- އަތޮޅުތެރޭގެ ސިއްހީ ނިޒާމު ތަރައްގީކުރަނީ ސީދާ ރައީސްގެ އިސްނެގުމަށް
- އެ މަސައްކަތަށް ކައިރިން ފެނިވަޑައިގަންނަވާކަން ޔާސިރު ވިދާޅުވި
- އެކަމަށްޓަކާ ރައީސް ސޯލިހަށް، ޔާސިރު ވަނީ ޝުކުރުއަދާކުރައްވާފަ
އަތޮޅުތެރޭގެ ސިއްހީ ނިޒާމު ތަރައްގީކޮށް ކުރިއެރުވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ކުރައްވަމުންގެންދާ މަސައްކަތް ވަރަށް ގާތުން ފެނިވަޑައިގަންނަވާ ކަމަށާއި އަތޮޅުތެރޭގެ ސިއްހީ ނިޒާމަށް މިއަންނަ ހެޔޮބަދަލާއެކު އެމަނިކުފާނުގެ ނަންފުޅު ތާރީހުގެ ތެރެއަށް ވަދެގެންދާނެކަމަށް ވިދާޅުވެ ރައީސް ސޯލިހަށް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލްލަތީފު ޝުކުރުއަދާކުރައްވައިފި އެވެ.
އަތޮޅުތެރޭގައި ބެހެއްޓި ފުރަތަމަ މެޑިކަލް އޮކްސިޖަން ޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔާސިރު އަބުދުލް ލަތީފު ވިދާޅުވީ، މިއަދު ރާއްޖޭގެ ސިއްހީ ނިޒާމު ފަރުވާކުރެވުމުން މިދާގޮތަކީ ރާއްޖޭގެ ތާރީހުގައި އެއްވެސް ވަރަކަށް ސިއްހީ ނިޒާމު ފަރުމާކޮށްފައި އޮތްގޮތަކަށް ނޫން ކަމަށާއި މިވީހާތަނަށް އަބަދުވެސް ދައްކަމުންގޮސްފައިވަނީ އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ތަރައްގީކުރެވިދާނެ ވާހަކަ ކަމަސްވިޔަސް އެކަމަށް އެހާ ބޮޑު އިސްކަމެއް ސަރުކާރުތަކުން ދީފަނެތް ކަމަށެވެ.
"މިއަދު ދިވެހި ރާއްޖޭގެ އަތޮޅުތެރޭގެ ސިއްހީ ނިޒާމަށް މިއަންނަ ބަދަލާއެކީގައި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނަންފުޅު ތާރީހުގެ ތެރެއަށް ވަދެގެންދާނެ." ޔާސިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަތޮޅުތެރޭގެ ސިއްހީ ނިޒާމު ތަރައްގީކުރައްވަނީ ސީދާ ރައީސުލް ޖޫމްހޫރިއްޔާގެ އިސްނެއްގެވުމުގެ ދަށުން ކަމަށާ އެ މަންޒަރު ވަރަށް ގާތުން ފެނިވަޑައިގަންނަވާ ކަމަށެވެ.
"ރައީސްގެ ސީދާ އިސްނެއްގެވުމުގެ ދަށުން ރާއްޖޭގެ ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމަށްޓަކާ އެ ކުރައްވާ މަސައްކަތަށް ނުހަނު އިހްލާސްތެރިކަމާއެކީގައި ޝުކުރުއަދާކުރަވަން." ޔާސިރު ވިދާޅުވި އެވެ.
ސިއްހީ ނިޒާމަށް ކުރިއެރުންތައް އަންނަނީ ސަރުކާރުގެ ސިޔާސަތަށްވެސް އެކަން ކުރަން ބޭނުންވާ ބަޔަކު އައުމުން ކަމަށާ ނުހަނު ބާރު ދުވެލީގައި ހޮސްޕިޓަލަށް ތަރައްގީ ލިބެމުންދާކަން ޔާސިރު ފާހަގަކުރެއްވި އެވެ. ޔާސިރު ވަނީ ހޮސްޕިޓަލުގެ ތަރައްގީއަށް އެތަނުގެ މެނޭޖްމެންޓާއި މުވައްޒަފުންކުރާ މަސައްކަތްތައްވެސް ފާހަގަކުރައްވާފަ އެވެ.
ރަށެއް ކުރިއެރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާނެ ބަޔަކީ އެރަށެއްގެ ކައުންސިލް ކަމަށާއި މިއޮތް ހުރިހާ ދުވަހު ކައުންސިލަރުން ތިބީ ފިއްތާފައި ހަމަ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ކަމަށް ޔާސިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއަދު ކައުންސިލުން ކުރައްވާ މަސައްކަތް އުފަލާއެކު ފާހަގަކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިމަތީގައިވެސް އެބައޮތް ކައުންސިލް އިންތިހާބެއްވެސް. ކައުންސިލް އިންތިހާބަކީ އަޅުގަނޑުމެންގެ އެއްޗެއް. މިރަށުގެ އެއްޗެއް. ކައުންސިލް އިންތިހާބަށް ނަގާނީ މިރަށަށް ރަނގަޅުވާ މީހުން. ރަށު ވަންތަ ސްޓައިލަކަށް ޔާސިރު ވިދާޅުވި އެވެ.
"ކައުންސިލް އިންތިހާބުގައި ޕާޓީއެއްގެ މުހިންމުކަމަކީ އެ ޕާޓީއެއްގެ ސިޔާސަތު. އެ ސިޔާސަތެއް އެއީ ކޮންކަހަލަ ޕާޓީއެއްގެ ސިޔާސަތެއް ތޯ. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ކައުންސިލްތައް އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭނީ އެރަށެއްގެ ތަރައްގީއަށް. އެ ފުރުސަތުތައް އަޅުގަނޑުމެން މިވެރިކަމަށް މިވީ ދެ އަހަރުތެރޭގައި، އަޅުގަނޑުމެން މަޖިލީހަށް މިވީ ދޮޅު އަހަރުގެ ތެރޭގައި ފަހިކޮށްދެވިއްޖެ ބޮޑު ތަނުން." ޔާސިރު ވިދާޅުވި އެވެ.
ހިދުމަތްތައް ލިބެން ޖެހޭނީ ވަކި އެއްތާކުން ނޫން ކަމަށާ އެ ހިދުމަތްތައް ލާމަރުކަޒީކޮށް އެކަން ކުރާނެ ސިޔާސަތަކަށް މަސައްކަތްކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށުގެ ކަންކަން މުސްތަގުބަލުގައި ބައްޓަންކުރުމުގައި މުއައްސަސާތަކުގެ އިސްވެރިން ކުރައްވާ މަސައްކަތްތައް ހަލުވިކޮށް، ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ޔާސިރު ވަނީ އެ ބޭފުޅުންގެ އަރިހުން އެދިވަޑައިގަންނަވާފަ އެވެ. އަދި މެމްބަރުންގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭން ދެ މެމްބަރުންވެސް މަސައްކަތްކުރައްވާނެކަމަށް ޔާސިރު ވިދާޅުވި އެވެ.