އެކި ދާއިރާތަކުން ރަށަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ކުޅުދުއްފުށީ ކައުންސިލުން ނިންމައިފި އެވެ. ކައުންސިލުން މިގޮތަށް ފާސްކުރީ މިދިޔަ ހަފްތާ އެ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި އެވެ.
ކައުންސިލް މެމްބަރު ސަމާ އަލީ ހުށައެޅުއްވި މިކަމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، އެކި ދާއިރާއިން ރަށަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ކައުންސިލުން ފާސްކޮށްފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ އުސޫލު ހެދުމުގެ މަސައްކަތް ކަމަށެވެ.
އޭނާ ވިދާޅުވީ، ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގު ވަޒަން ކުރާނީ އެކި ދާއިރާތަކުން ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާ އާއި މަސައްކަތުގެ ދާއިރާ އަދި ކުޅިވަރުގެ ދާއިރާ ފަދަ މުހިންމު ދާއިރާތައް ހިމެނޭނެ ކަމަށް ލަތީފް ވިދާޅުވި އެވެ.
ގައުމީ ފެންވަރުގައި ބާއްވާ ގިނަ މުބާރާތްތަކުން ކުޅުދުއްފުށީގެ ޒުވާނުން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ ހުޅުމާލޭގައި ކުރިއަށްގެންދިޔަ މޮޓޯ ރޭސިންގ އޯޕަން އިވެންޓްގައި ކުޅުދުއްފުށީގެ ދެ ރައިޑަރަކު ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.
ކުޅިވަރުގެ ދާއިރާއިން އެތްލެޓިކްސްއަށް ބަލާލިޔަސް ކުޅުދުއްފުށީގެ އެތްލީޓުންނަކީ ގައުމީ ފެންވަރުގައި ކާމިޔާބީތަކެއް ހޯދަމުންދާ އެތުލީޓުންނެވެ. އެގޮތުން ބައެއް އެތުލީޓުންވަނީ ރާއްޖޭން ބޭރުގައި ބާއްވާ މުބާރާތްތަކުންވެސް ވާދަކޮށްފަ އެވެ.