް ވެމްކޯގެ ސީނިއަރ ޓީމެއް ވަނީ ދާދިފަހުން ވަނީ މިސަރަހައްދަށް ދަތުރެއް ކުރައްވާފަ އެވެ. ކުޅުދުއްފުށީ ކައުންސިލާއެކު ވެމްކޯގެ ޓީމް ބައްދަލުކުރީ މި ހުސްވި ހަފުތާގައި އެވެ.

ވެމްކޯއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ މައުލޫމާތު ކޭއޯއާ ހިއްސާކުރައްވަމުން، ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، އެންވަޔަރުމެންޓް މިނިސްޓްރީން ކުނިކޮނޑު ހުސްކުރުމަށް ވެމްކޯއާ ހަވާލުކޮށްފިނަމަ ކުރު މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް އެ ކުންފުނިން ނިންމާލާނެ ކަމަށެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވެމްކޯގެ ޗެއާމަންގެ އިތުރުން އެ ކުންފުނީގެ ސީނިއަރ މެނޭޖްމެންޓްގެ މުވައްޒަފުން ބައިވެރިވެލެއްވި އެވެ.

ލަތީފު ވިދާޅުވީ ވެމްކޯގެ ސީނިއާ މެނޭޖްމެންޓްގެ ޓީމުން ކައުންސިލާއި ބައްދަލުކޮށް ކުނިގޮނޑުގެ ކުނި މެނޭޖްކުރުމުގައި ދިމާވެފައިވާ ދަތިތައް އޮޅުންފިލުވައި އެ ދަތިތައް ހައްލުކުރުމަށް އޮތީ ކޮންކަމެއްތޯ ބަލައި ކައުންސިލާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

ލަތީފް ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރުވެސް ކުނިކޮށިގެ މަސައްކަތް މިނިސްޓްރީން ހަވާލުކޮށްފަ އޮތީ ފެނަކަ ކޯޕަރޭޝަންއާ ކަމަށާއި އެ ކުންފުންޏަށްވެސް ގޮނޑު ބެލެހެއްޓިފައިނުވަނީ އެކަމަށް ބޭނުންވާ ބަޖެޓް ނުލިބިގެން ކަމަށެވެ. ގޮނޑު މެނޭޖު ނުކުރެވުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަން ލަތީފް ވިދާޅުވި އެވެ.

ކުނިގޮނޑުގެ އުނދަގޫ ރައްޔިތުންނަށް އެންމެ ބޮޑަށް ކުރިމަތިލާންޖެހެނީ އިރުވާވުމުން، އިރުމަތި ވައިޖެހެން ފެށުމުންކަން ފާހަގަކުރައްވަމުން ލަތީފު ވިދާޅުވީ، ގޮނޑުގެ ސަބަބުން ރައްޔިތުންނަށް އުފުލަން ޖެހިފައިވާ ދަތިތަކުން އަރައިގަނެވި އެ މައްސަލަ ވީހާވެސް އަވަހަށް ހައްލުވުމަށް ކައުންސިލުން ނުހަނު އެދޭ ކަމަށާ ކައުންސިލުން ބޭނުންވަނީ އެ މަސައްކަތް ކުރެވޭވަރު ބަޔަކާ ހަވާލުކޮށްގެން އެކަން ކުރަން ކަމަށް ލަތީފު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ހީވެފަ އޮންނަނީ ކުނިގޮނޑަކީ ކައުންސިލް ބެލުމުގެ ދަށުގައި އޮންނަ ތަނެއް ކަމަށް. ނަމަވެސް އެންވަޔަރުމެންޓް މިނިސްޓްރީން ފެނަކައާ އެތަން ހަވާލުކޮށްފަ އޮންނަތާ 10 އަަހަރުވެއްޖެ." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކުނިގޮނޑުގައި ކުނިމެނޭޖް ކުރެވެން އަންނަނީ ފުރަތަމަ މަރުހަލާގެ ތެރެއިން އެތަނުގައިވާ ކުނި ކުނބުރުދޫއަށް ގެންގޮސް ކުނިގޮނޑު ހުސްކުރެވިގެންނެވެ. ލަތީފް ވިދާޅުވީ ކުނިގޮނޑުގެ މަސައްކަތް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި މިނިސްޓްރީން ކުނި ނައްތާލުމަށް ހުރި ހުރަސްތަކާއި ކުރެވޭނެ މަސައްކަތްތައް ދިރާސާކޮށް ބަޔަކާ ހަވާލުކޮށް ޓެންޑަރ ކުރެވިފައިވާކަމަށް މިިނިސްޓްރީން ބުނެފައިފައި ވާކަމަށެވެ.

ކުނިގޮނޑުގެ މައްސަލައަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. ދުވާލެއްގެ މައްޗަށް އެތަކެއް ޓަނެއްގެ ކުނި އެތަނަށް އުކާލާއިރު، ކުނި ނައްތާލަނީ ވަޅުލައިގެން ނުވަތަ އަލިފާން ރޯކޮށްގެންނެވެ. އެކަމުގެ ސަބަބުން މުޅި ސަރަހައްދަށް ދުމުގެ އަސަރުކޮށް، ދުމާއެކު އަރާ ވިހަ ގޭހުން އެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުކުުރުމުގެ ފުރުސަތު އެބައޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355