މިދިޔަ އަހަރު އެމްޑީޕީން ވަކިވެ ޑިމްކޮރެޓްސް ގުޅުމަށްފަހު އަލުން އެމްޑީޕީއާ ގުޅުނީވެސް ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ކުޅުދުއްފުށީ ދެ ދާއިރާގެ އެމްޑީޕީގެ ރައީސުންނާއި ހޮސްޕިޓަލުގެ ސީއީއޯއާ މަޝްވަރާކުރެވި އެންމެ އިއްތިފާގުވެގެންކަމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
މެމްބަރު ޔާސިރު މިހެން ވިދާޅުވީ، އޭނާއާ ސުވާލުކުރުމަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމް "އާސްކް ޔާސިރު" އަށް މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ކުޅުދުއްފުށީގައި ކުރިއަށްގެންދާ މަޝްރޫއުތައް ލަސްވުމުން މެމްބަރު ޔާސިރާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުން އަދި އެމްޑީޕީގެ ދެ ދާއިރާގެ ރައީސުން އެމްޑީޕީ އިން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވީ 2023 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގަ އެވެ.
އެކަމަކު އޭގެފަހުން ތިންމަސްވެސް ނުވަނީސް ކައުންސިލަރު މުހައްމަދު ދާއޫދު ފިޔަވާ އެހެން ހުރިހާ ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާފަ އެވެ. ކައުންސިލަރު މުހައްމަދު ޑިމޮކްރެޓްސްގައި މަޑުކުރެއްވުމަށްފަހު ޕީއެންސީއާ ގުޅިވަޑައިގެންނެވީ މަޖިލިސް ޕްރައިމަރީއަށެވެ. އޭނާ ވަނީ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓްވެސް ކާމިޔާބުކުރައްވާފަ އެވެ.
ޔާސިރުއާ ވާދަކުރެއްވުމަށް ކައުންސިލަރު މުހައްމަދު ނުކުންނަވާފައިވާއިރު އެ ދާއިރާއަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އަހުމަދު މުޖުތަބާވެސް ވާދަކުރައްވަ އެވެ. ޔާސިރާއި މުހައްމަދަކީ ވަރަށް އެކުގައި ޓީމެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ބޭފުޅެކެވެ.
އާސްކް ޔާސިރުގެ ފުރަތަމަ ޕްރޮގުރާމުގައި އާންމު ފަރާތްތަކުން ޔާސިރާ ކުރެއްވި ސުވާލަކީ އެކުގައި މަސައްކަތް ކުރެއްވި ވާދަވެރި ކެންޑިޑޭޓް ކައުންސިލަރު މުހައްމަދު ޑިމޮކްރެޓްސްއަށް ދިޔަ ނަމަވެސް އެނބުރި އެމްޑީޕީއަށް ގުޅިވަޑައިނުގެންނެވީ އެއީ ކިހެނެތް ހިނގައިދިޔަ ކަމެއް ތޯ ސާފުކުރުމަށެވެ.
ޔާސިރު ވިދާޅުވީ، ޕާޓީ ބަދަލުކުރުމާ އެނބުރި އެމްޑީޕީއަށް ގުޅުމަށް ނިންމި ނިންމުމަކީ އޭރު އެކުގައި މަސައްކަތްކުރި ހުރިހާ ބޭފުޅުންނާއެކު ބައްދަލުވެވި ވާހަކަދެއްކެވި މަޝްވަރާކުރެވިގެން ނިންމި ނިންމުމުންތަކެއް ކަމަށެވެ.
އެގޮތުން އެ މަޝްވަރާތަކުގައި ސިޓީ ކައުންސިލްގެ ހުރިހާ ފިރިހެން މެމްބަރުންނާއި ކޭއާރުއެޗުގެ ސީއީއޯ އަހުމަދު ދާއޫދާއި އެމްޑީޕީގެ ދެ ދާއިރާގެ ރައީސްވެސް ހިމެނޭކަމަށް ޔާސިރު ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން ނިންމީ ހުރިހާ އެންމެންގެ ވޯޓުންވެސް ހުރިހާ އެންމެންވެސް އެއްގޮތަކަށޭ ކަންތައްކުރާނީ. ދެން ދެވަނަ ނިންމުމަކަށް ނިންމުނީ ކިހެނެތޯ އަޅުގަނޑުމެން ހަދާނީ. ޑިމޮކްރެޓްސްގައި މަޑުކުރާނީތޯ އެނބުރި އެމްޑީޕީއަށް އަންނާނީ ތޯ. ނުވަތަ ދެވަނަ ބުރަށް ދިޔައީމަ އަންނާނީތޯ. ކޮބާތޯ އަޅުގަނޑުމެން ރަށަށް އެންމެ ރަނގަޅު ގޮތަކީ." ޔާސިރު ވިދާޅުވި އެވެ.
އެންމެންނަށްވެސް އިގްތިފާގުން އެއްބަސްވެވުނީ އަޅުގަނޑުމެން އެމްޑީޕީއަށް އެނބުރި އައުންކަމަށް އެވަގުތު ރަށަށް އަދި ހާއްސަކޮށް އުތުރަށްވެސް ހަމަ އެންމެ ރަނގަޅުގޮތަކީ އެއީ. ދެން އެ ނިންމަށްފަހުގައި ހިޔާލު ތަފާތުވުމެއް އައި. އެކަމާ ގުޅިގެން ކަންނޭނގެ [ކައުންސިލަރު މުހައްމަދު] އެ މަޑުކުރެއްވީ [ޑިމޮކްރެޓްސްގަ. އެއަށް އަޅުގަނޑު ނުދަންނަވާނަން ސީދާ ވާހަކައެއް. އެ ދެން ވެދާނެ ސިޔާސީ ނިންމުމެއްކަމަށްވެސް. މިއީ ހަގީގަތުގައި މިކަމުގައި އަޅުގަނޑުމެން އަމަލުކުރި ގޮތަކީ."
އެންމެންވެސް އިއްތިފާގުން އެއްބަސްވެވުނީ އެނބުރި އައުމަށް އެހެންނަމަވެސް ތިފާހަގަކުރައްވާ ފަރާތުން ފާހަގަކުރެއްވީ މަޑުކޮށްފަ ދެވަނަ ބުރުގައި އަޅުގަނޑުމެންނާ[އެމްޑީޕީއާ] ޖޮއިންކުރާނަމޭ. ދެވަނަ ބުރަށް ދާއިރުގައި އެމްޑީޕީއަށް އެނބުރި އަންނާނަމޭ. މިވެނި އެވެނި ސަބަބުތަކަކަށް ތިމަންނަ[ޑިމޮކްރެޓްސް] މަޑުކުރަން ބޭނުންމޭ." ޔާސިރު ވިދާޅުވި އެވެ.
ޑިމޮކްރެޓްސްއަށް ނުގޮސް އޭރު މަޑުކުރެއްވީ ކޭއާރުއެޗުގެ ސީއީއޯ އަހުމަދު ދާއޫދެވެ. ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް ރިޔާސީ އިންތިހާބުގައި އޭނާ ބުރަކޮށް ކުޅުދުއްފުށީގައި މަސައްކަތްކުރެއްވިއިރު އޭނާގެ ބޭބެ މަސައްކަތްކުރެއްވީ ޑިމޮކްރެޓްސްގައި އެވެ. އެހެންނަމަވެސް މިހާރު އެ ދެބެއިންވެސް މަސައްކަތްކުރަނީ އެކުގައި ޕީއެންސީގަ އެވެ.