ދުނިޔޭގެ ދިހަވަނައަށް އެންމެ ބޮޑު ކަނޑޫފާ، ހދ ނޭކުރެންދޫގައި އޮތުމަކީ ރާއްޖެއަށް އަދި ވަކިން އެރަށަށް ހާއްސަކޮށް މިއަތޮޅަށާއި އެރަށަށް ލިބޭ ވަރަށް ބޮޑު ފަހުރެކެވެ. ރާއްޖެއަށް ކުރިމަތިވި ބޮޑެތި ތަދުމަޑުކަމުން ސަލާމަތްވުމަށް މި ކަނޑޫފާގެ ހިއްސާ ވަރަށްވެސް ބޮޑެވެ. ޒަމާން ބަދަލުވެ ކަނޑޫފާތައް މިހާރު ބޭނުންކުރަނީ ހިތްހަމަޖައްސާލުމަށާއި ފަތުރުވެރިކަމާއި ތައުލީމީ ދާއިރާގެ ތަފާތު އެކި ކަންކަން ކުރުމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފަލުން ނަފާ ހޯދުމަކީ ނޭކުރެންދޫ ރައްޔިތުން ދެކެމުންދާ ހުވަފެނެކެވެ. އެ ހުވަފެނުގައި ހަގީގީ ކުލަ ޖައްސާނެކަމުގެ ފެހި ސިގްނަލް، އަދުގެ ރައީސުލް ޖުމްހޫރިއްޔާ ދެއްވި ހިސާބުން ފަށައިގެން ކަނޑޫފަލަށް އޮތް ސަމާލުކަން ވަނީ އިތުރުވެފަ އެވެ. ނޭކުރެންދޫ ކަނޑޫފާ ބަލާލުމަށާއި ތައުލީމީ އެކި ޕްރޮޖެކްޓްތަކަށް ކޮންމެ އަހަރުވެސް ގިނަ ބަޔަކު އެރަށަށް ޒިޔާރާތްކުރެ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފަލުގެ އިތުރުން ދުނިޔޭގެ ދިހަވަނައަށްވެސް އެންމެ ބޮޑު ކަނޑޫފަލަށް ވާތީ އެވެ.
ކަނޑޫފަލަކީ އެރަށުގެ ފަހުރެކެވެ. ޒިޔާރާތްކުރާ ފަރާތްތަކަށް ދެއްކެން އޮތް އަގުބޮޑު ގުދުރަތީ ވަސީލަތެއްވެސްމެވެ. އެހެންވެ އަބަދުވެސް ކައުންސިލުން ކަނޑޫފަލަށް ހާއްސަ ސަމާލުކަމެއް ދިނެވެ އެވެ. އަދި އެތަނަކީ މަންފާ ހޯދޭނެތަކެއްކަން ކައުންސިލުން އަބަދުވެސް ގަބޫލުކުރި އެވެ. އެއީ ހަގީގަތެއްކަން ދައްކައިދީނީ ރަށުގައި މޫނުމަތީގައި ހެދި އެރަށުގެ ނަން ސިފަވާ މޮނިއުމެންޓުންނެވެ.
ފެންގަނޑެއްގައި ކަނޑޫ ގަސްތަކެއްގެ ލަކުޑިތަކެއްގެ މަތީގައި އަކުރުތައް އަތުރާލާފައިވާއިރު ދެ ކަނޑޫވަތް ކުރިމަތީގައި ބާއްވާލާފައިވާ މަންޒަރުން އެރަށަކީ ކަނޑޫފަލެއް އޮންނަ އަދި އެކަމަށް ފަހުރުވެރިޔާ ރައްޔިތެއް އުޅޭ ރަށެއްކަން ވަރަށް ސާފުކޮށް ބުނެދެވެ އެވެ. މޮނިއުމެންޓް ދުރަށް ފެންނައިރު އިތުރު ފުރިހަމަކަން ގެނެސްދެނީ ފަހަތުން ފެންނަ ބިޔަ ގަސްތަކުންނެވެ.
"އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ މަސައްކަތެއް މިއީ. އަޅުގަނޑުމެން ކުރީގައި ކައުންސިލްގައި އެކި ފަހަރުމަތިން ވާހަކަ ދެކެވިފައި އެކަމަކު ވަރަށް ދުވަސްފަހުން މި މޮނިއުމެންޓް ވުޖޫދަށް ގެނެވިފައިމިވަނީ. ވަރަށް ހިތްހަމަޖެހޭ މި މަސައްކަތްތާ މެދު." ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ އާދަމް ވިދާޅުވި އެވެ.
ހދ އަތޮޅު ކައުންސިލްގެ މުވައްޒަފުން އިއްޔެ މޮނިއުމެންޓް ބަލާލުމަށް އެރަށަށް ގޮސް ނެގި ފޮޓޯތައް ޝޯސަލް މީޑިއާއަށް ދޫކޮށްލުމަކާއެކު ގިނަ ބައެއްގެ ތައުރީފު އެ މޮނިއުމެންޓަށް ލިބިގެންދިޔަ އެވެ. އަލީ ވިދާޅުވީ، މޮނިއުމެންޓްގެ ފޮޓޯތައް ފެނި ވަރަށް ގިނަ ބަޔަކު ގުޅައި ތައުރީފު ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްގެންދިޔައީ ކިހެނެތްތޯ ބަލައި އޮޅުންފިލުވާކަމަށް އޭނާ ވިދާޅުވި އެވެ.
ތަފާތު މޮނިއުމެންޓްގެ ގޮތުގައި ފާހަގަކޮށް މީހުންގެ ތައުރީފު ލިބެމުންދިޔުމަކީ އަލީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެވެ.
"އަސްލު އަޅުގަނޑުމެން ބޭނުންވީ އެހެން ރަށްރަށާއި ތަފާތު ގޮތަކަށް، ވާހަކައަކީ އެ ބަލާލާ މީހަކަށް އަޅައިގަންނަ ރީތި ވާނެގޮތަކަށް. އެހުރިހާ ސިފައެއް މޮނިއުމެންޓްގައި އެބަހުރި. އަޅުގަނޑަށް އެކިރަށްރަށުން އެކި ބޭފުޅުން އެބަގުޅުއްވާ ވިދާޅުވޭ އެބަ މޮނިއުމެންޓް ވަރަށް ރީތިކަމަށް. އެހެންވީމަ ވަރަށް ހިތްހަމަޖެހިފަ މި ހުންނަނީ ރަނގަޅު އެއްޗެއް ވުޖޫދަށް ކުރެވުނީމަ." އަލީ ވިދާޅުވި އެވެ.
މޮނިއުމެންޓްގެ މަސައްކަތް ކުރިއަށްދިޔަގޮތާ ބެހޭގޮތުން އަލީ ވިދާޅުވީ ރަށުގެ ނަމުގެ އަކުރުތަކަކީ ހިލޭ ސާބަހަށް އެރަށު ސަބްނަމް، ފަތުހުﷲ އިބްރާހިމް ހަދިޔާކުރި އަކުރުތަކެއް ކަމަށެވެ. އެއީ ރަށުގެ ނަން ބަނދަރު ސަރަހައްދުގައި ހަރުކުރުމަށް ކުރިންވެސް ހަދިޔާކޮށްފައިވާ އަކުރުތަކެއްކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ އަމިއްލަ ފަރާތަކުން ހަދިޔާ ކުރީ އަކުރުތައް. ކުރީގައިވެސް ކައުންސިލުން ގެންގުޅުން ވިސްނުމެއް މިއީ ރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ގާއިމް ކުރުމަށް. އެގޮތުން އަޅުގަނޑުމެނަށް ފުރަތަމަ ލިބުނު އެހީއަކީ އެ އަކުރުތައް. އޭގެފަހުން 2020 ޑިސެންބަރު، ނޮވެންބަރު ހިސާބުގައި އަތޮޅު ކައުންސިލްގެ ގްރާންޓެއް އަނެއްކާ މި ލިބުނީ އިތުރަށް. ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓެއް ގާއިމުކުރުމަށް." އަލީ ވިދާޅުވި އެވެ.
އަތޮޅު ކައުންސިލުން ކޮންމެ ރަށެއްގައި މޮނިއުމެންޓް ހެދުމަށް 50،000 ރުފިޔާގެ ގްރޭންޓެއް ދިނުމަށް ފާސްކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެ ގްރާންޓުން އެންމެ ފުރަތަމަ މޮނިއުމެންޓް ހެދީ ނޮޅިވަރަންފަރުގަ އެވެ.
އެއްމެ ބޮޑު ކަނޑޫފާ އޮތް ރަށް ހދ. ނޭކުަރަންދޫ ، ނަމޫނާ މަސައްކަތެއް❤️. 🙏@ZahaWaheed @DrHussainHassan @hdhNeykurendhoo pic.twitter.com/v02kPFNB31
— Mohamed Raee / Makunudhoo Constituency (@Mraee12) February 2, 2021
އޭނާ ވިދާޅުވީ، ގްރާންޓް ހަމަޖެހުމާއެކު ރަށުގެ ނަން ރަމުޒުކޮށްދޭ ގޮތަށް މޮނިއުމެންޓް ހެދުމަށް ޑިޒައިން ކުރުމަށް ހުޅުވާލައި މުބާރާތެއް ބޭއްވީ ކަމަށެވެ. އެއްވަނައަށްދާ ފަރާތަށް ފައިސާގެ އިނާމުވެސް ލިބޭގޮތަށް މި މުބާރާތް ހުޅުވާލީ ޝަރުތުތަކަކާއެކު އެވެ. އެގޮތުން ނޭކުރެންދޫ ރަމްޒުކޮށްދޭ ސިފައެއް މޮނިއުމެންޓްގައި ހުރުން ލާޒިމުކޮށްފައިވެ އެވެ. އެ މުބާރާތުގައި ދިހަވަރަކަށް ހުށަހެޅުމެއް ލިބުނުއިރު އެއްވަނައަށް ދިޔައީ މުއާވިޔަތު އަލީގެ ހުށަހެޅުމެވެ. އޭނާއަށް ފައިސާގެ އިނާމު ހުށަހެޅި ނަމަވެސް އެ މަސައްކަތް ކައުންސިލަށް ކޮށްދިނީ ހިލޭ ސާބަހަށެވެ. އެހެންވެ މުއާވިޔަތަށާއި ފަތުހްﷲ އަށް ކައުންސިލްގެ ރައީސް ހާއްސަ ޝުކުރެއް އަދާކުރެއްވި އެވެ.
މޮނިއުމެންޓް ހެދުމަށް ހުޅުވާލުމުން އެ ފުރުސަތުގައި އެންމެ ކުޑައަގެއް ހުށަހެޅުވި ފަރާތާ މަސައްކަތް ހަވާލުކުރީ ގާތްގަނޑަށް ޑިސެމްބަރުމަހުގެ ތެރޭގައި އެވެ. އެހެންވުމުން އަތޮޅު ކައުންސިލްގެ ގުރާންޓުން އެ މަސައްކަތް ނިންމާލެވުނުކަން އަލީ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ މޮނިއުމެންޓް ތައްޔާރުކޮށްފައިވަނީ ސިމެންތި އާއި ޕީވީސީ ހޮޅި އެވެ. ބޮޑުބައި ނިންމާލާފައިވާއިރު މިހާރު ކުރިއަށްއޮތީ ލައިޓް ހަރުކުރުމުގެ މަސައްކަތެވެ.
އަލީ ވިދާޅުވީ، ލައިޓް ހަރުކުރުމަށް ބޭނުންވާ ކަރަންޓް ލުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށާ ހައިޓްހަރުކޮށްލުމުން މަސައްކަތް ނިމުނީ ކަމަށެވެ.