ޔޫތް މިނިސްޓްރީ އާއި ކުޅުދުއްފުށީ ކައުންސިލް އަދި ކޮމިއުނިޓީ ސެންޓަރު ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ފޮޓޯގްރަފީ ޓްރެއިނިންގ ވޯކްޝޮޕް ނިންމާލައިފި އެވެ.
ހަތް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގުރާމްގައި 20 ޒުވާނަކު ބައިވެރިވި އެވެ. ހިލޭ ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި ކިޔަވައިދެއްވީ ފޮޓޯގްރަފީގެ ދާއިރާއިން ގައުމީ އިނާމު ހާސިލްކޮށްފައިވާ، މަޝްހޫރު ފޮޓޯގްރާފަރު މުހައްމަދު ޝާފީ އެވެ.
މި ވޯރކްޝޮޕް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އަޕަރ ނޯތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަސްވާ ވިދާޅުވީ، މި ޕްރޮގުރާމުން ދަސްވި ހުނަރު ބޭނުންކޮށްގެން ކުރިމަގުގައި ދާއިރާއިން އިތުރު ހުނަރު ހޯދައި ކުރިއަށްދިނުމަށް ނަސޭހަތްތެރިވެފަ އެވެ.
ފޮޓޯގްރަފީގެ ދާއިރާއަކީ ޕްރޮފެޝަނަލް ދާއިރާއެއްކަން ފާހަގަކުރައްވަމުން ނަސްވާ ވިދާޅުވީ، މި ދާއިރާއިން ކުރިއަށްދެވޭނެ ވަރަށް ގިނަ ފުރުސަތުތައް މިއަދު ރާއްޖޭގައި ހުރިކަމަށާއި އެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެދިލެއްވި އެވެ.
މި ވޯރކްޝޮޕުން އެންމެ ރަނގަޅު ބައިވެރިއަކަށް ހޮވުނީ ސަނާ އިބުރާހިމެވެ. އޭނާއަށް ވަނީ އިނާމަކަށް ކެމެރެއާއެއްދީފަ އެވެ.
މިރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗުގެ މެނޭޖަރު އައިޝަތު އަބުދުއްރަހީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، މިފަދަ ގިނަ ޕްރޮގުރާމްތަކެއް ލިބިގެންދިޔުމަކީ ކުޅުދުއްފުށީގެ ޒުވާނުންނަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާ ޒުވާނުންނަށް އެކި ދާއިރާތަކުން ކުރިއަރުވައި ފަނުން ދަސްކޮށްދިނުން އިތުރުކުރަން ޖެހޭ ކަމަށެވެ.
އަދުގެ ސަރުކާރުން މިފަދަ ޕްރޮގުރާމްތައް ހިންގުމަށް ހިންގުމަށް ވަރަށް އިސްކަންދޭ ކަމަށާ އެކަމަށްޓަކާ ޔޫތް މިނިސްޓަރު މަހުލޫފަށާއި ކޮމިއުނިޓީ ސެންޓަރު ހިންގަން ހަވާލުވެހުންނެވި ޝައުފާ އިބުރާހިމް ހިލްމީއަށް ލަތީފް ޝުކުރުއަދާކުރެއްވި އެވެ.
"ޒުވާނުން އެކި ދާއިރާތަކުން ކުރިއަރުވާ ފަނުންތައް ދަސްކޮށްދީ، ޒުވާނުންގެ ދައުރު އިތުރުކުރަން އެބަޖެހޭ. އެގޮތުން މިދިޔަ ދުވަސްތަކުގައި މިވަނީ ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކުގައި ޝައުފާގެ ބުރަ މަސައްކަތުން ވަރަށް ގިނަ ޕްރޮގުރާމްތަކެއް ހިންގިއްޖެ." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކައުންސިލާއި ވަރަށް ގާތުން މިނިސްޓަރު މަހުލޫފް މަސައްކަތް ކުރަމުންގެންދާ ކަމަށާއި ކުރިއަށްއޮތްތަނުގައި ޒުވާނުންގެ ހުނަރުވެރިކަން އިތުރުކޮށްދިނުމަށްޓާ ގިނަ ކަންތައްތަކެއް ރާވާފައި ހުރިކަމަށް ލަތީފް ވިދާޅުވި އެވެ. މިކަންކަން ކާމިޔާބުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކޮމިއުނިޓީގެ ސެންޓަރުކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ.