ހުޅުމާލޭގައި ކުރިއަށްގެންދިޔަ މޮޓޯ ރޭސިންގ އޯޕަން އިވެންޓްގައި ކުޅުދުއްފުށީގެ ދެ ރައިޑަރަކު ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
ޑްރޭގް ރޭސިންގ އިވެންޓްގެ 13 ކެޓަގަރީއަކުން 55 ރައިޑަރުން ބައިވެރިވި މި އިވެންޓްގައި ކުޅުދުއްފުށީގެ ރައިޑަރުން ކާމިޔާބުކޮށްފައިވަނީ ތިން ކެޓަގަރީއެކެވެ.
އެއީ، އަންޑަރ ބޯން 125 ސީސީގެ ޗެމްޕިއަންކަން ކަމާއި އަޑަރ ބޯން 150 ސީސީގެ ކެޓަގަރީގެ އިތުރުން އަޑަރ ބޯން އޯޕަން އިވެންޓްގެ 125-150 ސީސީގެ ކެޓަގަރީން އެވެ.
އަންޑަރ ބޯން 125 ސީސީ ކެޓަގަރީގައި 10 ރައިޑަރުން ބައިވެރިވިއިރު އެ ކެޓަގަރީގައި ވާދަކޮށް ކުޅުދުއްފުއްޓަށް ރީތި ނަން ހޯދައިދިނީ މުހައްމަދު ނާޖިހް އިސްމާއިލެވެ. އޭނާ ވަނީ އެ ކެޓަގަރީ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި އަންޑަރ ބޯން ކެޓަގަރީ 150 ސީސީގައިވެސް ދިހަ ރައިޑަރުން ވާދަކުރިއިރު އެ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިދިނީ ޔޫސުފް ޒިމާމް މުހައްމަދެވެ.
މީގެ އިތުރުން ޔޫސުފް ޒިމާމް މުހައްމަދު ވަނީ 16 ރައިޑަރުންނާ ވާދަކޮށް، އަޑަރ ބޯން އޯޕަން އިވެންޓް 125-150 ސީސީގެ ކެޓަގަރީންވެސް ޗެމްޕިއަންކަން ހޯދާފަ އެވެ. ކުޅުދުއްފުއްޓަށް ނިސްބަތްވާ މި ދެ ރައިޑަރުންވެސް މި މުބާރާތުގައި ވާދަކޮށްފައިވަނީ ބީސްޓް ކުރޫ ޓީމުގެ ނަމުގައި އެވެ.
ކުޅުދުއްފުށީގައި މޮޓޯ ރޭސިންއަށް ލޯބިކުރާ ގިނަ އަދަދެއްގެ ޒުވާނުން އުޅެ އެވެ. މީގެ އިތުރުން ބައެއް އަހަރުތަކުގައި މޮޓޯ ރޭސިންގެ ބައެއް އިވެންޓްތައްވެސް ކުޅުދުއްފުށީގައި ބާއްވާފައިވެ އެވެ.